ގުޑީސް އިން ފަހަތުން އަރައި ޕޮލިސް ބަލިކޮށްފި

ގައުމީ ވޮލީބޯޅަ ލީގުގެ ދެ ވަނަ ބުރުގައި ރޭ ޕޮލިސް ކްލަބުން ދެ ސެޓު ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓު ހޯދައި ގުޑީސް ސްޕޯޓްސް ކްލަބުން ޗެމްޕިއަން ޕޮލިސް ރޮއްވާލައިފި އެވެ.
2018ގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަން ޕޮލިސް ކްލަބުން މިއަހަރުގެ ލީގުގެ ދެވަނަ ބުރަށް ނިކުތީ އެންމެ ފަހުން މެޗުގައި ގައުމީ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް ރަނގަޅު ފޯމެއްގައި އޮވެ އެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު ވެސް ޕޮލިހުން ހޯދީ ލީޑްގައި އޮވެ ކުޅެގެންނެވެ. ގައުމީ ޓީމްގެ ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ) އާއި، އިތުބާރު އެޓޭކަރު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ލީޑްކުރި ޕޮލިސް ޓީމުން ފުރަތަމަ ސެޓު ގެންދިޔައީ 25-22 އިންނެވެ. ސެޓު ފަށައިންގެން އެއްވަރުކޮށް ދިޔަ ނަމަވެސް ބިދޭސީ ކުޅުންތެރިޔާ ތީޕްތީ ރޮމޭޝް އަދި ތަޖުރިބާކާރު ސެޓަރު އިޝާން މުހައްމަދު (ބަޓިސް) ގެ މޮޅު ކުޅުމާއެކު ލީޑް ހޯދައި ސެޓު ކާމިޔާބުކުރި އެވެ. ސާޖިދުގެ ބާރު ހަމަލާތަކާއެކު ގުޑީސްއަށް ދެ ވަނަ ސެޓުގައި ވެސް ޕޮލިސް ހުއްޓުވޭ ގޮތެއް ނުވި އެވެ. މި ސެޓު ޕޮލިހުން ގެންދިޔައީ 25-18 އިންނެވެ. މި ސެޓުގައި ވެސް ގުޑީސްގެ ބިދޭސީ ކުޅުންތެރިޔާ މަން ބަހާދަރު ޝްރެސްތާ އަދި ހަސަން ނިލާމަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
ދެ ވަނަ ސެޓެކޭ އެއްގޮތަށް މެޗުގެ ތިންވަނަ ސެޓުގައި ވެސް ލީޑްގައި އޮތީ ޕޮލިސް ކުލަބެވެ. 17-10 އިން ބޮޑު ލީޑެއް ލިބުމާއެކު ކޯޗު އަޝްރަފް އަލީ (އަޝްރާ) ވަނީ ސެޓަރު އިޝާން އިބްރާހިމް އާއި ބިދޭސީ ކުޅުންތެރިޔާ ދީޕްތީ ބަދަލުކޮށްފަ އެވެ. އެވަގުތު ގުޑީސްއިން ނޭޕާލްގެ މަން ބަހާދަރުގެ ބަދަލުގައި ޒުވާން އެޓޭކަރު ޝަމާއިލް ކުޅެން އެރުވި އެވެ. މެޗުގެ ނަތީޖާ އެނބުރުނީ މިހާ ހިސާބުންނެވެ. ގުޑީސްގެ ގަޔާން ކްރީތީއާއި ޝަމާއިލްގެ މޮޅު ކުޅުމާއިއެކު ނަތީޖާގެ ފަރަގު ކުޑަކުރި އެވެ. އަދި ފަހު ވަގުތު ހަސަން ނިލާމްގެ ބާރު ހަމަލާތަކާއެކު 27-25 އިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވުމުގެ އުއްމީދު ގުޑީސް އިން ދެމެހެއްޓި އެވެ.
ހަތަރު ވަނަ ސެޓުގައި ގުޑީސްގެ ކޯޗު ޝަފްރާޒް، ބިދޭސީ ކުޅުންތެރިޔާ މަންގެ ބަދަލުގައި ޝަމާއިލްއަށް ފުލްކޮށް ފުރުސަތުދިނެވެ. ނަތީޖާއެއްގެ ގޮތުން ސެޓުގެ މެދަކާއި ޖެހެންދެން އެޓީމް އޮތީ ލީޑްގަ އެވެ. ރެފްރީގެ ނިންމުންތަކަށް ދެ ޓީމުންވެސް ހިތްހަމަނުޖެހުން ފާޅުކުރި މި މެޗުގެ ހަތަރު ވަނަ ސެޓު ކާމިޔާބުކުރުމަށް ގުޑީސްއަށް އިތުރު ހުރަހެއް ކުރިމަތިވި އެވެ. ރެފްރީއާ ބޭއަދަބީ ބަހުން މުހާތަބުކުރުމުގެ ސަބަބުން އެއްފަހަރާ ރީނދޫ ކާޑަކާއި ރަތްކާޑު ދައްކައި ގުޑީސްގެ މުހައްމަދު އަހުސަން ސެޓަށް ސަސްޕެންޑްކުރި އެވެ. އޭރު ސްކޯރ އޮތީ 15-13ގަ އެވެ. އެކަމަކު ސެޓަރު ހުސައިން ވިޝާމް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގާޔާންގެ މޮޅު ކުޅުމާއިއެކު އެއްވަރުކޮށްދިޔަ ސެޓު ފަހު ވަގުތު 23-25 އިން ކާމިޔާބުކޮށް ގުޑީސް އިން ޕޮލިސް ސިއްސުވާލި އެވެ.
ނަތީޖާ ނެރުމަށް ކުޅުނު ސެޓު ފަށައިގެންވެސް ލީޑް ކުރީ ޕޮލިސް ކްލަބެވެ. 11-7 އިން ކުރީގައި އޮއްވާ ހަސަން ނިލާމްގެ ބާރު ސާވިސްތަކާއެކު އެޓީމުން ނަތީޖާ އަނބުރާލި އެވެ. ފަހަތުން އަރާ 13-11އިން ލީޑް ހޯދައި ފަހު ވަގުތު 13-15އިން ގުޑީސް ވަނީ ސެޓް ގެންގޮސް ޕޮލިސްގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ.
ގުޑީސް އިން ވަނީ ލީގުގެ ފުރަތަމަ ބުރުގައި ވެސް ޕޮލިސް ބަލިކޮށްފަ އެވެ. މި ނަތިޖާއާއެކު ޕޮލިހަށް ލީގު ދިފާއުކުރުމުގެ އަމިއްލަ ބާރުވަނީ ގެއްލިފަ އެވެ. ފަހު މެޗުގައި ސިފައިންނާއި ޕޮލިސް ވާދަކުރާ މެޗުގެ ކުރިން ސިފައިންނާއި ގުޑީސް ވާދަކުރާނެއެވެ. އެ މެޗުން ސީދާ ތިން ސެޓުން ސިފައިން ބަލިވެއްޖެ ނަމަ ގުޑީސްއަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ނަމަވެސް އެމެޗުގެ ނަތީޖާ ފަސް ސެޓަށް ގޮސްގެން ނެރެންޖެހިއްޖެނަމަ ލީގު ޗެމްޕިއަންކަން ކަށަވަރުވާނީ ސިފައިންނާއި ޕޮލިސް ވާދަކުރާ މެޗުންނެވެ.
Advertisement


Leave a Reply