ލީގު ހޯދަން ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ޑި ބްރާނާ

Advertisement

ލީގު ހޯދަން ކުރާ މަސައްކަތުގައި ދުލެއް ނުދޭނަން: ޑި ބްރާނާ

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އޮތަސް ލީގު ހޯދަން ކުރާ މަސައްކަތުގައި ދޫނުދީ އެންމެ ފަހު ވަގުތާ ހަމައަށް މަސައްކަތް ކުރާނެކަމަށް މެންޗެސްޓަރ ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރާނާ ބުނެފި އެވެ. ލީގުގައި ރޭ ރަށުން ބޭރުގައި ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކައި 3-0 އިން އާސެނަލަށް ބަލިކޮށްފަ އެވެ.

މެޗުގައި ސިޓީގެ ތިން ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި އަނެއް ގޯލު ޖަހަން ރަހީމް ސްޓާލިންއަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑި ބްރޭނާ އެވެ. މެޗުގެ ފުރަތަމަ ގޯލު ދެ ވަނަ މިނެޓުގައި ޑި ބްރޭނާ ޖެހީ ގެބްރިއަލް ޖީސޫސް ނަގައިދިން ހުރަހަކުންނެވެ. ފަހު ގޯލު ޖެހީ އާސެނަލްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. ފުރަތަމަ ހާފުގައި ސިޓީން ޖެހި ތިން ގޯލަށް ފަހު ވެސް އެޓީމަށް ވަނީ މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ޑި ބްރޭނާ ގޯލުގެ ކަނަށް އަމާޒުކޮށްލި ބާރު ބޯޅަ އާސެނަލްގެ ގޯލްކީޕަރު ބާންޑް ލެނޯ ހުށިޔާރުކަމާއެކު ދިފާއުކުރިއިރު ދެ ވަނަ ހާފުގައި ޖީސޫސް އާއި ސްޓާލިންއަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

Advertisement

ލިވަޕޫލް ލީގުގެ އެއް ވަނައިގައި އޮތީ 49 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި 39 ޕޮއިންޓާއެކު ލެސްޓަ ސިޓީ އޮތްއިރު ތިން ވަނައިގައި ސިޓީއަށް ލިބިފައިވަނީ 35 ޕޮއިންޓެވެ. ލީގުގެ ދެ ވަނައިގައި އޮތް ލެސްޓާއާ ސިޓީއާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އޮތްއިރު އަންނަ ހަފްތާގައި ސިޓީ ނުކުންނާނީ ލެސްޓާއާ ދެކޮޅަށެވެ.

ލީގުގައި ސިޓީ މިދިޔަ ހަފްތާ އަމިއްލަ ދަނޑުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް އަތުން 2-1 އިން ބަލިވުމުން ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޖެހިޖެހިގެން ތިން ސީޒަނުގައި ލީގު ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ. ޑި ބްރޭނާ ބުނީ ސިޓީ އިން ހިތްވަރު ހޯދީ ޔުނައިޓެޑް އަތުން ބަލިވި މެޗުން ކަމަށެވެ.

“އަހަރެމެން ދާނީ ލީގު ހޯދަން މަސައްކަތް ކުރަމުން. މެޗަކުން ބަލިވާ ކޮންމެ ފަހަރަކު ދެން ޖެހޭނީ ޖެހިގެން އަންނަ މެޗުގައި ކުޅުން ދައްކައި މޮޅުވާން” ޑި ބްރޭނާ ބުންޏެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުމާ ހަމައަށް އައިސްފައިވާއިރު މި ސީޒަނުގައި ސިޓީގެ ފޯމު ފެންނަނީ ދަށްކޮށެވެ. 17 މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާއިރު 2 މެޗު ވަނީ އެއްވަރުވެފަ އެވެ. މިދިޔަ ސީޒަނުގައި ސިޓީއާ ޕޮއިންޓެއްގެ ފަހަތުން ލީގުގެ ދެ ވަނައިގައި ނިންމާލި ލިވަޕޫލުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުގެ ތެރެއިން 16 މެޗު ކާމިޔާބުކޮށްފަ އެވެ.

“މެޗަކުން ބަލިވާ ކޮންމެ ފަހަރަކު އަހަރެމެން އެނބުރި އަންނަނީ ރަނގަޅަށް. އަހަރެމެނަށް އެނފޭ މި ސީޒަނުގައި ސިޓީގެ ކުޅުން އެންމެ މޮޅު ނޫންކަން، އެކަމަކު ސީޒަނުގައި އަދިވެސް ބާކީ ބައިވަރު މެޗު އެބައޮތް” މިދިޔަ ސީޒަނުގައި ވެސް ފަހަތުން އަރައި ލިވަޕޫލްގެ މައްޗަށް ކުރި ހޯދި ސިޓީގެ މުހިއްމު ކުޅުންތެރިޔާ ބުންޏެވެ.

ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެވަޓަންގެ ގޯލަކީ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓަ ލިންޑެލޯފް އަތުން ބައިކޮޅަށް ވަން ލަނޑެވެ. ޔުނައިޓެޑުން ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރީ ބަދަލު ކުޅުންތެރިޔާ މޭސަން ގްރީންވުޑް ޖަހައިދިން ގޯލުންނެވެ.

ރޭ ރަށުން ބޭރުގައި ވުލްވްސްއާ ވާދަކުރި މެޗުން ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ފަހު ވަގުތު ޖެހި ގޯލުން 2-1 އިން މޮޅުވެފަ އެވެ. މެޗުގެ ކުރީކޮޅު ޓޮޓެންހަމަށް ލީޑު ނަގައިދިނީ ލޫކަސް މޯރާ އެވެ. ދެ ވަނަ ހާފުގައި ވުލްވްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަޑާމާ ޓްރައޮރޭ އެވެ. ޓޮޓެންހަމް މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގައި ކްރިސްޓިއެން އެރިކްސަން ނަގައިދިން ކޯނަރަކުން ޖެހީ ޔަން ވާޓޮންގެން އެވެ.

ޔުނައިޓެޑް ރޭގެ މެޗުން އެއްވަރުވުމުން 25 ޕޮއިންޓާއެކު ހަ ވަނަ އަށް ވެއްޓުނުއިރު މޮޅަކާއެކު 26 ޕޮއިންޓް ހޯދައި ޓޮޓެންހަމް ވަނީ ފަސް ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *