ލިވަޕޫލުން ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

Advertisement

ލިވަޕޫލުން ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި

ޢަލީ ޝަހީމް

ފައިނަލުގައި 1-0 އިން ދެކުނު އެމެރިކާގެ ޗެމްޕިއަން ފްލަމެންގޯ ބަލިކޮށް ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން ފީފާ ކްލަބް ވޯލްޑް ކަޕް ތަށި ފުރަތަމަ ފަހަރަށް އުފުލާލައިފި އެވެ. ރޭ ލިވަޕޫލުން ތަށި ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ރޮބާޓޯ ފިރްމީނޯ ޖެހި ގޯލުން ކުރި ހޯދައިގެންނެވެ.

ލިވަޕޫލް ވަނީ މީގެ ކުރިން 2005 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ކުޅެފަ އެވެ. އެފަހަރު އެޓީމު ވަނީ ބްރެޒިލްގެ ސައޮ ޕައޮލޯ އަތުން 1-0 އިން ބަލިވެފަ އެވެ. ޔޫރަޕްގެ ޗެމްޕިއަންކަމާއި ކްލަބް ވޯލްޑް ކަޕްގެ އިތުރުން ލިވަޕޫލުން ވަނީ މި އަހަރު ޔޫއެފާ ސުޕަރ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލްގެ އިތުރުން ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ އިނގިރޭސި ޓީމަކީ 2008 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑެވެ.

Advertisement

ރޭގެ މެޗު ފަށައިގެން ލިވަޕޫލުން މޮޅަށް ކުޅެ ރަނގަޅު ހަމަލާތައް ވަނީ އުފައްދައިފަ އެވެ. އެޓީމުގެ ފިރްމީނޯ އާއި މުހައްމަދު ސަލާހަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު ފްލަމެންގޯއިން ވަނީ ފަހުން ކުޅުން ރަނގަޅުކޮށް ލިވަޕޫލަށް ބާރުބޮޑުކޮށްފަ އެވެ. މެޗު ނިމެން އުޅެނިކޮށް ލިވަޕޫލްގެ ސަޑިއޯ މާނޭއަށް ފްލަމެންގޯގެ ރަފީނިއާ ފައުލެއް ކުރި ކަމަށް ބަލައި ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ފަހުން ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމައިފަ އެވެ. މެޗު ނިމި އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ މެދަކާ ހިސާބުން ފިރްމީނޯ ގޯލު ޖެހީ މާނޭ ޖައްސާލި ބޯޅަ ފްލަމެންގޯގެ ޑިފެންޑަރާއި ގޯލްކީޕަރަށް ފުރުސަތެއް ނުދީ ހަމަޖެހިލާފަ އެވެ.

ލިވަޕޫލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އުތުރު އެމެރިކާގެ ޗެމްޕިއަން މެކްސިކޯގެ މޮންޓެރޭ ކޮޅަށް ފިރްމީނޯ ފަހު ވަގުތު ޖެހި ގޯލުން މޮޅުވެގެންނެވެ. ސެމީ އާއި ފައިނަލުގައި ކުޅުނު އުނދަގޫ ދެ މެޗަށް ފަހު ތަށި ލިބުމުން ކޯޗު ޔާގެން ކްލޮޕް ބުނީ އުފާވެރިކަން ބުނެދޭން ނޭނގޭ ކަމަށާއި ކުޅުންތެރިން ކުރި ހިތްވަރަށް ޝުކުރު އަދާކުރާކަމަށެވެ.

“އެކި ސަބަބުތަކާ ހެދި މެޗުގައި ވަރަށް ނޭވާ ހިފަހައްޓާލަން ޖެހުނު. އެއީ އަހަރެމެން ކުޅުނު އެންމެ މޮޅު މެޗެއް ނޫން. އެކަމަކު ކާމިޔާބީ ހޯދަން އެވަރު ފުދޭ” ގަތަރުގެ ވެރިރަށް ދޯހާގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުނު މެޗަށް ފަހު ކްލޮޕް ބުންޏެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *