ޗެލްސީ އާއި އާސެނަލް އެއްވަރު، ސިޓީ އަށް އުނދަގޫ މޮޅެއް

Advertisement

ޗެލްސީ އާއި އާސެނަލް އެއްވަރު، ސިޓީ އަށް އުނދަގޫ މޮޅެއް

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި އާސެނަލް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 1-0 އިން މެންޗެސްޓަރ ސިޓި މޮޅުވެއްޖެ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލު ލިބުނު ޕެނަލްޓިއަކުން ޖޯޖިނިއޯ އެވެ. ޗެލްސީ އަށް ޖޯޖީނިއޯ ލީޑު ނަގައިދިނުމުގެ ދެ މިނެޓު ކުރިން ޑިފެންޑަރު ޑޭވިޑް ލުއިޒް އަށް ރަތް ކާޑު ދެއްކުމުން މެޗުގެ ބޮޑު ބައި އާސެނަލުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ލުއިޒްގެ ރަތް ކާޑަށް ފަހު އޭނާގެ މަގާމް ފުރީ މިޑްފީލްޑަރު ގްރަނިޓް ޒާކާ އެވެ.

އާސެނަލުން މެޗުގެ ނަތީޖާ ހަމަހަމަކުރި ގޯލު 63 ވަނަ މިނެޓުގައި ޖެހީ ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް މާޓިނެލީ އެވެ. ޗެލްސީން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ 84 ވަނަ މިނެޓުގައި ޑިފެންޑަރު ސެޒާ އަޒްޕިލިކުއެޓާ ޖަހައިދިން ގޯލުންނެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން އާސެނަލްގެ ޑިފެންޑަރު ހެކްޓަ ބެޔަރިންގެ ގޯލުން އެޓީމު ވަނީ ދެ ވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުން އެއްވަރުވުމުން އާސެނަލް އޮތީ ހަތަރު ވަނައިގައި 40 ޕޮއިންޓާއެކު އޮތް ޗެލްސީއަށް ވުރެ 10 ޕޮއިންޓް ފަހަތުން 10 ވަނައިގަ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން އާސެނަލަށް ލިބުނީ އެންމެ މޮޅެކެވެ. އެއީ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ވާދަކޮށް 2-0 އިން މޮޅުވި މެޗެވެ.

މެޗަށް ފަހު އާޓެޓާ ބުނީ ޗެލްސީއާ ދެކޮޅަށް ކުޅުންތެރިއަކު މަދުކޮށް އާސެނަލް ކުޅުންތެރިން ދެއްކި ހިތްވަރު ފާހަގަކުރާ ކަމަށާއި، ޓީމު އޮތީ ރަނގަޅު ހާލަތުގައި ކަމަށެވެ.

“އަހަރެމެން މިދަނީ ރަނގަޅު މިސްރާބަށް އެކަމަކު މި މެޗަކީ އެންމެންނަށް ހާއްސަ މެޗަކަށް ނުވާނެ މޮޅު ނުވީމަ” މެޗަށް ފަހު އާޓެޓާ ބުންޏެވެ.

ރޭ ރަށުން ބޭރުގައި ސިޓީ އެއްވަރުވާން ދަނިކޮށް ޝެފީލްޑް ޔުނައިޓެޑް ކޮޅަށް ގޯލު ޖެހީ ބެންޗުން ކުޅެން އެރި ސާޖިއޯ އަގުއޭރޯ އެވެ. މެޗުގައި ސިޓީން އުފެއްދި ހަމަލާތަކުގެ ހުރަހަކަށް ވީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިނގިރޭސި ގޯލްކީޕަރު ޑީން ހެންޑަސަން އެވެ. އޭނާ ވަނީ ގެބްރިއަލް ޖީސުސް ފޮނުވާލި ޕެނަލްޓީއެއްގެ އިތުރުން ރަހީމް ސްޓާލިން އާއި ނިކޮލަސް އޮޓަމެންޑީ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ވެސް ހިފަހައްޓައިފަ އެވެ. 22 އަހަރުގެ ހެންޑަސަން އަކީ ޔުނައިޓެޑްގެ ލޯނު އެއްބަސްވުމެއްގައި ޝެފީލްޑަށް ކުޅެމުން އަންނަ ކީޕަރެކެވެ.

މެޗުން މޮޅުވެ ސިޓީ ވަނީ 51 ޕޮއިންޓާއެކު ދެ ވަނަ މަގާމުގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ތާވަލުގެ ތިން ވަނައިގައި 45 ޕޮއިންޓާއެކު އޮތް ލެސްޓަ ސިޓީ މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. ލީގުގެ އެއް ވަނައިގައި 64 ޕޮއިންޓާއެކު އޮތީ މި ސީޒަނުގައި ބަލިވެފައިނުވާ ލިވަޕޫލް އެވެ.

ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ބާންލީއާ ދެކޮޅަށް ނުކުންނައިރު ޓޮޓެންހަމް އަމިއްލަ ދަނޑުގައި ކުޅޭނީ ނޯވިޗް ސިޓީއާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *