ތިން ވަނަ ޑިވިޝަނުގެ އިބީޒާ އަތުން ބާސެލޯނާ މޮޅުވީ ފަހު ވަގުތު

ސްޕެނިޝް ކޮޕަ ޑެލްރޭ ގައި ރޭ ތިން ވަނަ ޑިވިޝަނުގެ ޔޫޑީ އިބީޒާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވާން ދަނިކޮށް އޮންޓުއަން ގްރީޒްމަން އިތުރު ވަގުތުގައި ޖެހި ގޯލުން 2-1 އިން ބާސެލޯނާ މޮޅުވެއްޖެ އެވެ. ގަދަ 32 ޓީމު ހިމެނޭ ބުރުގައި ހޯދި ހަނި މޮޅާއެކު ބާސެލޯނާ ވަނީ ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފަ އެވެ.
ރޭގެ މެޗަކީ އާ ކޯޗު ކީކޭ ސެޓިއެންގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ ކުޅުނު ލީގު މެޗުގައި ގްރަނާޑާއާ ވާދަކޮށް އެޓީމު ވަނީ 1-0 އިން މޮޅުވެފަ އެވެ. އިބީޒާއާ ދެކޮޅަށް ރޭ ލިއޮނަލް މެސީއާ ޖެރާޑް ޕީކޭ ކުޅެފައެއްނުވެ އެވެ. ޒުވާން ބައެއް ކުޅުންތެރިންނާއެކު ގްރީޒްމަން އާއި އަންސޫ ފާޓީ އަދި އިވާން ރަކިޓިޒް، ފްރޭންކީ ޑި ޔޮން އަށް ކޯޗު ރޭ ވަނީ ފުރުސަތުދީފަ އެވެ. ޒުވާން ކުޅުންތެރިންގެ ތެރެއިން ސްޕެއިނަށް އުފަން 20 އަހަރުގެ އުއްމީދީ މިޑްފީލްޑަރު ރިކުއީ ޕުއީ ރޭ ވަނީ މެޗުގެ ބޮޑުބައެއްގައި ކުޅެފަ އެވެ.
އާޓިފިޝަލް ޕިޗެއްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ އިބީޒާއިންނެވެ. ނުވަ ވަނަ މިނެޓުގައި އެޓީމަށް ގޯލު ޖަހައިދިނީ ހާވީ ޕެރޭޒް އެވެ. ބާސެލޯނާއިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 20 މިނެޓުގައި ގްރީޒްމަން ޖެހި ދެ ގޯލުންނެވެ. ފުރަތަމަ ގޯލު 72 ވަނަ މިނެޓުގައި ޑި ޔޮން ދިން ޕާހަކުން ޖެހިއިރު އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި ބާސެލޯނާ މޮޅުކޮށްދިން ގޯލު ގްރީޒްމަން ޖެހީ ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު އެވެ.
މިއީ ކޮޕަ ޑެލްރޭގައި އިބީޒާ އިން ވާދަކުރި ފުރަތަމަ ސީޒަނެވެ. އެޓީމުގެ ކޯޗަކީ މިހާރު ބާސެލޯނާގެ ކޯޗު ސެޓިއެއްއާއެކު ސްޕެނިޝް ކްލަބް ރޭސިން ސަންޓެންޑާއަށް ކުޅުނު ޕަބްލޯ އަލްފާރޯ އެވެ. 2015 ވަނަ އަހަރު އުފެދުނު މި ކްލަބް މިވަގުތު އޮތީ ސްޕެނިޝް ސެގުންޑާ ޑިވިޝަނުގެ ގްރޫޕް ބީގެ ތިން ވަނައިގަ އެވެ. ބާސެލޯނާއާ ދެކޮޅަށް އެޓީމުން ފުރަތަމަ ފަހަރަށް ކުޅުނު މެޗު ބެލުމަށް 4500 މީހުންގެ ޖާގައިގެ ދަނޑަށް 6445 ސަޕޯޓަރުން ވަނީ ވަދެފަ އެވެ.
32 ޓީމުގެ ބުރުގައި ރޭ ރެއާލް މެޑްރިޑް ވެސް ވަނީ ޔުނިއޯނިސްޓާސްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށް ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ. ރެއާލާ ދެކޮޅަށް ނުކުތް ޓީމަކީ ވެސް ތިން ވަނަ ޑިވިޝަނުގައި ވާދަކުރާ ކްލަބެކެވެ. މެޗުގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި ގަރެތު ބޭލް ޖެހިއިރު ޔުނިއޯނިސްޓާސް އިން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު އަލްވާރޯ ރޮމޭރޯގެ ގޯލުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ރެއާލަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ލިބުނީ އޭގެ އިރުކޮޅެއް ފަހުން ހުއާން ގޮންގޯރާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ރެއާލްގެ ފަހު ގޯލު އިތުރު ވަގުތުގައި ޖެހީ މެންޗެސްޓަރ ސިޓިން އެޓީމަށް ބަދަލުވި ޒުވާން ކުޅުންތެރިޔާ ބްރަހިމް ޑިއާޒް އެވެ.
Advertisement


Leave a Reply