މާފުށި ޔޫތު ކަޕް: ހަތަރު ޓީމަކުން ކުއާޓާ ފައިނަލް ޔަގީންކޮށްފި

މާފުށީގައި މިހާރު ކުރިއަށްދާ މާފުށި ޔޫތު ކަޕް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ހަތަރު ޓީމަކުން ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފި އެވެ. މުބާރާތުގައި ރޭ ހަތަރު މެޗު ކުޅުނުއިރު ގްރޫޕް އޭ ނޫން އަނެއް ތިން ގްރޫޕުގެ ކުޅުން ވަނީ ނިމިފަ އެވެ. ރޭގެ މެޗުތަކަށް ފަހު ކުއާޓާ ފައިނަލުގެ ސީދާ ޖާގައެއް ހޯދީ ވަން އެންޑް އޮންލީ ދަގަނޑު، ބިރާގަން ލައިގާސް އާއި ބިއަންކޯ އެފްސީ އަދި ކަންމަތި ސްޕޯޓްސް އެވެ.
ރޭ އެންމެ ފުރަތަމަ ކުޅުނީ ގްރޫޕް އޭގައި ހިމެނޭ ބިރާގަން ސްޕޯޓްސް ކްލަބާއި އޮޅިމަތި ޓައިގާސްގެ މެޗެވެ. މި މެޗަށް ނުކުތްއިރު ވެސް އޮޅުމަތި ޓައިގާސް އޮތީ މުބާރާތުން ކަޓައިފަ އެވެ. މި ދެޓީމު ވާދަކުރި މެޗު ނިމުނީ 4-4 އިން އެއްވަރުވެގެންނެވެ. މެޗުގައި ބިރާގަންގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ނިޒާމް އާއި ދެ ގޯލު ޖެހި ހޫދު ނަޒީރް އެވެ. ބިރާގަންގެ ތިން ވަނަ ގޯލަކީ އޮޅިމަތި ޓައިގާސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ގޯލެވެ. މެޗުގައި އޮޅިމަތި ޓީމުގެ ހަތަރު ގޯލުގެ ތެރެއިން ޖަޒްލާން އާދަމް ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ގޯލު ޖަހައިދިނީ އަހުމަދު ޔަޒީދް އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. – ފޮޓޯ: މާފުށި ޔޫތު ކަޕް
ރޭ ގްރޫޕް ބީގައި ކޮމްޕޭނިއަން އާއި ޑްރެގަންސް ވާދަކުރި މެޗު 4-3 އިން ކޮމްޕޭނިއަން ވަނީ ކާމިޔާބުކޮށްފަ އެވެ. މެޗުގައި ކޮމްޕޭނިއަންގެ އަބްދުﷲ އަމީން ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު އަނެއް ގޯލު ޖެހީ މުހައްމަދު ނިޝާވަން އެވެ. ޑްރެގަންސްގެ ތިން ގޯލުގެ ތެރެއިން ހަމްދޫން އަހުމަދު ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖެހީ އަބްދުﷲ ޝާކިރް އެވެ. މި ގްރޫޕުގެ އެއް ވަނަ ބިރާގަން ލައިގާސް އަށް ލިބުނުއިރު ދެ ވަނަ ލިބުނީ ކޮމްޕޭނިއަން އަށެވެ. ލައިގާސް އަށް އެއް ވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕުގެ ފުލަށް ދިޔަ ޑްރެގަންސް ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.
ގްރޫޕް ސީގައި ރޭ ބިއަންކޯ އެފްސީ ވަނީ 6-1 އިން އެރީނާ އެފްސީ ބަލިކޮށް ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. މެޗުގައި އެރީނާގެ ހަމައެކަނި ގޯލު ޖެހީ އަސްއަދު އިބްރާހީމް އެވެ. ބިއަންކޯގެ ގޯލުތައް ޖަހައިދިނީ ހަސަން އިމްރާން، މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނަޖާހް އަބްދުއްރަހީމް، އިސްމާއީލް މަފާޒް އިބްރާހީމް، ހުސައިން ރިފްހާން، ޔޫސުފް އުމައިރު މުހައްމަދު އަދި އިބްރާހީމް އަމީރު އެވެ. ބިއަންކޯގެ ފަހަތުން އެރީނާއަށް މި ގްރޫޕުގެ ދެ ވަނަ ލިބުނުއިރު ފުލަށް ދިޔައީ އެފްސީ ބީ ރައްޓެހިންނެވެ.

ރޭގެ މެޗެެއްގެ ތެރެއިން ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ. – ފޮޓޯ: މާފުށި ޔޫތު ކަޕް
ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުން ކަންމަތި ސްޕޯޓްސް މޮޅުވީ ބަދަވިންއާ ވާދަކޮށް 4-1 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޒުލިފިކުލި ޒާހިރު ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ މޫސާ ހުސައިން ފުޅެވެ. މެޗުގައި ބަދަވިން ޓީމުގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ޝާއިގް އެވެ.
މި މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް އޭގެ ފަހު މެޗާއި ކުއާޓާ ފައިނަލުގެ ޕްލޭ އޮފް ތިން މެޗެވެ. 19:55 ގައި ކުޅޭ ގްރޫޕް އޭގެ ފަހު މެޗުގައި ދަގަނޑު ޓީމާ ދެކޮޅަށް ނުކުންނާނީ ސްޓްރައިކާސް އެވެ. މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މި ގްރޫޕުގެ އެއް ވަނަ އަދި ދެ ވަނަ ކަށަވަރުވާނެ އެވެ. މިރޭ ކުޅޭ ޕްލޭ އޮފް ފުރަތަމަ މެޗުގައި 20:55 ގައި ބިރާގަން ޖޫނިއާ އާއި ކޮމްޕޭނިއަން ވާދަކުރާއިރު ޕްލޭ އޮފް ދެ ވަނަ މެޗުގައި 21:55 ގައި އެރީނާ އެފްސީ އާއި ޑްރެގަންސް ވާދަކުރާނެ އެވެ. ޕްލޭ އޮފް ފަހު މެޗުގައި ބައްދަލުކުރާނީ ބަދަވިން އާއި އެފްސީ ބީ ރައްޓެހިންނެވެ. މި މެޗު ފަށާނީ ރޭގަނޑު 22:55 ގަ އެވެ.
Advertisement


Leave a Reply