އެމްބާޕޭ ނަމޫނާއަކަށް ބަލަނީ ރޮނާލްޑޯ، މެސީ އެއް ނޫން!

Advertisement

އެމްބާޕޭ ނަމޫނާއަކަށް ބަލަނީ ރޮނާލްޑޯ، މެސީ އެއް ނޫން!

ޢަބްދުﷲ އަޝްރަފް
އެމްބާޕޭ އާއި ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗެެއްގެ ކުރިން.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް އެންމެ ގިނަ ފަހަރު ހޯދައިފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ބާސެލޯނާގައި ހުރެގެން  ކާމިޔާބީ ހޯދި ގޮތަށް އެއް ކްލަބެއްގައި ހުރެގެން އެކަން ކުރަން ބޭނުންނުވާ ކަމަށާއި ނަމޫނާ އަކަށް ބަލާނީ ޕޯޗްގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

2016 ވަނަ އަހަރު ފްރާންސްގެ މޮނާކޯގައި ދެއްކި މޮޅު ކުޅުމާއެކު ބޮޑު އަގަކަށް ޕީއެސްޖީއަށް ބަދަލުވެ އެ ކުޅުން ތަކުރާރުކޮށް އެންމެ ފަހުގެ ވޯލްޑް ކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމުގައި ބޮޑު ހިއްސާއެއް އެމްބާޕޭ އަދާކޮށްފައިވުމާއެކު އުމުރުން 21 އަހަރުގެ ފޯވާޑް ބެލެވިފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ފުޓްބޯޅައިގައި އެންމެ ބޮޑަށް ވިދާލާނެ އެއް ކުޅުންތެރިޔާގެ ގޮތުގަ އެވެ.

“މެސީ ބިނާކުރި ކަހަލަ ކެރިއަރ އެއް ބައްޓަންކުރަން މިހާރު އަހަރެންނަށް މާ ލަސްވެއްޖެ. އެކަން ކުރަންޏާ އަހަރެން މަޑުކޮށްގެން ހުރީހީ މޮނާކޯ ގައި. މެސީގެ ކެރިއަރ އިން ފިލާވަޅު ލިބިގަތުމުގެ ބަދަލުގައި އަހަރެން މިހާރު ބޭނުންވަނީ ރޮނާލްޑޯގެ ކެރިއަރ އިން ހިތްވަރު ލިބިގަންނަން.” ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނެފައިވެ އެވެ.

އެމްބާޕޭ ކުޑައިރު ރޮނާލްޑޯއާ އެކު، ނަމޫނާއަކަށް ބަލަނީ ރޮނާލްޑޯ ކަމަށް ދާދިފަހުން އެމްބާޕޭ ވަނީ ބުނެފައި

“ފްރާންސްގެ ކުޅުންތެރިއެއް ނަމަ ބޮޑުވެގެން އަންނާނީ ޒިދާން ނަމޫނާއެއްގެ ގޮތުގައި ބަލައިގެންކަން ޔަގީން. އޭގެ ފަހުން އަހަރެން ނަމޫނާއަކަށް ބަލަމުން އައީ ކްރިސްޓިއާނޯ. ކްރިސްޓިއާނޯ އާ ދެކޮޅަށް ކްލަބް ފެންވަރުގައާއި ގައުމީ ޓީމްގެ ފެންވަރުގައި ކުޅެން ފުރުސަތު ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް. ބްރެޒިލް ކުޅުންތެރިންނަކީވެސް އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިން. އޭގެ ތެރޭގައި ޕެލޭ، ރޮނާލްޑޯ އަދި ކަކާ ހިމެނޭ.” އެމްބާޕޭ ބުނެފައިވެ އެވެ.

އެމްބާޕޭ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގޯލް ޖަހައިގެން ވޯލްޑް ކަޕް މުބާރާތެއްގައި ގޯލްޖެހި ފްރާންސްގެ އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ފައިނަލުގައި ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗްގައި ކާމިޔާބުކުރި ގޯލާއެކު ވޯލްޑްކަޕް މުބާރާތުގެ ފައިނަލް މެޗެއްގައި ލަނޑު ޖެހި ޓީން އޭޖް ދެކުޅުންތެރިންގެ ތެރެއިން އެކަކުގެ ގޮތުގައި ރެކޯޑް ފޮތުން ޖާގަ ހޯދައިފަ އެވެ. އެ ޝަރަފް ލިބިފައިވާ އަނެއް ކުޅުންތެރިއަކީ ބްރެޒިލްގެ ޕެލޭ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *