މާފުށި ޔޫތު ކަޕްގެ ޗެމްޕިއަންކަން ބިއަންކޯ އެފްސީ ހޯދައިފި

Advertisement

މާފުށި ޔޫތު ކަޕްގެ ޗެމްޕިއަންކަން ބިއަންކޯ އެފްސީ ހޯދައިފި

ޢަލީ ޝަހީމް
މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބިއަންކޯ އެފްސީ. - ފޮޓޯ: ބިއަންކޯ / ފޭސްބުކް

ކ. މާފުށީ ޒުވާނުން އިސްނަގައިގެން އެރަށުގައި ބޭއްވި ޔޫތު ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބިއަންކޯ އެފްސީ ހޯދައިފި އެވެ. މާފުށި ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު ބިއަންކޯ އިން ކާމިޔާބުކުރީ 8-1 އިން ބިރާގަން ލައިގާސް ބަލިކޮށްގެންނެވެ.

މިއީ މާފުށީގައި މި މުބާރާތް ބޭއްވި ފުރަތަމަ އަހަރެވެ. 13 ޓީމުން ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ބިއަންކޯއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންވެ. ގްރޫޕް ސްޓޭޖުގައި އެފްސީ ބީ ރައްޓެހިން 10-0 އިން ބަލިކުރިއިރު އަނެއް މެޗުގައި އެރީނާ އެފްސީއާ ވާދަކޮށް 6-1 އިން ވަނީ މޮޅުވެފަ އެވެ. ކުއާޓާ ފައިނަލުގައި އެޓީމުން ވަނީ ވަން އެންޑް އޮންލީ ދަގަނޑުއާ ވާދަކޮށް 4-2 އިން މެޗު ކާމިޔާބުކޮށްފަ އެވެ. ސެމީ ފައިނަލުން އެޓީމު ކުރި ހޯދީ 4-0 އިން ސްޓްރައިކާސް އެފްސީގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

ރޭގެ މެޗުގައި ބިއަންކޯ އެފްސީގެ އިސްމާއީލް މަފާޒް އިބްރާހީމް ވަނީ ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މަފާޒްގެ އިތުރުން އެޓީމަށް ގޯލުތައް ޖަހައިދިނީ އިބްރާހީމް އަމީރު، އަލީ އުޒައިރު މުހައްމަދު، ހަސަން އިމްރާން އަދި ހުސައިން ރިފާން އެވެ. ބިރާގަން ލައިގާސްގެ ހަމައެކަނި ގޯލު ޖެހީ މުހައްމަދު ލަޔާން އަހުމަދު އެވެ.

މުބާރާތުގެ ތިން ވަނަ މަގާމް ހޯދީ ސްޓްރައިކާސް އެފްސީ އެވެ. ފެއާ ޕްލޭ ޓީމަކަށް ބިރާގަން ލައިގާސް ހޮވުނުއިރު އެންމެ މޯޅު ކޯޗަކީ ބިއަންކޯއަށް ޗެމްޕިއަންކަން ހޯދައިދިން އަހުމަދު ރާމީ އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ބިރާގަން ލައިގާސްގެ މުހައްމަދު ލަޔާން އަހުމަދު އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ބިއަންކޯގެ މަފާޒް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސްޓްރައިކާސްގެ އިސްމާއީލް ނަޒީހު އާއި ބިއަންކޯގެ މަފާޒް އާއި ނަޖާހް އަބްދުއްރަހީމްގެ އިތުރުން ބިރާގަން ލައިގާސްގެ ދެކުޅުންތެރިން ކަމަށްވާ އިސްމާއީލް ވިފާގް އަދި ހަސަން ރަޝީދު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެމްޕިއަން ބިއަންކޯގެ ރިފާން އެވެ.

މުބާރާތް އިންތިޒާމުކުރާ ޒުވާނުންގެ ގްރޫޕުން ވަނީ މިއަހަރުގެ ތީމެއްގެ ގޮތުގައި “ދުންފަތުގެ އިސްތިއުމާލު ކުރުމުން ކެންސަރު ޖެހުމަށް މަގުފަހިވޭ – ދުންފަތާ ދުރުހެލިވަމާ” ހަމަޖައްސައިފަ އެވެ. މި ތީމް ޕްރޮމޯޓް ކުރުމަށް މުބާރާތުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އައިއިރު މެޗުތައް ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ތީމާއެކު ފޮޓޯ ނެގުމުގެ ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ. އަދި، ސޯޝަލް މީޑިއާގައި ވެސް މި ތީމް ޕްރޮމޯޓް ކުރުމުގެ މަސައްކަތްތައް މުބާރާތް އިންތިޒާމުކުރި ފަރާތުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޔޫތު ކަޕްގެ ޗެމްޕިއަންކަން ހޯދި ބިއަންކޯއަށް 20،000 ރުފިޔާ ލިބޭނެ އެވެ. ދެ ވަނަ ލިބުނު ބިރާގަން ލައިގާސްއަށް 10،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ތިން ވަނަ ހޯދި ސްޓްރައިކާސްއަށް ދޭނީ 35،00 ރުފިޔާ އެވެ.

ފުރަތަމަ ފަހަރަށް މި މުބާރާތް އިންތިޒާމުކުރި ޒުވާނުންގެ ގްރޫޕުން ބުނީ އަންނަ އަހަރު ވެސް މި މުބާރާތް އިތުރަށް ފުރިހަމަކޮށް ބާއްވަން މަސައްކަތްކުރާނެ ކަމަށެވެ. މިއަހަރުގެ މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް މުބާރާތް އިންތިޒާމުކުރި ޓީމުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *