އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް: ޗެލްސީ އެފްސީ އިން ފަސޭހަކަމާއެކު ޑޮޓްކޮމް ބަލިކޮށްފި

Advertisement

އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕް: ޗެލްސީ އެފްސީ އިން ފަސޭހަކަމާއެކު ޑޮޓްކޮމް ބަލިކޮށްފި

ޢަލީ ޝަހީމް
ޗެލްސީ އެފްސީގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެން ދަނީ. - ފޮޓޯ: އީކޯ ޔޫތު / ނައިފަރު

އެސްޕެކްޓް ނައިފަރު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ޑޮޓްކޮމް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީ ފުޓްބޯލް ކްލަބް ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ. ނައިފަރު ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 6-1 އިންނެވެ.

މި މޮޅާއެކު ހަތަރު ޓީމު ހިމެނޭ ގްރޫޕް އެކެއްގެ އެއް ވަނަ ޗެލްސީއަށް ވަނީ ލިބިފަ އެވެ. އެޓީމަށް ހަތަރު ޕޮއިންޓާއި ފައިދާ ފަސް ގޯލު ލިބިފައިވާއިރު ދެ ވަނައިގައި އޮތް ޑޮޓްކޮމް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގެ ތިން ވަނައިގައި ޕޮއިންޓަކާއެކު ޖީޖީ ޓީމް އޮތްއިރު ފުލުގައި އޮތް އެފްސީ އެކްސިސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

މިއަދުގެ މެޗުގައި ޑޮޓްކޮމް ޓީމުގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެންދާއިރު ޗެލްސީ އެފްސީގެ ކުޅުންތެރިއަކު ސަމާލުވެގެން. – ފޮޓޯ: އީކޯ ޔޫތު / ނައިފަރު

މޮޅެއް ހޯދުން މުހިއްމު މެޗުގައި ޗެލްސީ އެފްސީން މިއަދު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެޓީމުން މެޗު ކާމިޔާބުކުރީ ހަތަރު ވަނަ މިނެޓުގައި އަހުމަދު ޝުޖާއު މުހައްމަދުގެ ގޯލުން ޑޮޓްކޮމް ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ޖެހި ގޯލުތަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ޗެލްސީ އެފްސީ އިން ޖެހި ދެ ގޯލާއެކު 2-1 އިންނެވެ. 16 ވަނަ މިނެޓުގައި ޗެލްސީގެ އެފްސީގެ ފުރަތަމަ ގޯލު މަޖްދާން ސޯލިހު ޖަހައިދިންއިރު 24 ވަނަ މިނެޓުގައި ދެ ވަނަ ގޯލު ޖަހައިދިނީ ހުސައިން ވާފިރު އެވެ. މެޗުގައި ޗެލްސީގެ އަނެއް ހަތަރު ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ތިން ވަނަ ގޯލާއި ހަތަރު ވަނަ ގޯލު ޖެހީ މުހައްމަދު އަތީފް އެވެ. މި ގޯލުތައް އަތީފް ޖެހީ ދެ ވަނަ ހާފުގެ ފުރަތަމަ ދިހަ މިނެޓު ތެރޭގަ އެވެ. އަތީފްގެ ގޯލުތަކަށް ފަހު 76 ވަނަ މިނެޓުގައި ޗެލްސީ އެފްސީގެ ސޯލިހް ވަނީ މެޗުގައި އޭނާގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ޗެލްސީ އެފްސީގެ ހަ ވަނަ ގޯލު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަދީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެލްސީ އެފްސީގެ ސޯލިހު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސޯލިހު ޓްރޮފީއާ ހަވާލުވަނީ. އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހާފައި. – ފޮޓޯ: އީކޯ ޔޫތު / ނައިފަރު

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އެކެއްގައި ހިމެނޭ ޖީޖީ ޓީމާއި އެފްސީ އެކްސިސް އެވެ. މާދަމާގެ މެޗުން ބަލިވެއްޖެ ނަމަ އެކްސިސް މުބާރާތުން ކަޓާނެ އެވެ. ފުރަތަމަ މެޗުގައި ޖީޖީ ޓީމް ޗެލްސީ އެފްސީއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު އެކްސިސް ވަނީ ފުރަތަމަ މެޗުގައި 3-2 އިން ޑޮޓްކޮމް އަތުން ބަލިވެފަ އެވެ.

މިއަހަރުގެ މުބާރާތުގައި ވާދަކުރާ ހަތް ޓީމު ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ސެމީގައި ވާދަކުރާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމެވެ. ސެމީ ފައިނަލް ދެ މެޗު ޑިސެމްބަރު 24 އަދި 25 ވަނަ ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

މި އަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މިއީ ނައިފަރުގައި މި މުބާރާތް ކުރިއަށްގެންދާ 20 ވަނަ އަހަރެވެ. މިހާރު އެރަށުގައި މި މުބާރާތް އިންތިޒާމުކުރަނީ އީކޯ ޔޫތު ޖަމިއްޔާއިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *