ޗެމްޕިއަން ސިޓީ އެފްއޭ ކަޕްގެ އަނެއް ބުރަށް، ޔުނައިޓެޑް އެއްވަރު

އިނގިރޭސި އެފްއޭ ކަޕްގައި ރޭ އަމިއްލަ ދަނޑުގައި 4-1 އިން ޕޯޓް ވޭލް ބަލިކޮށް ޗެމްޕިއަން މެންޗެސްޓަރ ސިޓީ އިން ހަތަރު ވަނަ ބުރަށް ދަތުރުކުރިއިރު މެންޗެސްޓަރ ޔުނައިޓެޑް ރަށުން ބޭރުގައި ވުލްވްސްއާ ވާދަކުރި މެޗު 0-0 އިން އެއްވަރުވެ ނަތީޖާ ކަނޑައަޅަން އިތުރު މެޗެއް ކުޅެން ޖެހިއްޖެ އެވެ.
އިނގިރޭސި ހަތަރު ވަނަ ޑިވިޝަނުގައި ވާދަކުރާ ޕޯޓް ވޭލް ކޮޅަށް ރޭ ސިޓީގެ ގޯލުތައް ޖަހައިދިނީ އޮލެކްސަންޑަ ޒިންޗެންކޯ އާއި ޓެއިލާ ހާވުޑް-ބެލިސް، ސާޖިއޯ އަގުއޭރޯ އަދި ފިލް ފޯޑެން އެވެ. ޕޯޓްވޭލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ 34 އަހަރުގެ ފޯވާޑް ޓޮމް ޕޯޕް އެވެ.
17 އަހަރުގެ ހާވުޑް-ބެލިސް އަކީ ސިޓީގެ އެކެޑަމީ އިން ސީނިއާ ޓީމަށް ޕްރޮމޯޓްކުރި ކުޅުންތެރިއެކެވެ. މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހާވުޑް-ބެލިސް އަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ.
އެފްއޭ ކަޕްގައި ރޭ ވުލްވްސްއާ ޔުނައިޓެޑް ވާދަކުރި މެޗުގައި ދެޓީމަށް ވެސް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބިފަ އެވެ. ވުލްވްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ޔުނައިޓެޑްގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ މަތަކުރިއިރު މެޗުގައި ވުލްވްސްގެ ގޯލާ އަމާޒުކޮށް ޔުނައިޓެޑަށް އެއްވެސް ހަމަލާއެއް ފޮނުވައެއްނުލެވުނެވެ. މިއީ 2015 ވަނަ އަހަރުގެ ޖެނުއަރީގެ ފަހުން ޑޮމެސްޓިކް މެޗެއްގައި ގޯލާ އަމާޒުކޮށް ޔުނައިޓެޑަށް ހަމަލާއެއް ފޮނުވާނުލެވުނު ފުރަތަމަ މެޗެވެ. އެކަމަކު ރޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މާކަސް ރަޝްފާޑް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވެފަ އެވެ. މެޗުގެ ފަހުކޮޅު ވުލްވްސްގެ މެޓް ޑޮހެޓީ ބޮލުން ގޯލަށް ވައްދާލި ބޯޅައެއްގައި އަތުގައި ޖެހުމުން ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީތެރިކަމާއެކު ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.
މެޗަށް ފަހު ދެޓީމުގެ ކޯޗުން ވެސް ބުނީ މެޗު އެއްވަރުވުމުން އިތުރު މެޗަކަށް ދިއުމުގެ ބަދަލުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުން މުހިއްމު ކަމަށެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ ދެ ވަނަ މެޗު އޮންނާނީ މި މަހުގެ 14 ނޫނީ 15 ވަނަ ދުވަހު އެވެ. އެ މެޗު ވެގެންދާނީ ވުލްވްސް މި ސީޒަނުގައި ކުޅޭނެ 38 ވަނަ މެޗަށެވެ. ޔޫއެފާ ޔޫރޮޕާ ލީގުގެ ކޮލިފައިން ޖުލައި މަހު ފެށުމުން ވުލްވްސް ވަނީ އެހެން ޓީމުތަކަށް ވުރެ ގިނަ މެޗުތައް މި ސީޒަނުގައި ކުޅެފަ އެވެ.
އެފްއޭ ކަޕްގެ އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު ބާންލީ ވަނީ އަމިއްލަ ދަނޑުގައި ޕީޓަބަރޯ ޔުނައިޓެޑް 4-2 އިން ބަލިކޮށްފަ އެވެ. ރަށުން ބޭރުގައި ރޮޗްޑޭލްއާ ދެކޮޅަށް ނިއުކާސަލް ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު ބްރައިޓަން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ޝެފީލްޑް ވެނިސްޑޭ އަތުން ބަލިވެ ކަޓައިފަ އެވެ. ބްރައިޓަންގެ އިތުރުން ރަށުން ބޭރުގައި އެސްޓަން ވިލާ ވެސް ފުލަމް އަތުން 2-1 އިން ބަލިވެ ވަނީ ތިން ވަނަ ބުރުން ކަޓައިފަ އެވެ. ރޭ ނޯވިޗް ސިޓީ ވަނީ ރަށުން ބޭރުގައި ޕްރެސްޓަން ނޯތު އެންޑް 4-2 އިން ބަލިކޮށްފަ އެވެ. އަދި އަމިއްލަ ދަނޑުގައި ތިން ގޯލުގެ ލީޑެއްގައި އޮތް ވެޓްފޯޑް ވަނީ ޓްރަންމެރޭއާ ވާދަކުރި މެޗު 3-3 އިން އެއްވަރުވެފަ އެވެ.
އެފްއޭ ކަޕްގައި މިރޭ ޗެލްސީ އިން އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާ ވާދަކުރާ މެޗު ރޭގަނޑު ހަތެއް ޖަހާއިރު ފަށާއިރު އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ލިވަޕޫލް ނުކުންނާނީ ނުވައެއް ޖަހާއިރު އެވެ.
Advertisement


Leave a Reply