އީގަލްސް އިން ހޯދި ބޮޑު މޮޅުގައި 16 އަހަރުގެ ޒައިން ވިދާލައިފި

Advertisement

އީގަލްސް އިން ހޯދި ބޮޑު މޮޅުގައި 16 އަހަރުގެ ޒައިން ވިދާލައިފި

ޢަލީ ޝަހީމް
މެޗުގައި ޒައިން ބޯޅަ ފޮނުވާލަނީ. ފޯކައިދޫ ކޮޅަށް ދެ ގޯލު ޖެހި. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން 7-0 އިން ށ. ފޯކައިދޫ ފުޓްބޯޅަ ޓީމް ބަލިކުރި މެޗުގައި އުމުރުން އެންމެ 16 އަހަރުގެ ޒައިން ޒަފަރު ދެ ގޯލު ޖަހައިފި އެވެ. ޒައިންގެ އިތުރުން މެޗުގައި އަހުމަދު ރިޒުވާން (ރިޒޭ) ހަތަރު ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ ބިދޭސީ ފޯވާޑް ޓޮޝީކީ އޮކަމޯޓޯ އެވެ.

16 އަހަރާއި އަށް މަހުގެ ޒައިން އަކީ، ކ. ދިއްފުށްޓައް އުފަން އަދި ހުނަރުވެރި ފޯވާޑް ރިޒޭގެ ދެބެއިންގެ ދެ ދަރި ކުއްޖެކެވެ. ޒައިން އީގަލްސް އަށް ކުޅެދިން ފުރަތަމަ މެޗަކީ ތިން ވަނަ ބުރުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވި މެޗެވެ.

އީގަލްސް އިން މިއަދު ވަނީ 18 އަހަރުގެ ހަމްދޫން ލަތީފް (ހަމްދު) އަށް ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތުދީފަ އެވެ. އީގަލްސްއާ އެކު ޔޫތު ޗެމްޕިއަންޝިޕް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ހއ. މާރަންދޫ އަށް އުފަން ހަމްދު އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ހިމެނި ކެޕްޓަންކަން ވެސް ކޮށްފައިވާ ކުޅުންތެރިއެކެވެ.

މިއަދުގެ މެޗަށް ނުކުތްއިރު އީގަލްސްގެ ކެޕްޓަން ހުސައިން ސިފާއު ޔޫސުފް (ކުރޯ) ހުރީ ސަސްޕެންޝަނުގަ އެވެ. އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ އަލީ ފާސިރު (ސެންޓޭ) ބެންޗުގައި އިންއިރު ރިހާމް އަބްދުލްގަނީ (ބޮބީ) އަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ފުރަތަމަ އެގާރައިން ފުރުސަތުދީފަ އެވެ. އަދި، ސަސްޕެންޝަނަށް ފަހު ޓޮޝީކީ ވަނީ މިއަދުގެ މެޗުގައި ކުޅެފަ އެވެ.

ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ފޯކައިދޫގެ ގިނަ ކުޅުންތެރިންތަކެއް އެހެން ކްލަބްތަކަށް ދިއުމުން އެޓީމު ތިން ވަނަ ބުރުގައި ފެންނަނީ ބަލިކަށިކޮށެވެ. އެކަމަކު ލީގުގެ ފުރަތަމަ ދެ ބުރުގައި ފޯކައިދޫން ވަނީ އެއް ވަނަ ޑިވިޝަނުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށްފަ އެވެ. ދެ ވަނަ ބުރުގައި އީގަލްސް ވެސް ވަނީ ފޯކައިދޫ އަތުން ބަލިވެފަ އެވެ. މެޗަށް ނުކުތް ފޯކައިދޫ ޓީމުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ އެންހެލް މުނޯޒް ވަނީ ހިމަނައިފަ އެވެ. މުނޯޒް ވަނީ މި ސީޒަނުގެ ކުރީކޮޅު ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކުޅެފަ އެވެ.

މެޗުގައި ހަތަރު ގޯލު ޖެހި ހުނަރުވެރި ފޯވާޑް ރިޒޭ ބޯޅަ ހިފައިގެން ދަނީ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން އީގަލްސް ކުރީގައި އޮވެގެންނެވެ. މި ދެގޯލު ވެސް ޖަހައިދިނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރިޒޭ އެވެ. ފުރަތަމަ ގޯލު ރިޒޭ ޖެހީ އިމްރާން ނަޝީދު ޖައްސާލި ބޯޅަ އޭރިޔާ ބޭރުގައި ހުރެފައި އެއް ފަހަރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. ރިޒޭ މެޗުގެ ދެ ވަނަ ގޯލު ވެސް ވައްދާލީ މަތީ ކަނަށެވެ. މި ގޯލަށް އެހީތެރިވެދިނީ ބޮބީ އެވެ.

ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ރިޒޭ ވަނީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ފަސޭހަކަމާ އެކު ދުރު ކަނަށް ވައްދާލައިގެން ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ މި ސީޒަނުގައި ރިޒޭ ހެދި ފަސް ވަނަ ހެޓްރިކެވެ. 54 ވަނަ މިނެޓުގައި ރިޒޭ ހަތަރު ވަނަ ގޯލު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އަރިމަތިން ނަގައިދިން ބޯޅަ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ކޯޗު މޯހަން ޒައިން އަށް ފުރުސަތު ދިނީ މިޑްފީލްޑަރު ބޮބީ ބޭލުމަށް ފަހު މެޗުގެ 58 ވަނަ މިނެޓުގަ އެވެ. މެޗުގައި ޒައިން ގޯލުތައް ޖެހީ 66 ވަނަ މިނެޓާއި 72 ވަނަ މިނެޓުގަ އެވެ. 18 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ އިބްރާހީމް އިމްރާން ދިން ޕާސް ކޮންޓްރޯލް ކުރުމަށް ފަހު ޒައިންގެ ފުރަތަމަ ގޯލު ވައްދާލީ ތިރީ ކަނަށެވެ. ޒައިން ދެ ވަނަ ގޯލު ޖެހީ އޮފްސައިޑުން ސަލާމަތްވެ ޗިޕެއް ގޮތަށް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އީގަލްސްގެ ހަތް ވަނަ ގޯލު 83 ވަނަ މިނެޓުގައި ޖެހީ ޓޮޝީކީ އެވެ.

މި މޮޅާއެކު އީގަލްސް އޮތީ 18 މެޗުން 36 ޕޮއިންޓް ހޯދައި ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި 47 ޕޮއިންޓާއެކު އޮތް މާޒިޔާ ވަނީ ރޭ ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އީގަލްސްގެ ފަހަތުން 31 ޕޮއިންޓާއެކު އޮތް ޓީސީ ސްޕޯޓްސް ކްލަބް ލީގުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނެ އެވެ. ލީގުގެ ދެ ވަނަ އަށް ވާދަކުރަން މިރޭގެ މެޗުން މޮޅުވުން ޓީސީ އަށް މުހިއްމެވެ. އަނެއްކޮޅުން މިރޭ ޓީސީ ބަލިކޮށްގެން ދަ ގްރާންޑޭ އަށް ގްރީން ސްޓްރީޓްސް ފަހަތަށް ޖައްސާލައި ހަތަރު ވަނަ އަށް އެރޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *