މާފުށި ޔޫތު ކަޕް: ބިއަންކޯ އާއި ބިރާގަން ލައިގާސް ފައިނަލަށް

Advertisement

މާފުށި ޔޫތު ކަޕް: ބިއަންކޯ އާއި ބިރާގަން ލައިގާސް ފައިނަލަށް

ޢަލީ ޝަހީމް
ރޭ ކުޅުނު ސެމީ ފައިނަލް މެޗެއްގެ ތެރެއިން ޝަރަފްވެރި މެހްމާން ކުޅުންތެރިންނާ ސަލާމް ކުރަނީ. - ފޮޓޯ: މާފުށި ޔޫތު ކަޕް

މާފުށީ ޒުވާނުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ މާފުށި ޔޫތު ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ޖާގަތައް ބިއަންކޯ އެފްސީ އާއި ބިރާގަން ލައިގާސް ހޯދައިފި އެވެ.

ބިއަންކޯ އެފްސީ އިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ސްޓްރައިކާސް އެފްސީ 4-0 އިން ބަލިކޮށްގެންނެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ބިރާގަން ލައިގާސް ހޯދީ ވާދަވެރި ކުޅުމަކަށް ފަހު ކަންމަތި ސްޕޯޓްސް އަތުން 3-2 އިން މޮޅުވެގެންނެވެ.

މާފުށި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފުރަތަމަ ސެމީގައި ސްޓްރައިކާސް ކޮޅަށް ބިއަންކޯގެ ގޯލުތައް ޖަހައިދިނީ އިސްމާއީލް މަފާޒް އިބްރާހީމް އާއި ހުސައިން ރިފާން އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބިއަންކޯ އެފްސީގެ ރިފާން އެވެ.

ބިއަންކޯ އާއި ސްޓްރައިކާސް ވާދަކުރި ސެމީ މެޗުގެ ތެރެއިން. – ފޮޓޯ: މާފުށި ޔޫތު ކަޕް

ސެމީގެ ދެ ވަނަ މެޗުގައި ބިރާގަން ލައިގާސް އިން ޖެހި ތިން ގޯލުގެ ތެރެއިން އިސްމާއީލް ވިފާގް ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ވިފާގް އިތުރުން އެޓީމުގެ ގޯލު ޖެހީ ނައުޝް އަހުމަދު އެވެ. ކަންމަތި ސްޕޯޓްސްގެ ދެ ގޯލު ޖަހައިދިނީ މުހައްމަދު އަލީ ރަޝީދު އާއި މުރުތަޖާ މުހައްމަދު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ލައިގާސް ފައިނަލަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރި ވިފާގް އެވެ.

މުބާރާތުގެ ތިން ވަނަ ހޮވާ މެޗު އޮންނާނީ މިރެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ސެމީން ބަލިވި ސްޓްރައިކާސް އާއި ކަންމަތި ސްޕޯޓްސް އެވެ. މި މެޗު ފަށާނީ މިރޭ 20:00 ގަ އެވެ. ފައިނަލުގައި ބިއަންކޯ އާއި ބިރާގަން ލައިގާސް ވާދަކުރާ މެޗު ފަށާނީ މާދަމާ ރޭ 20:30 ގަ އެވެ.

ޔޫތު ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 20،000 ރުފިޔާ ކަނޑައަޅާފައިވާއިރު ދެ ވަނަ ޓީމަކަށް ދޭގޮތަށް ހަމަޖެހިފައިވަނީ 10،000 ރުފިޔާ އެވެ. މިއަހަރުގެ މުބާރާތުގެ ތިން ވަނަ ޓީމަށް ދޭނީ 3500 ރުފިޔާ އެވެ.

މުބާރާތް އިންތިޒާމުކުރާ ޒުވާނުންގެ ގްރޫޕުން ވަނީ މިއަހަރުގެ ތީމެއްގެ ގޮތުގައި “ދުންފަތުގެ އިސްތިއުމާލު ކުރުމުން ކެންސަރު ޖެހުމަށް މަގުފަހިވޭ – ދުންފަތާ ދުރުހެލިވަމާ” ވަނީ ހަމަޖައްސައިފަ އެވެ. މި ތީމް ޕްރޮމޯޓް ކުރުމަށް މުބާރާތުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މެޗުތައް ފެށުމުގެ ކުރިން ދެޓީމުގެ ކުޅުންތެރިން ތީމާއެކު ފޮޓޯ ނެގުމުގެ ހަރަކާތެއް ކުރިއަށްގެންދެ އެވެ.

ސްޓްރައިކާސް އާއި ބިއަންކޯ ވާދަކުރި މެޗުގެ ކުރިން މުބާރާތުގެ ތީމް ޕްރޮމޯޓް ކުރުމަށް ދެޓީމުން ފޮޓޯއަކަށް ހުއްޓިގެން. – ފޮޓޯ: މާފުށި ޔޫތު ކަޕް

13 ޓީމުން ބައިވެރިވި މި މުބާރާތުގެ ކޯ ސްޕޮންސަރަކީ މާފުށީ އެރީނާ ފްރެޝް މާޓް އެވެ. އޮފިޝަލް ޑްރިންކްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެރީނާ ފްރެޝް މާޓުން އެތެރެކުރާ ސަނީ ނެސް އެވެ. ޔޫތު ކަޕްގެ މީޑިއާ ޕާޓްރަނަކީ “ފަހުމިނެޓް” އެވެ. މީގެ އިތުރުން ރާސްތާ ފިއުލް، ސަމާ ވިލާ، ޕިއްޒާ އެންޑް ޕާސްތާ މަންމަ މިއާ، ސީ ބްލޫ، މާފުށި ޓުއާސް، މަލްޓި ޓޭސްޓް ރެސްޓޯރެންޓް، ޝައިނީ ޝޮޕް، އެޗް.އެފް.ވައި ހާޑްވެއަރ، އައިކޮމް ޓުއާސް، ހަމްޝީ، ޕްރިޒަން ކްލަބް، ބޮބް، މާފުށި ޑައިވް، ސީ ޝޯ، އޮޑެކްސް، ރީލް ލައިން، ސޯލްޓް ވައިބްސް ރެސްޓޯރެންޓް، ސަމާ ޗިކެން، ރަށު ގަނޑުވަރު، ސްޓޫޑިއޯ ޕްރޯ، ޔުނިކް އައިޑިއާ، އެލޯޑާ ސުވެނިއާސް، ބްލެކް ޓިޕް ސްޓޫޑިއޯ އަދި މާފުށީ އަންހެނުންގެ ކޮމިޓީ ވެސް މި މުބާރާތަށް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *