ފްލެމިންގޯ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

Advertisement

ފްލެމިންގޯ ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

ޢަބްދުﷲ އަޝްރަފް

ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި 1-3 އިން ސައޫދީ އަރަބިއްޔާގެ އަލް ހިލާލް ބަލިކޮށް މުބާރާތުގެ ފައިނަލަށް ބްރެޒިލްގެ ފްލެމިންގޯ ދަތުރުކޮށްފިއެވެ.

ގަތަރު ގައި ރޭ ކުޅުނު މެޗްގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އަލް ހިލާލް އިންނެވެ. މެޗްގެ 18 ވަނަ މިނެޓްގައި މި ލަނޑު ހިލާލް އަށް ކާމިޔާބުކޮށްދިނީ ސަލީމް އަލް ދޯސާރީ އެވެ. އެކަމަކު މެޗްގެ ފަހު ހާފް ފަހު ހާފް ފެށުނު ތަނާ ކަހަލަ ގޮތަކަށް ފްލެމިންގޯ އަށް ކުޅެމުން އަންނަ އުރުގުއޭގެ ޖިއޮގިއަން ޑި އަރަސްކޭޓާ ލަނޑެއް ޖަހައި އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ ކްލަބްތަކުގެ  މެދުގައި ކުޅެވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތްކަމަށްވާ ލިބަޓަޑޮރަސް ކަޕް އެންމެ ފަހުން ކާމިޔާބުކުރި ފްލެމިންގޯއަށް މެޗްގެ ލީޑް ލިބުނީ 78 ވަނަ މިނެޓްގައި ބްރޫނޯ ހެންރިކް ބޮލުން ޖަހައި ވައްދާލި ގޯލުންނެވެ. ފްލެމިންގޯ އިން ޖެހި ތިން ވަނަ ލަނޑަކީ މެޗް ނިމެން އަށް މިނެޓަށް ވެފައި އޮއްވައި އަލްހިލާލްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މުބާރާތުގެ ފައިނަލްގައި ފްލެމިންގޯ ބައްދަލުކުރަންޖެހޭނީ މިރޭ ރާއްޖޭގެ ގަޑިން 10:30 ގައި ފަށާގޮތަށް ހަމަޖެހިފައިވާ ލިވަޕޫލް އަދި މޮންޓެރޭ ވާދަކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ބަޔަކާ އެވެ. މެކްސިކޯ އަށް ނިސްބަތްވާ މޮންޓެރޭ އަކީ އުތުރު އެމެރިކާ ސަރަހައްދުގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ ކޮންކާކަފް ޗެމްޕިއަންސް ލީގު އެންމެ ފަހުން ކާމިޔާބުކޮށްފައިވާ ކްލަބެވެ. ކްލަބް ވޯލްޑް ކަޕްގެ ފައިނަލް މެޗް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *