ގޮތެއް ނެތަސް ޔުނައިޓެޑަކާ ހަވާލެއް ނުވާނަން، އަންނާނީ ރާއްޖެ އަށް: ގާޑިއޯލާ

Advertisement

ގޮތެއް ނެތަސް ޔުނައިޓެޑަކާ ހަވާލެއް ނުވާނަން، އަންނާނީ ރާއްޖެ އަށް: ގާޑިއޯލާ

ޢަބްދުﷲ އަޝްރަފް
ޔުނައިޓެޑްގެ ދަނޑުގައި ގާޑިއޯލާ ސިޓީ އަށް އިރުޝާދު ދެނީ.

އެހެން އެއްވެސް ޓީމަކުން ހުށަހެޅުމެއް ނުލިބުނަސް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުނުވާނެ ކަމަށާއި، އެހެން ވެއްޖެނަމަ ދާނީ ދިވެހިރާއްޖެ އަށް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ. ގާޑިއޯލާ މިހެން ބުނެފައިވަނީ މިރޭ ކުޅެން ހަމަޖެހިފައިވާ އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުތުމުގެ ކުރިން އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ.

“އެހެން ހުށަހެޅުމެއް ނުލިބިއްޖިއްޔާ އަހަރެން ދާނީ ދިވެހިރާއްޖެއަށް. ފަހަރެއްގެ ދިވެހިރާއްޖެ ނޫން އެހެން ގައުމަކަށްވެސް ވެދާނެ. އެއީ އެތަނުގަ ނުހުރޭ ގޮލްފް ކޯސް އެއް. އެކަމަކު ސިޓީ އަށް ކޯޗްކަން ކޮށްދިނުމަށްފަހު ޔުނައިޓެޑަށް އިރުޝާދުދޭކަށް އަހަރެން ނުދާނަން. ރެއާލް މެޑްރިޑްގެ ކޯޗްކަމާ ހަވާލުނުވާން އަހަރެން ނިންމާފައިވާ ގޮތަށް” ކުރިން ބާސެލޯނާ އާއި ބަޔާން މިޔުނިކަށް އިރުޝާދު ދިން ކޯޗް ގާޑިއޯލާ ބުންޏެވެ.

Advertisement

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗްކަމުން ސަރ އެލެކްސް ފާގަސަން 2013 ވަނަ އަހަރު ވަކިވުމާ ގުޅިގެން ޔުނައިޓެޑުން އެ ކްލަބްގެ ކޯޗަކަށް ގެންނަން އެންމެ ބޭނުންވި އެކަކީ ގާޑިއޯލާ އެވެ. ފާގަސަން އެ ކްލަބަށް ކޯޗްކޮށްދިން އެންމެ ފަހު އަހަރު ރޭގަނޑުގެ ކެއުމަކުން ގާޑިއޯލާ އާ އެމެރިކާގެ ނިއުޔޯކްގައި ބައްދަލުވެސްކޮށްފައިވެ އެވެ. އެކަމަކު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި ކްލަބުން ގާޑިއޯލާ އާ ވާހަކަދެއްކި ކަމެއް އެނގިފައެއް ނެތެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި ފާގަސަން އިރުޝާދު ދިން އެންމެ ފަހު ސީޒަންގައި އެޓީމަށް ޕްރިމިއާ ލީގު ކާމިޔާބުކުރެވުނު ފަހުން ޔުނައިޓެޑަށް ޕްރިމިއާ ލީގު ކާމިޔާބުކުރުމާ ގާތަށްވެސް އަދި ނާދެވެ އެވެ. އެކަމަކު އޭގެ ފަހުން ގާޑިއޯލާ ވަނީ ބަޔާން މިޔުނިކާ އެކު ބުންޑަސް ލީގާ ކާމިޔާބުކުރުމުގެ އިތުރުން މެންޗެސްޓާ ސިޓީއަށް ދެ ފަހަރު ޕްރިމިއާ ލީގް ކާމިޔާބުކޮށްދީފަ އެވެ.

ގާޑިއޯލާގެ ކޯޗްކަމުގެ ދަށުން މެންޗެސްޓާ ސިޓީން ޔުނައިޓެޑާ އަށް ފަހަރު ވާދަކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މެޗް ސިޓީން ވަނީ ކާމިޔާބުކޮށްފަ އެވެ. މި ހަތަރު މެޗްގެ ތެރެއިން ތިން މެޗަކީ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗްތަކެވެ. އެންމެ ފަހުން ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސިޓީ ބައްދަލުކުރި މެޗުން ސިޓީ ބަލިވެފައިވާ އިރު އެ މެޗް ކުޅެފައިވަނީ ސިޓީގެ ދަނޑުގައިކަން ފާހަގަކޮށްލެވެ އެވެ.

ލީގު ކަޕްގެ ފުރަތަމަ ލެގްގައި ޔުނައިޓެޑްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ސިޓީ ނުކުންނާނީ އެކެއް ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *