ގައުމީ ވޮލީބޯޅަ ޗެމްޕިއަންކަން ވެސް ސިފައިން ހޯދައިފި

Advertisement

ގައުމީ ވޮލީބޯޅަ ޗެމްޕިއަންކަން ވެސް ސިފައިން ހޯދައިފި

ފަހުމިނެޓް
ޗެމްޕިއަންކަން ހޯދި ސިފައިންގެ ކްލަބް ތައްޓާއެކު. - ފޮޓޯ: ރައީސް އޮފީސް

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބު ބަލިކޮށް 50 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދައިފި އެވެ. ސިފައިން ގައުމީ ތަށި އުފުލާލީ ޗެމްޕިއަން ޕޮލިސް ކްލަބު ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ. ސިފައިން ވަނީ ގައުމީ ވޮލީ ބޯޅަ ލީގުގެ ޗެމްޕިއަންކަން ވެސް ޕޮލިސް ފަހަތަށް ޖައްސާލައި ހޯދައިފަ އެވެ.

2018 ވަނަ އަހަރުގެ ފައިނަލްގައި ތަފާތު ބޮޑުކޮށް ޕޮލިސް އަތުން ސިފައިން ބަލިވެފައި އޮތުމާއިއެކު އެޓީމް މި މެޗަށް ނިކުތީ ވަރުގަދަ ރޫހެއްގަ އެވެ. އެފަހަރު ފައިނަލްގައި ޕޮލިސް އަތުން ސިފައިން ބަލިވީ ސީދާ ތިން ސެޓުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފްވެރިކޮށްދެއްވި މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ޕޮލިހުން ގެންދިޔައީ ފަސޭހަކަމާއިއެކު 13-25 އިންނެވެ. އެކަމަކު މެޗުގެ ދެ ވަނަ ސެޓު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. އެއްވަރުކޮށްދިޔަ ސެޓު ފަހު ވަގުތު ސިފައިން ހޯދީ އާދަމް ނަސީމްގެ މޮޅު ކުޅުމާއިއެކުގަ އެވެ. މި ސެޓު ސިފައިން ގެންދިޔައީ 29-27 އިންނެވެ. ތިން ވަނަ ސެޓުގައި ފަށައިގެން ލީޑުގައި އޮވެ ކުޅުނީވެސް ސިފައިންގެ ކްލަބެވެ. ސެޓު ފެށިއިރު ނެގި ލީޑް ދަމަހައްޓައި ސިފައިން މި ސެޓު ކާމިޔާބުކުރީ 25-22 އިންނެވެ.

ހަތަރު ވަނަ ސެޓުގައި ސިފައިން ހަތަރު ޕޮއިންޓްގެ ލީޑެއް ނެގި އެވެ. ނަމަވެސް ފަހު ވަގުތު ޕޮލިހުގެ ދީޕްތީގެ މޮޅު ކުޅުމާއެކު އެޓީމުން 25-22 އިން ސެޓު އަނބުރާލައި ތަށި ދިފާއުކުރުމުގެ އުއްމީދު ދެމެހެއްޓި އެވެ. ނަތީޖާ ނެރުމަށް ކުޅުނު ސެޓު ފަށައިގެން ދެ ޓީމުން ފެނުނީ އެއް ވާނެއްގައި އެއް ފެންވަރެއްގައި ކުޅުނުތަނެވެ. 7-6 ގައި ސްކޯރ އޮއްވާ ސިފައިން ދެ ޕޮއިންޓްގެ ލީޑެއް ނެގީ އާދަމް ނަސީމްގެ މޮޅު ކުޅުމާއިއެކުގަ އެވެ. ފަހު ވަގުތު ސްކޯރ 13-13 އިން ޕޮލިހުން އެއްވަރުކުރި ނަމަވެސް މުބައްޝަރުގެ ބާރު ހަމަލާއަކާއި، މޮޅު ބްލޮކަކުން 15-13 އިން ސެޓު ހޯދައި ސިފައިން ގައުމީ ތަށި އުފުލާލި އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ސިފައިންގެ ކުލަބުގެ ޕާކިސްތާން ކުޅުންތެރިޔާ މުބާއްޝަރު ރަޒާ ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދިވެހި ސިފައިންގެ ކުލަބުގެ އާދަމް ނަސީމް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *