ޝާޒްގެ ފުރަތަމަ މެޗުން ޓީސީ އަށް ބޮޑު މޮޅެއް

މުހައްމަދު ޝާޒްލީ (ޝާޒް) ގެ ކޯޗުކަމުގައި ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު ބޮޑު ތަފާތަކުން އެޓީމު ކާމިޔާބުކޮށްފި އެވެ. މިރޭ ފ. ނިލަންދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ މޮޅުވީ 4-0 އިންނެވެ.
މި މޮޅާއެކު ޓީސީ ވަނީ 10 މެޗުން 19 ޕޮއިންޓް ހަމަކޮށް ތިން ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސްއާ ޕޮއިންޓަކަށް ފަރަގު ކުޑަކޮށްފަ އެވެ. ލީގުގައި ޓީސީ 10 މެޗު ކުޅުނުއިރު 32 ޕޮއިންޓާއެކު އެއް ވަނައިގައި މާޒިޔާ ވަނީ 13 މެޗު ކުޅެފަ އެވެ. ޓީސީ މެޗު މަދުވީ މިދިޔަ ސެޕްޓެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި އެޓީމު ވާދަކުރުމުންނެވެ.
މެޗުގައި ޓީސީގެ ފުރަތަމަ ގޯލު މެޗުގެ 11 ވަނަ މިނެޓުގައި ޖެހީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އެޓީމުގެ އައިސަމް އިބްރާހީމް ދިން ޕާސް ސައްޓު ފޮނުވާލި ވަގުތު ގޯލަށް ވަނީ ނިލަންދޫގެ ޑިފެންޑަރެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ޓީސީން ލީޑު ފުޅާކުރީ މެޗުގެ 32 ވަނަ މިނެޓުގައި އިސްމާއީލް އީސާ (މެސީ) ޖެހި ގޯލުންނެވެ. އީސަ އަށް ލިބުނު ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޓީސީގެ ލީޑު ފުޅާކޮށްދިނީ ވެސް މެސީ އެވެ. މިއީ މެދުތެރެއިން މުހައްމަދު އައްޒާމް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ގޯލްކީޕަރުގެ ބޯމަތިން ފޮނުވާލައިގެން އީސަ ޖެހި ގޯލެކެވެ. އީސަ މި ގޯލު ޖެހި ވަގުތު ނިލަންދޫގެ ކުޅުންތެރިން ވަނީ އޮފްސައިޑަށް އެޕީލް ކޮށްފަ އެވެ. ނިލަންދޫ ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް މައްސަލަޖެއްސި ނަމަވެސް ރެފްރީ ވަނީ އެއީ ގޯލެއް ކަމަށް ނިންމައި އަލުން ކުޅެން ފަށައިފަ އެވެ. ޓީސީގެ ހަތަރު ވަނަ ގޯލު ދެ ވަނަ ހާފުގެ ތިން ވަނަ މިނެޓުގައި ޖެހީ ފުރަތަމަ ގޯލު ޖެހި ސައްޓު އެވެ. އަރިމަތިން އަބްދުލްވާހިދު (ވާޑު) ޖައްސާލި ބޯޅަ ކައިރީގައި ހުރި ނިލަންދޫގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ހަމަޖެހިލާފައި ސައްޓު ފޮނުވާލީ ގޯލުގެ ދުރު ކަނަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ޖެހި ސައްޓު އެވެ.
ޓީސީގެ ކޯޗުކަމާ ޝާޒް ރަސްމީކޮށް ހަވާލުވީ މި މަހު އެވެ. މީގެ ކުރިން ޝާޒް އިރުޝާދުދިނީ ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމަށެވެ. އެޓީމާއެކު ޝާޒްލީ ވަނީ މިދިޔަ އޮގަސްޓް މަހު ނޭޕާލުގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން ބަލިކޮށް ލޯ މެޑަލް ހޯދައިފަ އެވެ. ޝާޒް ޓީސީގެ ކޯޗުކަމާ ހަވާލުވީ މި އަހަރުގެ ޖެނުއަރީ މަހު ޓީސީއާ ގުޅުނު މުހައްމަދު އާތިފް (އާތީ) މަގާމުން ވަކިވުމުންނެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއި ށ. ފޯކައިދޫ ފުޓްބޯލް ކްލަބެވެ. މި މެޗު ފަށާނީ ހަވީރު 15:50 ގަ އެވެ.
Advertisement


Leave a Reply