ލީގު ރޭހުން ސިޓީ ބޭރުވެއްޖެ: ގާޑިއޯލާ

Advertisement

ލީގު ރޭހުން ސިޓީ ބޭރުވެއްޖެ: ގާޑިއޯލާ

ޢަލީ ޝަހީމް
ރޭގެ މެޗުގައި ސިޓީގެ ކުޅުންތެރިން މާޔޫސްވެފައި. ގާޑިއޯލާ ބުނަނީ އެޓީމަށް ލީގު ހޯދުމުގެ ފުރުސަތު ނެތްކަމަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 3-2 އިން މެންޗެސްޓަރ ސިޓީ ބަލިވުމުން ލީގު ހޯދުމުގެ ރޭހުން ސިޓީ ބޭރުވެއްޖެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. ވުވްލްސް އަތުން ސިޓީ ރޭ ބަލިވީ ދެ ގޯލުގެ ލީޑެއްގައި އޮއްވަ އެވެ.

މެޗުން ބަލިވުމުން ސިޓީއާ ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ 14 ޕޮއިންޓަށް ބޮޑުވެފަ އެވެ. ސިޓީން ލިވަޕޫލަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާއިރު ފަރަގު 17 ޕޮއިންޓަށް ވެސް ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. އެއް ވަނައިގައި ލިވަޕޫލް އޮތީ 18 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ދެ ވަނައިގައި 39 ޕޮއިންޓާއެކު ލެސްޓަ ސިޓީ އޮތްއިރު ސިޓީއަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.

Advertisement

“ލިވަޕޫލަށް އޮތް އެޑްވާންޓޭޖް މާ ބޮޑު. ސިޓީއަށް ފުރުސަތެއް ނެތް” ލީގު ހޯދުމުގެ ރޭހާ ގުޅޭގޮތުން ސުވާލުކުރުމުން މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުގައި ސިޓީއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ 12 ވަނަ މިނެޓުގައި ބްރެޒިލްގެ ގޯލްކީޕަރު އެޑަސަން އަށް ސީދާ ރަތް ކާޑެއް ދެއްކުމެވެ. އެޑަސަން އަށް ސީދާ ރަތެއް ދެއްކީ ވުވްލްސް އަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތެއްގައި އޭރިޔާ ބޭރުން ފައުލް ކުރުމުންނެވެ. އެޑަސަން ފައިބަން ޖެހުމުން ސިޓީން ވަނީ ސާޖިއޯ އަގުއޭރޯގެ ބަދަލުގައި ބަދަލު ކީޕަރު ކްލައުޑިއޯ ބްރާވޯ ކުޅެން އަރުވައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ސިޓީން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ ރަހީމް ސްޓާލިން ވައްދާލި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ފުރަތަމަ ފަހަރު ޖެހުމުން  ނުވަތް ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ޕެނަލްޓީ އަލުން ޖަހަން ދީފަ އެވެ. ދެ ވަނަ ފަހަރަށް ޖެހި ބޯޅަ ވުލްވްސްގެ ޕޯޗުގަލް ގޯލްކީޕަރު ރުއީ ޕެޓްރީސިއޯ ހިފެހެއްޓި ނަމަވެސް އަތުގައި ޖެހިފައި ނުކުތް ބޯޅަ ސްޓާލިން ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. ސިޓީން ލީޑު ފުޅާކުރީ ދެ ވަނަ ހާފުގެ ފަސް ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާގެ އެހީތެރިކަމާއެކު ސްޓާލިން އެވެ. ފަހަތުން އަރައި ވުލްވްސް އަށް ގޯލުތައް ޖަހައިދިނީ އަޑާމަ ޓްރައޮރޭ އާއި ރައުލް ހިމެނޭޒް އަދި މެޑް ޑޮހަޓީ އެވެ. މޮޅުވި ގޯލް ޑޮހަޓީ ޖެހީ މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށެވެ.

“ލިވަޕޫލާ ދޭތެރޭ ވިސްނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އަހަރެމެން މި ވިސްނަނީ ލެސްޓާއާ މެދު. ސިޓީއަށް އެބައޮތް ދެ ވަނަ ހޯދުމުގެ ފުރުސަތު. އަހަރެންނަށް އިނގޭ މި ޓީމުގެ ފެންވަރު އެކަމަކު މިވަގުތުގެ ހާލަތަކީ މިއީ” ގާޑިއޯލާ ބުންޏެވެ.

ސިޓީ ވަނީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި ވެސް ވުލްވްސް އަތުން ބަލިވެފަ އެވެ. ވުލްވްސް އަކީ ލީގުގައި ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ އަތުން ދެ މެޗުން މޮޅު ހޯދި ދެ ވަނަ ޓީމެވެ. 17-2016 ވަނަ ސީޒަނުގައި ސިޓީ އަތުން ދެ މެޗުން މޮޅުވީ ޗެލްސީ އެވެ. މިދިޔަ ސީޒަނުގައި ސިޓީން ލީގު ހޯދިއިރު ބަލިވީ ހަތަރު މެޗުންނެވެ. އެކަމަކު މި ސީޒަނުގެ ފުރަތަމަ ބުރުގައި ސިޓީ ވަނީ ފަސް މެޗުން ބަލިވެފަ އެވެ.

ލީގު ހޯދުމުގެ ރޭހުން ސިޓީ ބޭރުވިއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި އެޓީމުން ވާދަކުރަން ޖެހޭނީ ވަރުގަދަ ރެއާލް މެޑްރިޑާ އެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކުޅޭ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލީގު ދޭއްގައި ކުޅޭ ޕޯޓް ވޭލްއާ ދެކޮޅަށް ނުކުންނައިރު ލީގު ކަޕްގެ ސެމީ ފައިނަލުގައި ސިޓީ ނުކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. ގާޑިއޯލާ ބުނީ ލީގު ހޯދުމުގެ ފުރުސަތު ނެތަސް އެޓީމުން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަން ލީގަށްދޭ ސަމާލުކަން ބޮޑުކުރަން ޖެހޭނެ ކަމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *