ވޭމަންޑޫ ގޮވައިގެން ކޯޗު ނަޒީހް އެމްޕީ ކަޕްގެ ފައިނަލަށް

Advertisement

ވޭމަންޑޫ ގޮވައިގެން ކޯޗު ނަޒީހް އެމްޕީ ކަޕްގެ ފައިނަލަށް

ޢަލީ ޝަހީމް
ކޯޗު ނަޒީހް ޔުނައިޓެޑް ވިކްޓްރީ މެޗެއްގެ ތެރެއިން. - ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ތ. ވޭމަންޑޫ ފުޓްބޯޅަ ޓީމު ގޮވައިގެން ތަޖުރިބާކާރު ކޯޗު މުހައްމަދު ނަޒީހް އެމްޕީ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ. ތ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ތިމަރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒް ބާއްވާ މި މުބާރާތުގެ ފައިނަލަށް ވޭމަންޑޫ ދަތުރުކުރީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް މެޗުގައި ހިރިލަންދޫއާ ވާދަކޮށް 4-1 އިން ކާމިޔާބުކޮށްގެންނެވެ. ފައިނަލުގައި ވޭމަންޑޫ ނުކުންނާނީ މުބާރާތް ބާއްވާ ތިމަރަފުއްޓާ ދެކޮޅަށެވެ.

މި ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަން ދެ ވަނަ ބުރުގެ ވަކި ހިސާބަކުން ދޫކޮށްލުމަށް ފަހު ވޭމަންޑޫ ޓީމާ ނަޒީހް ހަވާލުވީ މިދިޔަ ނޮވެމްބަރު މަހު އެވެ. ޓީމާ ހަވާލުވުމަށް ފަހު އެ ޓީމު މުބާރާތަށް ތައްޔާރު ކުރުމަށް ނަޒީހް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަޒީހް ވަނީ މީގެ ކުރިން ވެސް އަތޮޅުތެރޭގެ 16 ވަރަކަށް ޓީމަށް ކޯޗުކޮށްދީ ކާމިޔާބީ ހޯދައިފަ އެވެ.

ނަޒީހް ކޯޗުކޮށްދޭ ވޭމަންޑޫ ޓީމް

މުބާރާތުގެ ސެމީ ފައިނަލަށް ހޮވުނީ ފަސް ރަށުގެ މެދުގައި ކުޅުނު ލީގު ބުރަށް ފަހު އެންމެ ކުރި ހޯދި ހަތަރު ޓީމެވެ. ލީގު ބުރުގެ އެއް ވަނަ 10 ޕޮއިންޓާއެކު ހޯދީ ތިމަރަފުއްޓެވެ. އެޓީމުން ތިން މެޗު ކާމިޔާބުކުރިއިރު މޮޅުނުވެވުނީ ވަންދޫއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ލީގު ބުރުގެ ދެ ވަނަ ހަ ޕޮއިންޓާއެކު ހޯދީ ސެމީގައި ބަލިވި ހިރިލަންދޫ އެވެ. ތިން ވަނަ ލިބުނު ވަންދޫ އާއި ހަތަރު ވަނަ ލިބުނު ވޭމަންޑޫ އަށް ލިބުނީ ފަސް ޕޮއިންޓެވެ. ސެމީގެ ޖާގައެއް ނުލިބި ކެޓީ ޕޮއިންޓެއް ލިބުނު ކަނޑޫދޫ އެވެ.

ފުރަތަމަ ސެމީގައި ތިމަރަފުށި ވަނީ 1-0 އިން ވަންދޫ ބަލިކޮށްފަ އެވެ. ތިމަރަފުށި ފައިނަލަށް ގެންގޮސްދިން ގޯލު ޖަހައިދިނީ އަލީ އިލްމާން އެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ވޭމަންޑޫ ޓީމުގެ ހަތަރު ގޯލުގެ ތެރެއިން ނަދީމް އަހުމަދު ވަނީ ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ގޯލުތައް ޖަހައިދިނީ ހަމްދޫން އަހުމަދު އާއި އަދުހަމް ޝަރީފް އެވެ. މެޗުގައި ހިރިލަންދޫގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މޫސާ ފަޔާޒް އެވެ.

މުބާރާތުގައި ވާދަކުރާ ތިމަރަފުށި ޓީމް

މުބާރާތުގެ ލީގު ބުރުގައި ތިމަރަފުށިން ވަނީ 4-1 އިން ވޭމަންޑޫ ބަލިކޮށްފަ އެވެ. ފައިނަލަށް ނުކުންނައިރު މި ދެޓީމަކީ ވެސް އަތޮޅު ފުޓްބޯޅައިގައި އެކި ދުވަސްވަރު ގަދަ ބާރުތަކެވެ. ދެހާހުގެ ކުރީކޮޅު ވޭމަންޑޫ ވަނީ ޒޯން މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެކަމަކު ވޭތުވެދިޔަ އަހަރުތަކުގައި ތިމަރަފުއްޓަކީ އަތޮޅުގެ އިތުރުން ރާއްޖޭގައި ވެސް އެންމެ ކާމިޔާބު އެއް ރަށެވެ. އެޓީމުން ވަނީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ކަމާއި 2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ވެސް 2016 ވަނަ އަހަރާއި މިދިޔަ އަހަރު ތިމަރަފުށި ވަނީ ހޯދައިފަ އެވެ.

އަބްދުﷲ ރިޔާޒް މީގެ ކުރިން ކިނބިދޫ ދާއިރާގެ މަޖިލިސް މެމްބަރުކަމުގައި ހުންނެވި އިރު މި މުބާރާތް ބޭއްވި ހަމައެކަނި އެ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެންނެވެ. އެކަމަކު ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު މި މުބާރާތް މިހާރު ކުރިއަށް ގެންދަނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.

ތިމަރަފުށީ ފުޓްބޯޅަ ދަނޑުގައި މާދަމާ ހަވީރު ފައިނަލް މެޗު ފަށާނީ 3:50 ގަ އެވެ. އެމްޕީ ކަޕްގެ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް ބައި ލައްކަ ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *