ސިޓީ ބޮޑު މޮޅެއް ހޯދިއިރު އަގުއޭރޯ އަށް ދެ ރެކޯޑް

Advertisement

ސިޓީ ބޮޑު މޮޅެއް ހޯދިއިރު އަގުއޭރޯ އަށް ދެ ރެކޯޑް

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓަރ ސިޓީން ރަށުން ބޭރުގައި 6-1 އިން އެސްޓަން ވިލާ ބަލިކުރިއިރު ސާޖިއޯ އަގުއޭރޯ ދެ ރެކޯޑެއް ހަދައިފި އެވެ.

ރޭގެ މެޗުގައި އާޖެންޓީނާގެ ފޯވާޑް އަގުއޭރޯ ހެޓްރިކް ހެދިއިރު ރިޔާދް މާރޭޒް ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސުސް އެވެ.

ލީގުގައި އަގުއޭރޯ ހެދި 12 ވަނަ ހެޓްރިކާއެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ހެޓްރިކް ހެދި އެލަން ޝިއަރާގެ ރެކޯޑް މުގުރާލައިފަ އެވެ. ކުރިން ނިއުކާސަލް ޔުނައިޓެޑާއި ބްލެކްބާން ރޯވާސްގައި މޮޅު ކުޅުމެއް ދެއްކި ޝިއަރާ އަށް ލީގުގައި ހެދުނީ 11 ހެޓްރިކެވެ. 9 ހެޓްރިކާއެކު ލިސްޓުގެ ތިން ވަނައިގައި އޮތީ ކުރިން ލިވަޕޫލަށް ކުޅުނު ފޯވާޑް ރޮބީ ފައުލާ އެވެ. އަގުއޭރޯ ރޭ ހެދި އަނެއް ރެކޯޑަކީ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ބިދޭސީ ކުޅުންތެރިޔާގެ ޝަރަފެވެ. ކުރިން މި ރެކޯޑް އޮތީ 175 ގޯލު ޖަހާފައިވާ އާސެނަލްގެ ކުރީގެ ތަރި ތިއެރީ އޮންރީ އަތުގަ އެވެ. ރޭގެ ގޯލުތަކާއެކު އަގުއޭރޯ މިހާރު ވަނީ 177 ގޯލު ޖަހައިފަ އެވެ. ފްރޭންކް ލަމްޕާޑަށް އެއްވަރަށް ގޯލު ޖަހައި އަގުއޭރޯ ލީގުގެ ލަނޑު ލިސްޓުގެ ހަތަރު ވަނަ އަށް އެރިއިރު އެންމެ ކުރީގައި އުޅެނީ ޝިއަރާ އާއި ވޭން ރޫނީ އަދި އެންޑީ ކޯލް އެވެ.

2011 ވަނަ އަހަރުގެ ޖުލައި މަހު 40 މިލިއަން ޕައުންޑަށް އެތުލެޓިކޯ މެޑްރިޑުން ސިޓީއަށް ބަދަލުވެ އެޓީމުން ހޯދަމުން އަންނަ ކާމިޔާބީތަކުގައި އަގުއޭރޯ އަކީ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. އަގުއޭރޯ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރު އެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލިއޮނަލް މެސީގެ ފަހަތުން ދުނިޔޭގެ ދެ ވަނަ އަށް އެންމެ މޮޅު ފޯވާޑަކީ އަގުއޭރޯ ކަމަށެވެ. އަދި، އަގުއޭރޯ ސިޓިގައި މަޑުކުރަން ބޭނުންވާކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

“އަގުއޭރޯ އަކީ ލެޖެންޑެއް. އޭނާ މި ރެކޯޑުތައް ހެދިއިރު މިތަނުގައި އަހަރެންނަށް ހުރެވުމަކީ ޝަރަފެއް. ލީގުގެ ތާރީހުގައި އަގުއޭރޯ ފެންވަރުގެ މާ ގިނަ ކުޅުންތެރިންނެއް ނުތިބޭނެ” 31 އަހަރުގެ ކުޅުންތެރިޔާއަށް ތައުރީފް ކުރަމުން ގާޑިއޯލާ ބުންޏެވެ.

ރޭގެ މޮޅާއެކު ސިޓީ ވަނީ ލީގުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެޓީމަށް 22 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައަށް ވެއްޓުނު ލެސްޓާ ސިޓީއަށް 22 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތީ 21 މެޗުން 61 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *