މޮޅަކުން ތިން ވަނަ ބުރު ފަށައި މާޒިޔާ ލީގު ހޯދުމާ ގާތަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 7-0 ގެ ބޮޑު ތަފާތަކުން ށ. ފޯކައިދޫ ފުޓްބޯޅަ ޓީމް ބަލިކޮށް މާޒިޔާ ލީގު ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
މިއަދުގެ މޮޅާއެކު މާޒިޔާ ވަނީ 17 މެޗުން 44 ޕޮއިންޓް ހަމަކޮށް އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އީގަލްސް އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. ބުރާސްފަތި ދުވަހުގެ ރޭ އީގަލްސް ނުކުންނާނީ 28 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ލީގުގެ ތިން ވަނަ ބުރުގައި ވާދަކުރަނީ ދެ ވަނަ ބުރުން އެންމެ ކުރި ހޯދި ހަ ޓީމެވެ.
މާޒިޔާ އަށް ލީގުގައި ބާކީ އޮތީ ހަތަރު މެޗެވެ. ދެ ވަނައިގައި އޮތް އީގަލްސް ތިން ވަނަ ބުރުގެ ފަސް މެޗު ކާމިޔާބުކޮށްގެން ވެސް ލިބޭނީ 48 ޕޮއިންޓެވެ. އެހެންވެ، ލީގުގައި ދެން ކުޅޭ ދެ މެޗު ކާމިޔާބުކޮށްގެން 50 ޕޮއިންޓާއެކު އެޓީމަށް ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ. ލީގުގައި އެޓީމުން ދެން ނުކުންނާނީ ގްރީން ސްޓްރީޓްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
މިއަދުގެ މެޗު މާޒިޔާއިން ފެށީ އެޓީމާ އަލަށް ގުޅުނު އަފްގާނިސްތާނުގެ ބިދޭސީ ޑިފެންޑަރު މުހައްމަދު ޝާރިފް އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހީމް އައިސަމް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. ގިނަ ދުވަސްތަކަކަށް ފަހު އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އަށް މިއަދުގެ ފުރަތަމަ އެގާރައިން ފުރުސަތު ދިންއިރު ކެޕްޓަން އަސަދުﷲ އަބްދުﷲ އިނީ ބެންޗުގަ އެވެ.
މެޗަށް ނުކުތްއިރު ފޯކައިދޫ ޓީމު އޮތީ ކުޅުންތެރިންގެ ގޮތުން ނިކަމެތިވެފަ އެވެ. އާ ޓްރާންސްފާ ބާޒާރުގައި އެޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ކްލަބް ބަދަލުކުރިއިރު ގައުމީ ޓީމުގައި ހިމެނޭ މުހައްމަދު ޖައިލަމް (އޮގީ) ހުރީ އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގަ އެވެ. އާ ޓްރާންސްފާ ބާޒާރުގައި އެޓީމާ ގުޅުނު އިބްރާހީމް އަނޫފް އާއި ބިދޭސީ ކުޅުންތެރިޔާ ލަމްޓޭ ސަމުއެލްގެ އިތުރުން އިބްރާހީމް އިމްރާހް ވަނީ މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި މާޒިޔާގެ ހަމްޕު ބޯޅަ ހިފައިގެން ދަނީ. – ފޮޓޯ: މާޒިޔާ
ފޯކައިދޫ އަކީ ލީގުގެ ފުރަތަމަ ދެ ބުރުގައި މާޒިޔާއާ އެންމެ ރަނގަޅު ވާދައެއްކުރި އެއް ޓީމެވެ. ފުރަތަމަ ބުރުގެ މެޗުގައި މާޒިޔާއިން ގޯލެއް ޖެހިޔަނުދީ 0-0 އިން ހިފެހެއްޓިއިރު ދެ ވަނަ ބުރުގައި ފޯކައިދޫ އަތުން މާޒިޔާ އަށް މޮޅުވެވުނީ 3-2 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގައި މާޒިޔާގެ ހަތް ގޯލުގެ ތެރެއިން ހެޓްރިކް ހަދައި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ގޯލުތައް ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)، ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މުހައްމަދު އިރުފާން އަދި ބެންޗުން ކުޅެން އެރި ހުސައިން ނިހާން (ނިހާޓް) އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު މާޒިޔާ އޮތީ ދެ ގޯލުގެ ލީޑެއްގަ އެވެ. ފުރަތަމަ ގޯލު އިރުފާން ދިން ބޯޅަ ހޯދުމަށް ފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލީ ފޭދޫ އިއްބެ އެވެ. ދެ ވަނަ ގޯލު ހަމްޕު ޖެހީ ފޯކައިދޫގެ ގޯލްކީޕަރާ ޑިފެންޑަރަކު ބޯޅަ ހޯދަން އެރި ވަގުތު މަޑުމަޑުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެ ވަނަ ހާފުގައި ސްޓެވާޓް އޭނާގެ ފުރަމަތަ ގޯލު ޖެހީ އަހުމަދު އަބްދުﷲ (ލިލީ) އެއްލުމަކުން ފޮނުވާލި ބޯޅަ ފޭދޫ އިއްބެ ބޮލުން ޖެއްސުމުން ކޮންޓްރޯލް ކޮށްފައި ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ މިނެޓެއް ފަހުން ހަމްޕު ދިން ބޯޅައެއްގައި ސްޓެވާޓް ވަނީ ކީޕަރަށް ފުރުސަތެއް ނުދީ އޭނާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ސްޓެވާޓް ހެޓްރިކް ހެދީ މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށެވެ. އޭރިޔާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފޯކައިދޫގެ ކީޕަރުގެ ގައިގައި ޖެހިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަމްޕު ނަގައިދިން ހުރަހަކުން މާޒިޔާގެ ހަ ވަނަ ގޯލު ބޮލުން ޖެހީ އިރުފާން އެވެ. އޭރިޔާ ތެރެއިން ބޯޅަ ހޯދައި ފޯކައިދޫގެ ޑިފެންޑަރު ކައިރިން ދެމިގަނެ މާޒިޔާގެ ފަހު ގޯލު ޖެހީ ނިހާޓް އެވެ.
ލީގުގައި މިރޭ ނުވައެއް ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ އެވެ.
Advertisement


Leave a Reply