ސެވިއްޔާ ބަލިކޮށް ރެއާލް އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ލީގުގެ ހަތަރު ވަނައިގައި އޮތް ސެވިއްޔާ 2-1 އިން ބަލިކޮށް ރެއާލް މެޑްރިޑް ލީގު ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.
އުނދަގުލުން ހޯދި މޮޅާއެކު ރެއާލް އެއް ވަނައިގައި އޮތީ 20 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 19 މެޗުން 40 ޕޮއިންޓް ލިބިފައިވާ ބާސެލޯނާ އެވެ. އާނެސްޓޯ ވަލްވޭޑޭ މަގާމުން ވަކިކޮށް ކޯޗުކަމަށް ހަމަޖެއްސި ކީކޭ ސެޓިއެންގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅޭ ފުރަތަމަ މެޗަކީ ލީގުގައި މިރޭ ދަންވަރު އަމިއްލަ ދަނޑުގައި ގްރަނާޑާއާ ދެކޮޅަށް ނުކުންނަ މެޗެވެ. މި މެޗު ކާމިޔާބުކޮށްގެން ޕޮއިންޓުގެ ގޮތުން ބާސެލޯނާއަށް ރެއާލާ ހަމަކޮށް ތާވަލުގެ އެއް ވަނަ އަލުން އެޓީމަށް ލިބޭނެ އެވެ.
ސައުދީ އަރަބިއާގައި އޮތް ސްޕެނިޝް ސުޕަރ ކަޕް މިދިޔަ ހަފްތާ ބަންދުގައި ކާމިޔާބުކޮށް ރޭގެ މެޗަށް ރެއާލުން ނުކުތީ އިތުބާރާ އެކު އެވެ. މެޗުގައި ރެއާލްގެ ދެ ގޯލު ވެސް ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. ޒުވާން ފޯވާޑް ލޫކާ ޔޮވިޗް ޖައްސާލި ބެކްހީލް ޕާހަކުން ކަސެމީރޯ ފުރަތަމަ ގޯލު ކާމިޔާބުކުރީ 57 ވަނަ މިނެޓުގަ އެވެ. ރެއާލް ލީޑުގައި އޮއްވައި 64 ވަނަ މިނެޓުގައި ލޫކް ޑި ޔޮން ގެ ގޯލުން ސެވިއްޔާ ވަނީ އެއްވަރުކޮށްފަ އެވެ. މެޗުގައި ދެ ވަނަ ފަހަރަށް ރެއާލަށް ލީޑު ނަގައިދިން ގޯލު ކަސެމީރޯ ޖެހީ 69 ވަނަ މިނެޓުގައި އަރިމަތިން ކުޅޭ ލޫކަސް ވަޒްކޭޒް ނަގައިދިން ހުރަހަކުން ބޮލުންނެވެ.
ސުޕަރ ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރެއާލް އަތުން ބަލިވި އެތުލެޓިކޯ މެޑްރިޑް ރޭ ރަށުން ބޭރުގައި އެއިބާއާ ދެކޮޅަށް ކުޅުނު މެޗުން 2-0 އިން ވަނީ ބަލިވެފަ އެވެ. މި މެޗުން ބަލިވުމުން އެތުލެޓިކޯ ތިން ވަނައިގައި އޮތީ 35 ޕޮއިންޓާއެކު ރެއާލަށް ވުރެ އަށް ޕޮއިންޓް ފަހަތުގަ އެވެ.
Advertisement


Leave a Reply