ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށް ޓީސީ ދެ ވަނަ އަށް

Advertisement

ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށް ޓީސީ ދެ ވަނަ އަށް

ޢަލީ ޝަހީމް
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސައްޓު. -

ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ދެ ގޯލުގެ ލީޑެއްގައި އޮއްވައި ފަހަތުން އަރައި ޖެހި ތިން ގޯލާއެކު 3-2 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައިފަ އެވެ.

މިއަދުގެ މެޗާއެކު ޓީސީ ވަނީ 11 މެޗުން 22 ޕޮއިންޓް ހޯދައިފަ އެވެ. އެއް ވަނައިގައި އޮތް މާޒިޔާއަށް 13 މެޗުން 32 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ކްލަބް އީގަލްސްއަށް ލިބިފައިވަނީ 21 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އަށް 12 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު މިއަދުގެ މެޗުން ބަލިވި ދަ ގްރާންޑޭ އޮތީ 13 މެޗުން ލިބުނު 18 ޕޮއިންޓާއެކު ފަސް ވަނައިގަ އެވެ.

Advertisement

ޓީސީން މިއަދު ނެރުނު ފުރަތަމަ އެގާރައިގައި އަކްރަމް އަބްދުލްގަނީ (އަކޫ) ހިމަނާފައެއްނުވެ އެވެ. ޓީސީގެ މެދުތެރޭގައި މިއަދު ވަނީ ޒުވާން މިޑްފީލްޑަރު މުހައްމަދު ޔަޒްދާން ހުސައިނަށް ފުރުސަތުދީފަ އެވެ.

ދަ ގްރާންޑޭއިން ދެ ގޯލުގެ ލީޑެއް ނެގީ ފުރަތަމަ ހާފުގެ ފަހު 15 މިނެޓުގަ އެވެ. އެޓީމުގެ ގޯލުތައް 30 ވަނަ މިނެޓާއި 38 ވަނަ މިނެޓުގައި ޖަހައިދިނީ ފޯވާޑް އޮބައިދާ ކަދޫމް އަހުމަދު އެވެ. އޮބައިދާގެ ދެ ގޯލަށް ފަހު ޓީސީން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރުކޮށްފަ އެވެ. އެކަމަކު އެޓީމަށް މައްސަލަތައް ކުރިމަތިވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފޯވާޑް އިބްރާހީމް ޝަފްރާޒް (ޝަފްލޭ) އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ޝަފްލޭއަށް ރަތްކާޑު ދެއްކީ ރެފްރީއާ ބޭއަދަބީ ބަހުން މުއާމަލާތުކުރުމުންނެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ވެސް ޓީސީން ވަނީ ދެ ވަނަ ހާފުގައި ހިތްވަރު ނެރެ ތިން ގޯލު ޖަހައި ނަތީޖާ އަނބުރާލައިފި އެވެ. އެޓީމުގެ ފުރަތަމަ ދެ ގޯލު ޖަހައިދިނީ އިސްމާއީލް އީސާ (މެސީ) އެވެ. 63 ވަނަ މިނެޓުގައި އީސަ މި ގޯލު ޖެހީ އިޝާން އިބްރާހީމް (ސައްޓު) ދަ ގްރާންޑޭގެ މުހައްމަދު ނިޒާމް (ޕީކޭ) ކައިރިން ނައްޓާލާފައި ޖައްސާލި ބޯޅަ ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ. ޓީސީން އެއްވަރުކުރި ގޯލު އޭގެ ހަތަރު މިނެޓު ފަހުން އީސަ ޖެހީ ވެސް ސައްޓު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ޕީކޭ ކައިރިން ނައްޓާލުމަށް ފަހު ހުސްކޮށްލާފައި އީސައަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. ޓީސީ މެޗުން މޮޅުވި ގޯލު 70 ވަނަ މިނެޓުގައި ޖެހީ ސައްޓު އެވެ. އަރިމަތިން ސައްޓުއަށް ލިބުނު ބޯޅަ އެކަނިމާއެކަނި ގޮސް ގޯލުގެ ތެރެއަށް ވައްދާލީ ކައިރީގައި ތިބި ދަ ގްރާންޑޭގެ ތިން ޑިފެންޑަރުންނަށް ފުރުސަތެއްނުދީ އެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅު ކުޅުމެއް ދެއްކި ސައްޓު އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ އެވެ. މި މެޗު ފަށާނީ 9 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *