ޔަންގް އިންޓަ އަށް، ޔުނައިޓެޑްގެ އާ ކެޕްޓަނަކީ މެގުއާ

މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަންކަން އެންމެ ފަހުން ކުރި އިންގްލެންޑުގެ އޭޝްލީ ޔަންގް އިޓަލީގެ އިންޓަ މިލާނަށް ބަދަލުވުމުން ކްލަބުގެ އާ ކެޕްޓަނުގެ ގޮތުގައި ޑިފެންޑަރު ހެރީ މެގުއާ ހަމަޖައްސައިފި އެވެ.
މެގުއާއަށް ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ހަވާލުކުރިއިރު އޭނާ ކްލަބާ ގުޅުނުތާ އަދި ވީ އެންމެ ފަސް މަހެވެ. މިދިޔަ ސީޒަނަށް ފަހު މެގުއާ ލެސްޓަ ސިޓީ ދޫކޮށް ޔުނައިޓެޑަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 80 މިލިއަން ޕައުންޑަށެވެ. 26 އަހަރުގެ މެގުއާ ވަނީ މި ސީޒަނުގައި ޔުނައިޓެޑަށް 29 މެޗުގައި ކުޅެފަ އެވެ.
“މެގުއާގެ ހުރިހާ ކަމެއް އަހަރެންނަށް ފެންނަނީ ލީޑަރެއްގެ ގޮތުގައި. ޔުނައިޓެޑްގެ ބޭންޑް ދެން އަޅާނީ ހެރީ (މެގުއާ)” އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުންޏެވެ.
ޔުނައިޓެޑްގެ ކެޕްޓަންކަން މިދިޔަ އަހަރު ޔަންގަށް ދިން ނަމަވެސް ގިނަ މެޗުތަކުގައި ޓީމުގެ ފުރަތަމަ އެގާރާއިން އޭނާއަށް ފުރުސަތެއް ނުލިބެ އެވެ. ޔަންގް ނުކުޅޭ ގިނަ މެޗުތަކުގައި މެގުއާ ބޭންޑް އަޅައިގެން ކުޅުނުއިރު މާކަސް ރަޝްފޯޑާއި ޑޭވިޑް ޑެ ހެއާ އަދި ޖެސީ ލިންގާޑް ވެސް ވަނީ ބައެއް މެޗުތަކުގައި ބޭންޑް އަޅައިފަ އެވެ.
ސޯލްޝެއާ ބުނީ ޔަންގް ކްލަބް ދޫކޮށްލީ އެންމެ ރަނގަޅު ދަނޑިވަޅުގައި ކަމަށާއި، 34 އަހަރުގައި އެހެން ކްލަބަކުން އެއްބަސްވުމެއް ލިބުމަކީ ކުޅުންތެރިޔާ އަށް ރަނގަޅެއް ކަމަށެވެ. އިންޓަ އަށް ޔަންގް ބަދަލުވީ 1.28 މިލިއަން ޕައުންޑަށް ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު ކްލަބުން ބޭނުންނަމަ އިތުރު އެއް ސީޒަނަށް ޔަންގްގެ އެއްބަސްވުން އިތުރު ކުރެވޭނެ އެވެ.
2011 ވަނަ އަހަރު އެސްޓަން ވިލާ އިން ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ޔަންގް ވަނީ އެޓީމަށް 261 މެޗު ކުޅެދީ އިނގިރޭސި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ލީގު ކަޕާއި ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. އިންޓައަށް ބަދަލުވިއިރު ޔުނައިޓެޑް ޓީމުގައި ޔަންގް މި ސީޒަނުގައި ކުޅުނީ 18 މެޗެވެ.
“ޔަންގަށް އަންނަ ހޫނު މޫސުމުގައި 35 ވާނެ، އޭނައަށް އެހެން ދިމާއަކުން ދެ އަހަރުގެ އެއްބަސްވުން ލިބުނީމަ އޭގެ ބޭނުން ހިފުމަކީ އަމިއްލަ އިހްތިޔާރުގައި އޮތް ކަމެއް. ޔުނައިޓެޑުން އޮތީ އެވަރުގެ އެއްބަސްވުމެއް ދޭ ގޮތަކަށް ނޫން” ކޯޗު ސޯލްޝެއާ ބުންޏެވެ.
ޔަންގަކީ މިދިޔަ ހަތް ވަރަކަށް މަސްތެރޭ ޔުނައިޓެޑް ދޫކޮށް އިންޓަ އަށް ބަދަލުވި ތިން ވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނަށް ފަހު ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ދާއިމީ އެއްބަސްވުމެއްގައި އިންޓަ އަށް ބަދަލުވިއިރު ޗިލީގެ ފޯވާޑް އަލެކްސިސް ސަންޗޭޒް ވަނީ ލޯނު އުސޫލުން އިންޓަ އަށް ބަދަލުވެފަ އެވެ.
ޔުނައިޓެޑް އެންމެ އަވަހަށް ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެކޮޅަށެވެ. މި މެޗު ފަށާނީ މާދަމާ ރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.
Advertisement


Leave a Reply