ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެ އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި މިއަދު ބައްދަލުކުރާނީ ގްރޫޕް އެކެއްގައި ހިމެނޭ ދިވެހި ސިފައިންގެ ކްލަބާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.
ނުވަ ޓީމުން ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށް ދާނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 14 ވަނަ ދުވަހު ކުޅޭއިރު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.
ގްރޫޕް އެކެއްގައި ހިމެނެނީ ދިވެހި ސިފައިންގެ ކްލަބާއި ޖޭޖޭ ސްޕޯޓްސްގެ އިތުރުން ގްރޫޕް އެކެއްގައި ހިމެނެނީ މަހިބަދޫ ސްޕޯޓްސް ކްލަބް، ސުޕަރ ސްޕޯޓްސް ޔުނައިޓެޑް، އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ކްލަބް ޕީކޭ އާއި ކްލަބް ވެލެންސިއާ، ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ބީޖީ ސްޕޯޓްސް އެވެ.
މި އަހަރުގެ މުބާރާތުގައި 19 އަހަރުން ދަށުގެ ގައުމީ ޓީމު ބައިވެރިކުރަން ނިންމީ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ހޯދައިދިނުމުގެ ގޮތުންނެވެ. މިދިޔަ އަހަރު ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިން ވަނީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފަ އެވެ. އެފްއޭއެމުން ވަނީ 16 އަހަރުން ދަށުގެ ގައުމީ ޓީމް މި އަހަރުގެ ތިން ވަނަ ޑިވިޝަނުގައި ބައިވެރިކުރާ ގޮތަށް ނިންމައިފަ އެވެ. މި ދެޓީމުގައި ކްލަބްތަކުގެ ކުޅުންތެރިން ތިބި ނަމަ ކްލަބުތަކާއި ވާހަކަ ދައްކައިގެން ގޮތެއް ނިންމާނެ ކަމަށް އެފްއޭއެމުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ އެހެން ޓީމުތަކަށް ބަލާއިރު އެންމެ ހާއްސަ އެއް ކްލަބަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ކްލަބް، ކްލަބް ވެލެންސިއާ އެވެ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަނުން އެޓީމު ރެލިގޭޓްވިއިރު މި އަހަރުގެ ދެ ވަނަ ޑިވިޝަނަށް އެޓީމު ނުކުންނަނީ އިސްމާއީލް އާސިފް (ކުޑަހީނާ) ގެ ކޯޗުކަމުގަ އެވެ. ގްރޫޕް އެކެއްގައި ހިމެނޭ މަހިބަދޫ ސްޕޯޓްސް ކްލަބް ވަނީ 2014 އަދި 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ކުޅެފަ އެވެ. ގްރޫޕް ދޭއްގައި ހިމެނޭ ބީޖީ ސްޕޯޓްސް ކްލަބް ވެސް ވަނީ ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ.
2017 ވަނަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކުޑަ ހެންވޭރު ޔުނައިޓެޑް 4-1 އިން ބަލިކޮށް ހޯދި ޒެފްރޯލް މި އަހަރުގެ މުބާރާތުގައި ވާދައެއްނުކުރެ އެވެ. ފުރަތަމަ ޑިވިޝަނަށް އެރުމަށް ކުޅޭ ޕްލޭ އޮފް ބުރުގެ ފުރުސަތު މި ދެޓީމުން ވެސް ވަނީ އެ އަހަރު ދޫކޮށްލައިފަ އެވެ. 2018 ވަނަ އަހަރު އޮތް ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖޭޖޭ ސްޕޯޓްސް ބަލިކޮށް ހޯދީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.
މިއަހަރުގެ މުބާރާތަށް އެންމެ ވަރުގަދައަށް ތައްޔާރުވަމުން އަންނަ އެއް ޓީމަކީ މިދިޔަ އަހަރުތަކުގައި ވެސް ފުރަތަމަ ޑިވިޝަނަށް އެރުމަށް ގިނަ މަސައްކަތްތަކެއް ކުރި ޖޭޖޭ ސްޕޯޓްސް ކްލަބެވެ. އެޓީމުން 2017 ވަނަ އަހަރު ވެސް މަޝްހޫރު ކުޅުންތެރިންތަކެއްގެ ސޮއި ހޯދި ނަމަވެސް ފުރަތަމަ ޑިވިޝަނުން ފުރުސަތެއް ނުލިބުނެވެ. 2018 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް އެރުމުގެ ފުރުސަތު ގެއްލުނީ ފައިނަލުގައި ބަލިވުމުންނެވެ.
އެންމެ ފަހުން ތިން ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ރޮކް ސްޓްރީޓް ފުޓްބޯޅަ ކްލަބް މި އަހަރުގެ ދެ ވަނަ ޑިވިޝަނުގައި ބައިވެރިވެފައި ނުވާތީ އެޓީމު ވަނީ އަލުން ތިން ވަނަ ޑިވިޝަނަށް ވެއްޓިފަ އެވެ. މިދިޔަ އަހަރުތަކުގައި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގައެއް ލިބެ އެވެ.
ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލާފައިވާ އެންމެ މަޝްހޫރު ކްލަބަކީ ޓީސީ ސްޕޯޓްސް ކްލަބެވެ. 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފަށައި އެޓީމު ވަނީ މިދިޔަ ސީޒަނުގެ ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، ޓީސީގެ ފަހުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ކްލަބް ގްރީން ސްޓްރީޓްސް ވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓާލައިފަ އެވެ. މި ސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް މިވަގުތު އޮތީ އަށް ޓީމުން ވާދަކުރާ ލީގުގެ ފަސް ވަނައިގަ އެވެ.
Advertisement


Leave a Reply