ފުލުގައި އޮތް އެސްޕަންޔޯލް އަތުން ބާސެލޯނާ އަށް ޕޮއިންޓެއް

Advertisement

ފުލުގައި އޮތް އެސްޕަންޔޯލް އަތުން ބާސެލޯނާ އަށް ޕޮއިންޓެއް

ޢަލީ ޝަހީމް

ސްޕެނިޝް ލީގުގެ ފުލުގައި އޮތް އެސްޕަންޔޯލްއާ ޗެމްޕިއަން ބާސެލޯނާ ވާދަކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ. ބާސެލޯނާ މެޗުން މޮޅުވާން ދަނިކޮށް އެސްޕަންޔޯލް އިން ނަތީޖާ ހަމަހަމަ ކުރި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެސްޕަންޔޯލް އިން ލީޑު ނެގީ ޑޭވިޑް ލޮޕޭޒް ބޮލުން ޖެހި ގޯލުންނެވެ. މި ގޯލަށް ފަހު ބާސެލޯނާއިން ވަނީ ހަމަލާތައް ގިނަކޮށް ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖެހިއިރު ބާސެލޯނާއިން ލީޑު ނެގީ އޭގެ ނުވަ މިނެޓު ފަހުން އާޓޫރޯ ވިޑާލް ޖެހި ގޯލުންނެވެ. ބާސެލޯނާ އަށް މެޗުގައި މައްސަލަތައް ކުރިމަތިވީ 75 ވަނަ މިނެޓުގައި މިޑްފީލްޑަރު ފްރޭންކީ ޑި ޔޮން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. މެޗުގައި އެސްޕަންޔޯލަށް ޕޮއިންޓެއް ކަށަވަރުކޮށްދިން ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ޗައިނާގެ މިޑްފީލްޑަރު ވޫ ލީ އެވެ. ވޫ ވެގެންގޮސްފައިވަނީ ބާސެލޯނާ ކޮޅަށް ގޯލު ޖެހި ޗައިނާގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު އެސްޕަންޔޯލް ފުލުގައި އޮތީ 19 މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ.

Advertisement

ލީގުގައި އިއްޔެ ރެއާލް މެޑްރިޑް ވަނީ 3-0 އިން ގެޓާފޭ ބަލިކޮށްފަ އެވެ. ރެއާލްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޑިފެންޑަރު ރަފައެލް ވެރާން ޖެހިއިރު އަނެއް ގޯލު ޖަހައިދިނީ ލޫކާ މޮޑްރިޗް އެވެ. މެޗުގައި ގެޓާފޭ އިން ރެއާލްގެ ގޯލާ އަމާޒުކޮށް 15 ހަމަލާ ފޮނުވާލި ނަމަވެސް ގޯލްކީޕަރު ތިބައު ކޯޓުއާ އަށް މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ. އެކަމަކު ރެއާލުން ވަނީ އެޓީމުން އުފެއްދި ނުވަ ހަމަލާގައި ގެޓާފޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ލީގުގެ އެއް ވަނައިގައި އަދިވެސް އޮތީ ބާސެލޯނާ އެވެ. ރެއާލް އާއި ބާސެލޯނާ އަށް ވެސް 40 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އަށް އެއް ވަނަ ލިބެނީ ފައިދާ ދެ ގޯލު އިތުރަށް އޮތުމުންނެވެ. ފުރަތަމަ ބުރުގައި ބާސެލޯނާ އާއި ރެއާލްގެ ކުރިމަތިލުން ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ރޭ އަމިއްލަ ދަނޑުގައި 2-1 އިން ލެވަންޓޭ ބަލިކުރި އެތުލެޓިކޯ މެޑްރިޑް އޮތީ 35 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *