2020 ގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ހެޓްރިކް ހަދައިފި

Advertisement

2020 ގެ ފުރަތަމަ މެޗުގައި ރޮނާލްޑޯ ހެޓްރިކް ހަދައިފި

ޢަލީ ޝަހީމް

އާ އަހަރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ޔުވެންޓަސް އަށް ހަދައިދިން ހެޓްރިކާއެކު އެޓީމުން 4-0 އިން ކަލިއާރީ ބަލިކޮށްފި އެވެ. މިއީ އިޓަލީ ލީގުގައި ރޮނާލްޑޯ ހެދި ފުރަތަމަ ހެޓްރިކެވެ.

މެޗުގައި ރޮނާލްޑޯގެ ހެޓްރިކްގެ އިތުރުން ޔުވެންޓަސް އަށް ގޯލު ޖަހައިދިނީ ގޮންޒާލޯ ހިގުއައިން އެވެ. ދެ ވަނަ ހާފުގައި ޔުވެންޓަސްގެ ގޯލުތައް ޖެހިއިރު ފުރަތަމަ ގޯލު ރޮނާލްޑޯ ޖެހީ ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓުގަ އެވެ. ރޮނާލްޑޯގެ ދެ ވަނަ ލަނޑަކީ ޕައޮލޯ ޑިބާލާ އަށް ކަލިއާރީގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ޔުވެންޓަސްގެ ތިން ވަނަ ގޯލު ހިގުއައިން ޖެހީ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ މިނެޓެއް ފަހުން ރޮނާލްޑޯ ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ރޭގެ ހެޓްރިކާއެކު 34 އަހަރުގެ ރޮނާލްޑޯ ފުޓްބޯޅަ ކެރިއަރުގައި ހެދި ހެޓްރިކްގެ އަދަދު ވަނީ 56 އަށް އަރައިފަ އެވެ. ޔުވެންޓަސް އަށް ބަދަލުވުމަށް ފަހު ރޮނާލްޑޯ ފުރަތަމަ ހެޓްރިކް ހެދީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ ހެޓްރިކަށް ފަހު ރެޔާ ހަމައަށް ރޮނާލްޑޯ ވަނީ ޕޯޗުގަލަށް ތިން ހެޓްރިކް ހަދައިދީފަ އެވެ. ރޭ ހެދި ހެޓްރިކާއެކު ރޮނާލްޑޯ ވެފައިވަނީ އަލެކްސިސް ސަންޒޭޒަށް ފަހު އިނގިރޭސި ވިލާތާއި ސްޕެއިން އަދި އިޓަލީ ލީގުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

Advertisement

ރޮނާލްޑޯ ވަނީ ލީގުގައި ޔުވެންޓަސް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. މިއީ 2018 ވަނަ އަހަރު 99.2 މިލިއަން ޕައުންޑަށް ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއާ ގުޅުނު ފަހުން ރޮނާލްޑޯގެ ގޯލު ޖެހުމުގެ އެންމެ ރަނގަޅު ރެކޯޑެވެ.

ރޮނާލްޑޯގެ ހެޓްރިކުން މޮޅުވިޔަސް ރޭ އިންޓަ މިލާނުން 3-1 އިން ނަޕޯލީ ބަލިކޮށް ވަނީ އަލުން އެއް ވަނަ އަށް އަރައިފަ އެވެ. އިންޓަ އާއި ޔުވެންޓަސް އަށް ވެސް 45 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް ކުރި ލިބެނީ ޔުވެންޓަސް އަށް ވުރެ ފައިދާ ގޯލު ގިނަވުމުންނެވެ.

ރަށުން ބޭރުގައި ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޓަގެ ފުރަތަމަ ދެ ގޯލު ވެސް ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ. ލުކާކޫގެ ގޯލަށް ފަހު ނަޕޯލީގެ އަކާޑިއުސް މިލިޗް ޖެހި ގޯލުން ފަރަގު ކުޑަވި އެވެ. އެކަމަކު ދެ ވަނަ ހާފުގައި އިންޓަގެ ލައުޓާރޯ މާޓިނޭޒް ވަނީ އިތުރު ގޯލެއް ޖަހައި 3-1 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ.

މިދިޔަ ސީޒަނަށް ފަހު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް އިންޓަ އަށް ބަދަލުވުމަށް ފަހު ލުކާކޫ ވަނީ ލީގުގައި 14 ގޯލު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ 19 ގޯލު ޖަހާފައިވާ ލާޒިއޯގެ ފޯވާޑް ކީރޯ އިމޯބިލޭ އެވެ. ރޭ ހެދި ހެޓްރިކާ އެކު ރޮނާލްޑޯ މިހާރު އުޅެނީ 13 ގޯލާއެކު ލިސްޓުގެ ތިން ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *