ބާންލީ އަތުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބާންލީއާ ވާދަކޮށް މެންޗެސްޓަރ ޔުނައިޓެޑް 2-0 އިން ބަލިވެއްޖެ އެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި މިދިޔަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ލިވަޕޫލުން އަތުން ވެސް މި ނަތީޖާއިން އެޓިމު ވަނީ ބަލިވެފަ އެވެ.
ރޭގެ މެޗަށް ފަހު ފުޓްބޯޅައިގެ އެނަލިސްޓުންނާއި ޔުނައިޓެޑްގެ ސަޕޯޓަރުން ވަނީ ޓީމު އޮތް ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި، މެޗުގެ ބޮޑު ބައެއް ބާކީ އޮއްވައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑު ދޫކޮށް ގޮސްފަ އެވެ.
ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ މެޗަށް ފަހު ބުނީ ޔުނައިޓެޑްގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެނުނު ކަމަށާއި އެކަމަކު ކުޅުންތެރިން ވަރަށް ހިތްވަރުކުރި ކަމަށެވެ.
“ޔުނައިޓެޑް ޓީމުގައި ލިބޭނެ ނަސީބަކީ މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބް ކަމަށް ވާތީ. ބައެއް ފަހަރު މިކަހަލަ ދުވަސްވަރު ކުރިމަތިވިޔަސް އަހަރެންނަށް ޔަގީން މި ކުޅުންތެރިން އަދި އެނބުރި އަންނާނެކަން” ފާޑުކިޔުން އަމާޒުވެފައި ކޯޗު ބުންޏެވެ.
ޔުނައިޓެޑަށް މި ސީޒަނުގައި 19 ގޯލު ޖަހައިދީފައިވާ މާކަސް ރަޝްފާޑް ވަނީ އަނިޔާގެ ސަބަބުން ދެ މަސް ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިފަ އެވެ. މެޗުގައި އެޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނުނުއިރު ބާންލީން ވަނީ ކޮންމެ ހާފެއްގައި ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި އެޓީމަށް ލީޑު ނަގައިދިނީ ކްރިސް ވުޑް އެވެ. ދެ ވަނަ ހާފުގައި އެޓީމަށް ލީޑު ފުޅާކޮށްދިން ގޯލު ޖެހީ ޖޭ ރޮޑްރިގޭޒް އެވެ.
ރޭގެ މޮޅަކީ 1962 ވަނަ އަހަރުގެ ފަހުން ބާންލީއަށް ލީގުގައި ޔުނައިޓެޑް ދަނޑުގައި ލިބުނު ފުރަތަމަ މޮޅެވެ. އެ އަހަރު އެޓީމުން 5-2 އިން ޔުނައިޓެޑް ބަލިކުރިއިރު ރެޔާ ހަމައަށް އޭގެ ފަހުން ކުޅުނު 15 މެޗުގައި ވެސް މޮޅެއް ނުހޯދުނެވެ. އަނެއްކޮޅުން ޔުނައިޓެޑްގެ ކޯޗުކަމާ ރަސްމީކޮށް މިދިޔަ މާޗް މަހު ސޯލްޝެއާ ހަވާލުވިފަހުން ލިބުނު މޮޅަށް ވުރެ ބަލިވި މެޗުތަކުގެ އަދަދު މިވަނީ ގިނަވެފަ އެވެ. އޭގެފަހުން ޔުނައިޓެޑަށް 11 މޮޅު ލިބުނުއިރު 12 މެޗުން ވަނީ ބަލިވެފަ އެވެ.
ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސް އާއި ލެސްޓަ ސިޓީ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުތައް ކާމިޔާބުކޮށްފަ އެވެ. ޓޮޓެންހަމުން ނޯވިޗް ސިޓީ 2-1 އިން ބަލިކުރި މެޗުގައި ގޯލުތައް ޖަހައިދިނީ ޑެލި އަލީ އާއި ސޮން ހެއުން މިން އެވެ. ނޯވިޗަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ގޯލު ޖެހީ ޓީމޫ ޕޫކީ އެވެ. ލެސްޓާގެ ޖެމީ ވާޑީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފަ އެވެ. އެކަމަކު އެޓީމުން ވަނީ 4-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މެޗުގައި ލެސްޓާގެ ހަތަރު ގޯލުގެ ތެރެއިން އަޔޯޒޭ ޕެރޭޒް ދެ ގޯލު ޖެހިއިރު އަނެއް ގޯލުތައް ޖަހައިދިނީ ޑިފެންޑަރު ރިކާޑޯ ޕެރޭރާ އާއި ހާވީ ބާންސް އެވެ.
ރޭގެ މެޗުތަކަށް ފަހު ޔުނައިޓެޑާ ހަތަރު ވަނައާ ދެމެދު އޮތް ފަރަގު ވަނީ ހަ ޕޮއިންޓަށް ބޮޑުވެފަ އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 40 ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑް ފަސް ވަނައިގައި އޮތީ 34 ޕޮއިންޓާއެކު އެވެ. ތިން ވަނައިގައި އޮތް ލެސްޓާއިން 48 ޕޮއިންޓް ހޯދާފައިވާއިރު ހަ ވަނައިގައި އޮތް ޓޮޓެންހަމް ވަނީ 34 ޕޮއިންޓާއެކު ޔުނައިޓެޑާ އެއްވަރުކޮށްފަ އެވެ. އެޓީމަށް ހަ ވަނަ ލިބެނީ ފައިދާ އެއް ގޯލު މަދުވުމުންނެވެ.
ލީގުގައި މިރޭ ވުލްވްސް އިން އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނެ އެވެ.
Advertisement


Leave a Reply