ބާސެލޯނާ އިން ކުޑަކުދިން ހަދާ ކަހަލަ ގޯސް ހެދުމުން މެސީ ރުޅިގަދަވެއްޖެ

Advertisement

ބާސެލޯނާ އިން ކުޑަކުދިން ހަދާ ކަހަލަ ގޯސް ހެދުމުން މެސީ ރުޅިގަދަވެއްޖެ

ޢަބްދުﷲ އަޝްރަފް
ރޭގެ މެޗުގައި މެސީ

ސްޕެނިޝް ސުޕަރ ކަޕްގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވީ ކުޑަކުދިން ހަދާ ކަހަލަ ގޯސްތަކެއް ބާސެލޯނާ އަށް ހެދިގެން ކަމަށާއި އެކަން ކުރިއަށް އޮތްތަނުގައި ތަކުރާރުކުރަން ބޭނުން ނުވާ ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ. ސައުދީ އަރަބިއާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 2-3 އިން ބާސެލޯނާ ބަލިވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން މެސީ ބުނީ މެޗުން ބަލިވުމަކީ ލަދެއް ކަމަށާއި އޭނާގެ ޓީމުން ރޭގެ މެޗްގައި ބަލިވީ މޮޅަށް ކުޅުމަށް ފަހުގައި ކަމަށެވެ.

“މިއީ ލަދެއް. އަހަރެމެން ކުޅުނީ ވަރަށް ރަގަޅު ގޭމެއް. ވަރަށް ގިނަ ދުވަސްތަކަކަށް ފަހު އަހަރެމެންނަށް ރަގަޅަށް ކުޅެވެންފެށި ކަމުގެ އިހްސާސްކުރެވުނު. މެޗްގެ ކޮންޓްރޯލް އޮތީ އަހަރެމެންގެ އަތުގަ. އަހަރެމެން މުޅި މެޗް ޑޮމިނޭޓްކޮށް ހަމަލާ އުފެއްދިން. އަހަރެމެންނަށް މެޗު ގެއްލުނީ އެތުލެޓިކޯއަށް ގާތްގަނޑަކަށް ގޮތްހުސްވެފައޮތް ދަނޑިވަޅެއްގަ އަހަރެމެންނަށް ހެދުނު ބޮޑެތި ގޯސްތަކަކެއްގެ ސަބަބުން. ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓަށް ވުރެވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެމީހުން އަނބުރާލީ އަހަރެމެންނަށް މޮޅުވެވެން އޮތް މެޗެއް” މެސީ ބުންޏެވެ.

“މިއީ ހިތަށް ލިބޭ ވޭނެއް. ސަބަބަކީ މިއީ އަހަރެމެން ހޯދަން ބޭނުންވި ތަށްޓެއް ނުލިބިދިއުން ކަމަށްވާތީ. މިފަހުން ވޭތުވެދިޔަ ދުވަސްތަކުގައި އަހަރެމެންގެ ފަރާތުން ފެނުނު ކުޅުމާ އަޅާބަލާއިރު މި މެޗްގައި އަހަރެމެންގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް. އެކަމަކު ދެރަކަމަކީ އަހަރެމެންނަށް މި މެޗް ގެއްލުން. އެކަމަކު ބަލިވިޔަސް މިއީ އަހަރެމެން ކުރިއަށް އެޅި ރަގަޅު ފިޔަވަޅެއް. އެކަމަކު އަހަރެމެންނަށް އެނގޭ އަހަރެމެން ކަންކުރަން ބޭނުންވި ގޮތަކަށް ނޫންކަން ކަންކުރެވުނީ. އަހަރެމެން ބޭނުމެއް ނޫން ދެން ކުޑަކުދިން ހަދާ ކަހަލަ މިކަހަލަ ގޯސްތައް ތަކުރާރުކުރާކަށް” ރޭގެ މެޗްގައި ބާސެލޯނާއިން ޖެހި ދެ ގޯލްގެ ތެރެއިން އެއް ގޯލް ކާމިޔާބުކޮށްދިން މެސީ ބުންޏެވެ.

ސްޕެނިޝް ކަޕްގައި ރޭ ކުޅުނު މެޗްގައި ފެނުނު ފަސް ގޯލްވެސް ޖަހައިފައިވަނީ މެޗްގެ ފަހު ހާފްގައެވެ. މެޗްގައި ފުރަތަމަ ލީޑް ނެގީ އެތުލެޓިކޯ މެޑްރިޑުންނެވެ. ފަހު ހާފް ފަށައިގެން ފުރަތަމަ މިނެޓްގެ ތެރޭގައި އެތުލެޓިކޯ އަށް މެޗްގެ ލީޑް ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ފަހު ހާފަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ސްޕެއިންގެ މިޑްފީލްޑަރ ކޮކޭ އެވެ. އެކަމަކު އޭގެ ފަސް މިނެޓް ފަހުން ބާސެލޯނާގެ މެސީ ކާމިޔާބުކުރި ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަވި އެވެ. ދެން ފެނުނީ މެޗްގެ 62 ވަނަ މިނެޓްގައި މި ސީޒަނަށް އެތުލެޓިކޯ އިން ބާސެލޯނާ އަށް ބަދަލުވި ފްރާންސްގެ ފޯވާޑް އޮންޓުއަން ގްރީޒްމަން ލަނޑެއް ޖަހައި ބާސެލޯނާ އަށް ލީޑް ހޯދައިދިން ތަނެވެ. އެކަމަކު އެތުލެޓިކޯ އިން ހިތްވަރު އެލުވައިނުލައި ކުޅުމުގެ ނަތީޖާއަކަށްވީ މެޗްގެ 81 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ އެއް ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ ގޯލަކަށް ބަދަލުކޮށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މޮޅުވި ލަނޑު އެތުލެޓިކޯ މެޑްރިޑަށް ކާމިޔާބުކޮށްދީފައިވަނީ މެޗް ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ ފޯވާޑް އެންހަލް ކޮރޭއާ އެވެ.

ބާސެލޯނާ އަށް މެޗް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން ލިބުނު ރަނގަޅު ފުރުސަތުގައި ތަޖްރިބާކާރު ޑިފެންޑަރު ޖެރާޑް ޕީކޭ ބޮލުން އެތުލެޓިކޯގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މީގެ އިތުރުން މެޗްގެ ނަތީޖާ 1-1 ގައި އޮއްވައި އެތުލެޓިކޯ ގޯލްގެ ތެރެއަށް ބާސެލޯނާގެ މެސީ ބޯޅައެއް ވައްދާލިނަމަވެސް ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން ބޯޅައިން މެސީގެ އަތުގައި ޖެހުނު ކަމަށް ބަލައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *