ފޯކައިދޫ ބަލިކޮށް މާޒިޔާ އަށް 11 ޕޮއިންޓުގެ ލީޑެއް

Advertisement

ފޯކައިދޫ ބަލިކޮށް މާޒިޔާ އަށް 11 ޕޮއިންޓުގެ ލީޑެއް

ޢަލީ ޝަހީމް
މާޒިޔާގެ އިއްބެ ވަހީދު މިރޭގެ މެޗުގައި ބޯޅަ ކޮންޓްރޯލް ކުރަނީ. އެޓީމުން ވަނީ 11 ޕޮއިންޓުގެ ލީޑެއް ނަގާފައި. - ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. ފޯކައިދޫ ފުޓްބޯލް ޓީމް 3-2 އިން ބަލިކޮށް މާޒިޔާއިން 11 ޕޮއިންޓުގެ ލީޑަކާއެކު ދެ ވަނަ ބުރުގެ ކުޅުން ނިންމާލައިފި އެވެ.

މާޒިޔާއިން 16 މެޗުން 41 ޕޮއިންޓް ހަމަކުރިއިރު ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް 14 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. އީގަލްސް އަށް މި ބުރުގައި ބާކީ އޮތީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބާ ވާދަކުރާ މެޗެވެ. ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗުތަކުން އިދިކޮޅު ޓީމުތަކަށް ތިން ޕޮއިންޓް ދޭގޮތަށް ނިންމާފައިވާތީ އީގަލްސްއަށް 15 މެޗުން 30 ޕޮއިންޓް ލިބޭނެކަން ވަނީ ޔަގީންވެފަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 13 މެޗުން 25 ޕޮއިންޓް ހޯދާފައިވާ ޓީސީ އެވެ. ހަތަރު ވަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އަށް 14 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ. މެޗުން ބަލިވި ފޯކައިދޫ އަށް 15 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ހަ ވަނައިގަ އެވެ.

މާޒިޔާއިން މިރޭގެ މެޗަށް ނުކުތީ ސަސްޕެންޝަނުގެ ސަބަބުން ހުސައިން ނިހާން (ނިހާޓް) އާއި ޑިފެންޑަރު މޫސާ ޔާމީން (ޔާންބެ) ނުލަ އެވެ. މިރޭ ވެސް އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) މާޒިޔާގެ ފުރަތަމަ އެގާރައިގައި ހިމަނަފާއެއްނުވެ އެވެ. ފޯކައިދޫ ޓީމުގެ ވައިސް ކެޕްޓަން މުހައްމަދު ޖައިލަމް އަށް އަނިޔާވެ ސީޒަން ވަނީ ނިމިފަ އެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ފޯކައިދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން ހުސައިން ފަޒީލް އެވެ. މެޗުގައި މާޒިޔާ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިން ގޯލު 65 ވަނަ މިނެޓުގައި ޖަހައިދިނީ އަސަދުﷲ އަބްދުﷲ އެވެ. އެޓީމުގެ ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ އިއްބެ ވަހީދު އެވެ. މިއީ ބެންޗުން ކުޅެން އަރައި އިއްބެ ވަހީދު ޖެހިޖެހިގެން ގޯލު ޖެހި ތިން ވަނަ މެޗެވެ. ފޯކައިދޫގެ ދެ ވަނަ ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖެހީ މުހައްމަދު އިންޝާއު އަހުމަދު އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ ސްޓެވާޓް އެވެ.

ފޯކައިދޫގެ ފަޒީލް އެއްވަރުކުރި ގޯލު ޖެހުމަށް ފަހު. – ފޮޓޯ: އެފްއޭއެމް

ފޯކައިދޫން ވަނީ ފުރަތަމަ ބުރުގައި މާޒިޔާއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށްފަ އެވެ. އުނދަގޫ ހާލަތެއްގައި އޮވެ މި ބުރުގައި ވެސް ފޯކައިދޫން ވަނީ މާޒިޔާއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ އެވެ. މާދަމާގެ މެޗަށް ފަހު ދެ ވަނަ ބުރުގައި ބާކީ އޮންނާނީ ދެ މެޗެވެ. އެއީ ބުދަ ދުވަހުގެ ރޭ ޓީސީ އާއި ގްރީން ސްޓްރީޓްސް ވާދަކުރާ މެޗާއި ޖެނުއަރީ 12 ވަނަ ދުވަހު އީގަލްސް އާއި ޓީސީ ވާދަކުރާ މެޗެވެ. ދެ ވަނަ ބުރުގެ ކުޅުން ނިމުމުން ތިން ވަނަ ބުރުގެ ކުޅުން ފަށާނެ ތާރީހާއި ކުޅޭނެ ޓީމުތަކުގެ އަދަދު އަދި އެނގިފައެއްނުވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *