މާފުށި ޔޫތު ކަޕް: ގްރޫޕް ސްޓޭޖުގެ މެޗުތައް ފޯރިއާއެކު ކުރިއަށް

މާފުށީގައި މިހާރު ކުރިއަށްދާ މާފުށީ ޔޫތު ކަޕް ފުޓްސަލް މުބާރާތުގައި ރޭ ބިރާގަން ޖޫނިއާ ކޮޅަށް 14 ގޯލު ޖަހައި ކަންމަތި ސްޕޯޓްސް އިން ފެށުން ރަނގަޅުކޮށްފި އެވެ. ގްރޫޕް ޑީގައި ހިމެނޭ މި ދެޓީމުގެ ކުރިމަތިލުން ރޭ ނިމުނީ 14-1 އިންނެވެ.
މުބާރާތުގައި ރޭ ވަނީ ހަތަރު މެޗު ކުޅެފަ އެވެ. ކަންމަތި ސްޕޯޓްސް އިން ރޭ ޖެހި 14 ގޯލުގެ ތެރެއިން ޒުލްކުފުލި ވަނީ ހަތް ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ހަތް ގޯލުގެ ތެރެއިން މުރުތަޖާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމަށް ދެން ގޯލު ޖަހައިދިނީ މުހައްމަދު، މޫސާ، ޒަރީރް، އާމިލް އަދި އާތިފް އެވެ. މެޗުގައި ބިރާގަން ޖޫނިއާގެ ހަމައެކަނި ގޯލު ޖަހައިދިނީ ޝައިހާން އެވެ.
ރޭ ގްރޫޕް އޭގައި ކުޅުނު މެޗުގައި ވަން އެންޑް އޮންލީ ދަގަނޑު ވަނީ 6-2 އިން ބިރާގަން ސްޕޯޓްސް ކްލަބް ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މުބާރާތުގެ ފުރަތަމަ މެޗުން ވެސް މޮޅުވުމުން ދަގަނޑު ޓީމަށް މިހާރު ވަނީ 6 ޕޮއިންޓް ލިބިފަ އެވެ. ރޭ އެޓީމުގެ 6 ގޯލުގެ ތެރެއިން ޖައިލަމް ޖަމީލް ވަނީ ހަތަރު ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ޖައިލަމްގެ އިތުރުން އެޓީމަށް ގޯލު ޖަހައިދިނީ ޝަމާލް އާއި އާދަމް އެވެ. މެޗުގައި ބިރާގަން ސްޕޯޓްސް ކްލަބުގެ ގޯލުތައް ޖެހީ އާޒިމް އާއި ނިޒާމް އެވެ.

ރޭ ކުޅުނު މެޗެއްގެ ތެރެއިން. – ފޮޓޯ: މާފުށި ޔޫތު ކަޕް
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ބިރާގަން ލައިގާސް އާއި ކޮމްޕޭނިއަން ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ލައިގާސްގެ ގޯލުތައް ޖަހައިދިނީ ޖަޒްލާން އާއި ނައުފާން އެވެ. ކޮމްޕޭނިއަންގެ ދެ ގޯލު ޖަހައިދިނީ ސައިމަލް އަދި އަމީން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކޮމްޕޭނިއަން ޓީމުގެ ގޯލްކީޕަރު ހުޝާމް އެވެ.
ގްރޫޕް ސީގައި ރޭ އެފްސީ ބީ ރައްޓެހިންނާ ވާދަކޮށް އެރީނާ އެފްސީ ވަނީ 1-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ. މެޗުގައި އެރީނާ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޒައީމް އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ އެރީނާ ޓީމުގެ ގޯލްކީޕަރު ސިނާން އަށެވެ.

މާފުށި ޔޫތު ކަޕް ފުޓްސަލް މުބާރާތުގެ ތެރެއިން. – ފޮޓޯ: މާފުށި ޔޫތު ކަޕް
މުބާރާތުގައި މިރޭ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު އެންމެ ނަތީޖާ ރަނގަޅު އަށް ޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އޮންނާނީ ހުކުރު ދުވަހު އެވެ. ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު އެވެ. މި މުބާރާތުގެ ހުރިހާ މެޗެއް މާފުށި ފުޓްސަލް ދަނޑުގައި ކުޅެނީ ރޭގަނޑު އެވެ.
Advertisement


Leave a Reply