ލިވަޕޫލުން އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފި

Advertisement

ލިވަޕޫލުން އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން 2-0 އިން ވެޓްފޯޑް ބަލިކޮށް ދެ ވަނައިގައި އޮތް ލެސްޓަ ސިޓީ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން ލީގުގެ އެއް ވަނައިގައި ލިވަޕޫލަށް 10 ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

ލިވަޕޫލް ރޭ ވެޓްފޯޑާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ވެސް ޖަހައިދިނީ މުހައްމަދު ސަލާހް އެވެ. ލިވަޕޫލްގެ ފަރާތުން މެޗުގައި މާ މޮޅު ކުޅުމެއް ނުފެނުނު ނަމަވެސް ލިބުނު ފުރުސަތުތަކުގައި އެޓީމުން ދިޔައީ ވެޓްފޯޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގައި ސަޑިއޯ މާނޭ ޖެހި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ވަނީ ކެންސަލްކޮށްފަ އެވެ. އަދި ވެޓްފޯޑުން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރޭ ލެސްޓަ ސިޓީއާ ވާދަކުރި މެޗުގައި ނޯވިޗްގެ ޓީމޫ ޕޫކީގެ ގޯލުން ލީޑު ނަގާފައިވަނިކޮށް ލެސްޓަ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ނޯވިޗްގެ ގޯލްކީޕަރު ޓިމް ކްރުލް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ ޖެމީ ވާޑީ ބޮލުން ޖެހި ބޯޅައެއް މަތަކުރަން އުޅުމުގެ ތެރޭގައި ވަން ގޯލެކެވެ.

ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން ބަލިވެފަ އެވެ. ފަހަކަށް އައިސް ފޯމް ދަށްވެފައިވާ ޗެލްސީ ކޮޅަށް ބޯންމައުތުގެ ހަމައެކަނި ގޯލު ޖަހައިދިނީ ޑެން ގޮސްލިން އެވެ. މި ގޯލު އޮފްސައިޑް ކަމަށް އެންމެ ފުރަތަމަ ނިންމި ނަމަވެސް ފަހުން ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ގޯލެއް ކަމަށް ނިންމައިފަ އެވެ.

ރޭގެ މެޗުތަކަށް ފަހު ލިވަޕޫލް ވަނީ ކުޅުނު 17 މެޗުން 49 ޕޮއިންޓް ހަމަކޮށްފަ އެވެ. 17 މެޗުން ލެސްޓަ އަށް 39 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއަށް 16 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. ލީގުގައި މިރޭ ސިޓީ ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. ޗެލްސީ ރޭ ބަލިވުމުން ތިން ވަނައިގައި އޮތް ސިޓީއާ ޕޮއިންޓުގެ ގޮތުން ކައިރި ކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފަ އެވެ. އެޓީމަށް 17 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.

ލީގުގައި ސިޓީއާ އާސެނަލް ވާދަކުރާ މެޗުގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ނުކުންނާނެ އެވެ. ޔުނައިޓެޑް މެޗް މިރޭ 7 ޖަހާއިރު ފަށާއިރު ހަމަ އެގަޑީގައި ޓޮޓެންހަމް ހޮޓްސްޕާސް ވުލްވްސްއާ ވާދަކުރާނެ އެވެ. އާސެނަލާ ސިޓީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9:30 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *