އެދުރު އަތުން ދަރިވަރު މޮޅުވެއްޖެ!

Advertisement

އެދުރު އަތުން ދަރިވަރު މޮޅުވެއްޖެ!

ޢަލީ ޝަހީމް
މިރޭގެ މެޗުގެ ކުރިން ލަމްޕާޑާއި މޮރީނިއޯ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން ފްރޭންކް ލަމްޕާޑުގެ ޗެލްސީ އިން އިނގިރޭސި ޕްރިމިއާ ލީގުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ. ޓޮޓެންހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-0 އިންނެވެ. ލަމްޕާޑަކީ މޮރީނިއޯ ޗެލްސީއަށް އިރުޝާދުދިން ދުވަސްވަރު އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ.

ލަމްޕާޑް ވަނީ މިދިޔަ ސީޒަނުގައި ވެސް ކޯޗެއްގެ ގޮތުގައި ހުރެ މޮރީނިއޯ ބަލިކޮށްފަ އެވެ. މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުގެ ގޮތުގައި ހުރިއިރު ލީގު ކަޕްގައި ލަމްޕާޑް މޮޅުވީ ޑާބީ ކައުންޓީއާ އެކު އެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން ޑާބީ ކައުންޓީ ކާމިޔާބުކުރީ 8-7 އިންނެވެ.

Advertisement

މެޗު ފަށައިގެން ދެ ޓީމުންވެސް ހަމަހަމަކުޅުމެއް ކުޅެމުން ދަނިކޮށް ފުރަތަމަ ލަނޑު ޖަހާ ޗެލްސީ އަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ވިންގް ވިލިއަން 12 ވަނަ މިނެޓްގައި ޖަހައިދިން ހިތްގައިމު ގޯލުން ނެވެ. މި ލަނޑަށް ފަހު މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ޓޮޓެންހަމް އިން ފުރަތަމަ ހާފުގައި ހެރީ ކޭން އަދި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މި ހާފް ނިމުމުގެ ކުރިން ޗެލްސީ އިން ދެ ގޯލުގެ ލީޑެއް ނެގުމެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި ޗެލްސީގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކޮށްދިނީ ވިލިއަން އެވެ. ވިލިއަން މި ލަނޑު ކާމިޔާބުކުރީ ޗެލްސީގެ މާކަސް އެލަންސޯ އަށް ޓޮޓެންހަމްގެ ގޯލްކީޕަރު ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

ގޯލު ޖެހުމަށް ފަހު ޗެލްސީ ކުޅުންތެރިން އުފާފާޅުކުރާއިރު މޮރީނިއޯ މާޔޫސްވެފައި

ދެވަނަ ހާފް ޓޮޓެންހަމް އިން ފެށީ އެރިކް ޑަޔާގެ ބަދަލުގައި ކްރިސްޓިއަން އެރިކްސަން ކުޅެން އަރުވައިގެންނެވެ. ޓޮޓެންހަމަށް މައްސަލަތައް ކުރިމަތިވީ މެޗުގެ 62 ވަނަ މިނެޓުގައި ސޮންއަށް ސީދާ ރަތްކާޑެއް ދެއްކުމުންނެވެ. ސޮން އަށް މި ކާޑު ދެއްކީ ޗެލްސީގެ ޑިފެންޑަރ އެންޓޯނިއޯ ރުޑިގާ އަށް ބޯޅަ ނެތިސް ހަމަލާ ދިނުމުން ވީޑިއޯ އެސިސްޓެންޓް (ރެފްރީ) ގެ އެހީ ހޯދުމަށް ފަހު އެވެ. ދެ ވަނަ ހާފުގެ ބޮޑުބައިގައި އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެން ޖެހުމާއެކު ޓޮޓެންހަމަށް ޗެލްސީގެ ގޯލަށް މާ ނުރައްކާތެރި ހަމަލާ އެއް ފޮނުވާލެވިފައެއް ނުވެ އެވެ. އަނެއްކޮޅުން ޗެލްސީއަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.

މި މޮޅާއެކު ޗެލްސީ ވަނީ 18 މެޗުން 32 ޕޮއިންޓް ހޯދައި ހަތަރު ވަނައިގައި ލީޑު ފުޅާކޮށްފި އެވެ. ތާވަލުގެ ފަސް ވަނައިގައި އޮތީ 18 މެޗުން 28 ޕޮއިންޓެވެ.

ލީގުގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑް ވަނީ ތާވަލުގެ އެންމެ ފުލުގައި އޮތް ވެޓްފޯޑް އަތުން ބަލިވެފަ އެވެ. ރަށުން ބޭރުގައި ޔުނައިޓެޑް ބަލިވީ 2-0 އިންނެވެ. ޔުނައިޓެޑް ކޮޅަށް މިރޭގެ މެޗުގައި ގޯލުތައް ޖަހައިދިނީ އިސްމާއިލާ ސާ އާއި ޓްރޮއި ޑީނޭ އެވެ. މެޗުގެ ފުރަތަމަ ގޯލު ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހަކުން ވަން އިރު ދެ ވަނަ ގޯލަކީ ޕެނަލްޓީއަކުން ވެޓްފޯޑް ކާމިޔާބުކުރި ގޯލެވެ.

މިރޭގެ މެޗުން ބަލިވުމުން ޔުނައިޓެޑް ވަނީ ހަތް ވަނައަށް ވެއްޓިފަ އެވެ. އެޓީމަށް 18 މެޗުން އެންމެ 25 ޕޮއިންޓް ލިބިފައިވާއިރު ތާވަލުގެ ހަ ވަނައިގައި އޮތީ 18 މެޗުން 27 ޕޮއިންޓް ހޯދާފައިވާ ވުލްވްސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *