ފްރާންސްގެ ކޯޗުކަން ޒިދާނަށް ހިބަކޮށްދީފި

Advertisement

ފްރާންސްގެ ކޯޗުކަން ޒިދާނަށް ހިބަކޮށްދީފި

ޢަލީ ޝަހީމް
1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ޒިދާން. ރެއާލަށް ފަހު ގައުމީ ޓީމާ ހަވާލުވުމުގެ ފުރުސަތު ބޮޑު

އެގައުމުގެ މިހާރުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް މަގާމުން ވަކިވުމުން، ބަދަލުގައި ގެންނަން މަސައްކަތް ކުރާނީ މިހާރު ރެއާލް މެޑްރިޑަށް އިރުޝާދުދެމުން އަންނަ ޒިނެދިން ޒިދާން ކަމަށް ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ނޮއެލް ލީ ގްރައެޓް ވިދާޅުވެއްޖެ އެވެ.

ޒިދާން ފްރާންސްގެ ކޯޗުކަމާ ހަވާލުވުމުގެ ވާހަކަތައް މީގެ ކުރިން ވެސް ވަނީ ދެކެވިފަ އެވެ. ޑެޝޯމްޕްސް އާއި ޒިދާނަކީ 1998 ވަނަ އަހަރު ވޯލްޑް ކަޕް އެގައުމުން ކާމިޔާބުކުރި ޓީމުގެ މުހިއްމު ދެކުޅުންތެރިންނެވެ. އެފަހަރުގެ ޗެމްޕިއަންކަން ހޯދިއިރު ކެޕްޓަނެއްގެ ގޮތުގައި ހުރި ޑެޝޯމްޕްސް ވަނީ ފްރާންސްގެ ކޯޗުކަމާ ހަވާލުވެ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެގައުމަށް ހޯދައިދީފަ އެވެ.

Advertisement

“ޑިޑިއޭ (ޑެޝޯމްޕްސް) އެއްބަސްވުން އުވާލައިފި ނަމަ ނުވަތަ އެއްބަސްވުން އާނުކޮށްފި ނަމަ، ޒިދާންގެ އެވެއިލަބިލިޓީއަށް ބަލާފަ އޭނާއަށް މަގާމު ދޭނަން” ގްރައެޓް ވިދާޅުވި އެވެ.

ފްރާންސްގެ ކޯޗުކަމާ ޑެޝޯޕްމްސް ހަވާލުވީ 2012 ވަނަ އަހަރު އެވެ. ޑެޝޯޕްސްގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުން ފްރާންސް ކެޓިއިރު 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެވެ. އެކަމަކު ފައިނަލުގައި ހިތްދަތި ގޮތަކަށް ޕޯޗުގަލް އަތުން 1-0 އިން ބަލިވީ އެވެ. ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އޭގެ ފަހުން ވެސް އޭނާއަށް އިތުބާރުކޮށް ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ވެސް ގައުމަށް އިރުޝާދުދިނުމުގެ ފުރުސަތުދީފަ އެވެ. ގައުމީ ޓީމާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ޑެޝޯޕްމްސް ވަނީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕާއި ހަމައަށް ފްރާންސްގެ ކޯޗުގެ ގޮތުގައި ހުންނަން މިދިޔަ މަހު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ޒިދާން ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސަން ފްރާންސް ފެޑެރޭޝަނުން މަސައްކަތް ކުރަނީ ވޯލްޑް ކަޕަށް ފަހު ޑިޝޯޕްސް ކޯޗުކަމުން ވަކިވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

“ގަތަރު ވޯލްޑް ކަޕްގައި ޑިޑިއޭ ހުންނާނީ، ފަހަރެއްގެ އޭގެ ފަހުން ވެސް ހުރެދާނެ. ނޭނގެ ޔަގީންކަމާއެކު ބުނާކަށް” ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރައީސް ގްރައެޓް ވިދާޅުވި އެވެ.

ގްރައެޓް ވަނީ މީގެ ކުރިން ވެސް ފްރާންސްގެ ކޯޗުކަން ޒިދާނާ ހަވާލުކުރަން ބޭނުންވާކަމަށް ބުނެފަ އެވެ. އަދި، މަގާމުން ވަކިވުމުން ފްރާންސްގެ ކޯޗުކަން ކުރުން އެންމެ ހައްގު އެކަކީ ޒިދާން ކަމަށް ކޯޗު ޑެޝޯޕްމްސް ވެސް ވަނީ މިދިޔަ އަހަރު ބުނެފަ އެވެ.

ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމަށް ފަހު ކުއްލި ގޮތަކަށް ޒިދާން އެ ކްލަބް ދޫކޮށްލީ 2018 ވަނަ އަހަރު އެވެ. އެކަމަކު މިދިޔަ އަހަރު ކްލަބުގެ ނަތީޖާތައް މާބޮޑަށް ދަށްވުމުން ރެއާލުން ވަނީ އެޓީމުގެ ކޯޗަކަށް ޒިދާން އަލުން ހަމަޖައްސައިފަ އެވެ. ޒިދާނުގެ ކޯޗުކަމުގައި ރެއާލުން ވަނީ މި މަހު ސައުދީ އަރަބިއާގައި އޮތް ސްޕެނިޝް ސުޕަރ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ ޕޮއިންޓުގެ ގޮތުން އެއްވަރުއިރު ކޮޕަ ޑެލްރޭގެ ގަދަ 16 އަށް ރެއާލް މިހާރު ވަނީ ދަތުރުކޮށްފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ ލިބުނު ރެއާލް އެ މުބާރާތުގެ ދެ ވަނަ ބުރުގައި ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.

ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވެ ކްލަބާއެކު ޒިދާން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ އެއްބަސްވުން ހަމަވުމުގެ ކުރިން ރެއާލުގައި މަޑުކުރަން ޒިދާން ނުނިންމައިފި ނަމަ އޭނާ ފްރާންސްގެ ކޯޗުކަމާ ހަވާލުވުމުގެ ފުރުސަތު ބޮޑުކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *