ކްލަބް ވޯލްޑް ކަޕް ލިބުން ވާނީ ހަނދަށް ދެވުން ފަދަ ކަމަކަށް: ކްލޮޕް

Advertisement

ކްލަބް ވޯލްޑް ކަޕް ލިބުން ވާނީ ހަނދަށް ދެވުން ފަދަ ކަމަކަށް: ކްލޮޕް

ޢަބްދުﷲ އަޝްރަފް

މިހާރު ގަތަރުގައި ކުރިއަށްދާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުން ވާނީ ލިވަޕޫލަށް ހަނދަށް ދެވުން ފަދަ ކަމަކަށް ކަމަށް އެ ކްލަބްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ. ކްލޮޕް މިހެން ބުނެފައިވަނީ މިރޭ ރާއްޖޭގެ ގަޑިން 10:30 ގައި ފަށާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗްގައި ބްރެޒިލްގެ ފްލެމެމްގޯ އާ ދެކޮޅަށް ނުކުތުމުގެ ކުރިން ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ.

18 ލީގު ޓައިޓްލް ހޯދުމުގެ އިތުރުން ހަފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގް ތަށި ހޯދައިފައިވާ ލިވަޕޫލަށް އަދި މިހާތަނަށް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރެވިފައެއް ނުވެއެވެ. 2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މީގެ ކުރިން މިހާތަނަށް ލިވަޕޫލުން ވާދަކޮށްފައިވަނީ ވެސް އެންމެ ފަހަރަކު އެވެ. 2005 ވަނަ އަހަރު އޮތް މުބާރާތުގެ ތަށީގައި އަތްލުމުގެ ފުރުސަތު ލިވަޕޫލަށް ނުލިބި ދިޔައީ ފައިނަލްގައި ބްރެޒިލްގެ ސައު ޕައޮލޯ އާ ވާދަކޮށް 0-1 އިން ބަލިވުމުންނެވެ.

“އަހަރެންނަކަށް ނޭނގެ ދުވަހަކުވެސް ލިބިފައި ނުވާ އެއްޗެއް ހޯދަން އުޅޭއިރު އެހެން މީހުން އެކަމަކާ މެދު ދެކޭނީ ކިހިނެއް ކަމެއް. އަހަރެންނަށް އެއީ ހަނދުގަ ފައި ބީއްސާލުން ކަހަލަ ކަމެއް.” ކްލޮޕް ބުންޏެވެ.

“އަހަރެމެންގެ ކުޅުންތެރިން ކޮންމެ މެޗެއް ކުޅުނަސް ކުޅޭނީ މޮޅުވާން ބޭނުންވެގެން. އިނގިރޭސި ވިލާތާއި ޔޫރަޕުން، އަހަރެމުން މިރޭގެ މެޗުން މޮޅުވާން އެދޭވަރަށް ވުރެ ބޮޑަށް މުޅި ބްރެޒިލް އާއި ދެކުނު އެމެރިކާއިން މިރޭގެ މެޗުން ފްލެމެންގޯ މޮޅުވާން ބޭނުން ވުމަކީ އެމީހުންނަށް އޮތް އެޑްވާންޓޭޖެއް ކަމެއް ނޭނގޭ. (ސެމީ ފައިނަލްގައި މޮންޓެރޭ އާ ކުޅުނިއިރު) އިންގްލެންޑަށްވުރެ މެކްސިކޯ އިން މާބޮޑަށް ބޭނުންވި އެ މެޗުން އެ މީހުންގެ ޓީމް މޮޅުވާން. އެކަމަކު އަހަރެމެން މޮޅުވީ. މިރޭ ވާގޮތެއް ބަލަމާ ހިނގާ.” ކްލޮޕް ބުންޏެވެ.

“އަހަރެމެންނަށް މިކަން ސިފަކުރެވޭ ގޮތަކީ މިއީ. މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ އަހަރެމެން ވާނީ ދުނިޔޭގެ މުބާރާތުގެ ޗެމްޕިއަނަށް. މިއީ އެހާ ގިނައިން ލިބޭނެ ފުރުަތެއް ނޫން. އަދި ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަށް އެ ކުޅުންތެރިން ނިސްބަތްވާ ގައުމުގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް މުބާރާތެއް ކާމިޔާބުކުރުމުގެ ފުރުސަތެއް ލިބިފައެއް ނެތް. އެހެން ވީމަ މިއީ އެފަދަ ކަމެއް ކުރަން ލިބޭނެ ހަމައެކަނި ފުރުސަތަކީ. އަހަރެންނަކަށް އެއްވެސް ޕްރެޝަރެއް ނެތް. އެކަމަކު އަހަރެން ދެކެނީ މިއީ އަހަރެންނަށް ލިބޭ ވަރަށް މުހިއްމު ފުރުސަތެއް ކަމަށް. އެހެން ވީމާ މކަން ކާމިޔާބުކުރަން އަހަރެން ބޭނުން.” ކްލޮޕް ބުންޏެވެ.

މުބާރާތުގެ ފައިނަލުން ލިވަޕޫލް ޖާގަ ހޯދީ ސެމީ ފައިނަލްގައި 1-2 އިން މެކްސިކޯގެ މޮންޓެރޭ ބަލިކުރުމަށްފަހު އެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ ލިބަޓަޑޮރަސް ކަޕްގެ ޗެމްޕިއަންގެ ހައިސިއްޔަތުން މުބާރާތުގައި ބައިވެރިވި ފްލެމެންގޯ ފައިނަލުން ޖާގަ ހޯދީ ސައޫދީ އަރަބިއްޔާގެ އަލްހިލާލް ސެމީ ފައިނަލްގައި 1-3 އިން ބަލިކުރުމަށް ފަހު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *