ދޮންފަނު އިންވިޓޭޝަން ކަޕް މިފަހަރުވެސް އޭދަފުށި ކާމިޔާބުކޮށްފި
ބ. ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ އަހަރު އޭދަފުށިން ހޯދައިފި އެވެ. އޭދަފުށި ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ދޮންފަނާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-3 އިން މޮޅުވެގެންނެވެ. ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ބަލަން އޭދަފުށީގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް އެރަށަށް ވަނީ ގޮސްފަ އެވެ. އޭދަފުށީގެ ސަޕޯޓަރުންގެ އިތުރުން ކައިރި ރަށްރަށުން ވެސް ގިނަ އަދަދެއްގެ ބަޔަކު މިއަދު ދޮންފަނަށް ދިޔަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި އޭދަފުށިން ލީޑު ނެގީ 11 ވަނަ މިނެޓުގައި އިބްރާހީމް ޝަރީފް ޖަހައިދިން ގޯލުންނެވެ. މިއީ އަމިއްލަ ހާފުން އޭދަފުށީގެ ކުޅުންތެރިއަކު މަތިމަތިން ފޮނުވާލި ބޯޅަ ދޮންފަނު ޓީމުގެ ގޯލްކީޕަރު އިބްރާހީމް ޒަޔާން ބޯޅައަށް އެރި ވަގުތު ފެނު ޖެހިފައި ބޯމަތިން ދިއުމުން ހުހަށް ލިބުނު ފުރުސަތެއްގައި ޝަރީފް ކާމިޔާބުކުރި ގޯލެވެ. ކީޕަރު ޒަޔާން އަކީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ފެހެންދޫ ސްޕޯޓްސް ކްލަބުގެ ގޯލު ބެލެހެއްޓި ކީޕަރެވެ. އޭދަފުށިން ލީޑު ނެގިތާ ފަސް މިނެޓު ފަހުން ދޮންފަނު ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން އަހުމަދު އިފްހާމް އެވެ. މިއީ އޭރިޔާ ތެރޭގައި ހުރެފައި އޭދަފުށީގެ ކުޅުންތެރިންގެ ދޭތެރެއިން އިފްހާމް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށިން މޮޅަށް ކުޅުނު ނަމަވެސް ދޮންފަނު ޓީމުން ވަނީ އެޓީމު ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ދޮންފަނަށް ވައްދާލެވުނީ ދެ ޕެނަލްޓީ އެވެ. އޭދަފުށިން ވަނީ ފަސް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އޭދަފުށީ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަހުމަދު ޝިޔާން، އަލީ ނަސީމް އަދި މުހައްމަދު ޔަމާން އެވެ. އޭދަފުށީ ޓީމުގެ މުހައްމަދު ހައްމާދު ޖެހި ޕެނަލްޓީ ދޮންފަނު ޓީމުގެ ކީޕަރު ޒަޔާން މަތަކުރިއިރު އިބްރާހީމް ޝަރީފް ޖެހި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ދޮންފަނު ޓީމަށް މެޗުގައި ކާމިޔާބުކުރެވުނީ އިފްހާމް އާއި މުހައްމަދު ރީހާން ޖެހި ޕެނަލްޓީ ތަކެވެ. އެޓީމުގެ އިބްރާހީމް ޝުހައިލް ޖެހި ޕެނަލްޓީ އޭދަފުށީގެ ކީޕަރު އަލީ އަޖުފާން އަމްޖަދު ހިފެހެއްޓިއިރު އަހުމަދު ޒަޔާން ފޮނުވާލި ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ދޮންފަނު ޓީމުގެ ފަހު ޕެނަލްޓީ އަލީ ޝަރީފް ޖެހުމުން ދިޔައީ މާ މަތިން ބޭރަށެވެ.
މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރުގެ ޝަރަފްވެރި އެވޯޑް ހާސިލްކޮށްފައިވާ އިބްރާހީމް އިސްމާއީލް އެވެ. އަދި، ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ހުސައިން ވެސް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެޑައިގެންފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީ ޓީމަށް ގޯލު ޖަހައިދިން އިބްރާހީމް ޝަރީފް އެވެ. ޝަރީފް ވަނީ 6 ގޯލާއެކު މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ލިބުނީ ދޮންފަނު ޓީމުގެ ޒަޔާނަށެވެ. ފެއަރ ޕްލޭ ޓީމަކަށް ދޮންފަނު ޓީމު ހޮވުނުއިރު ފެއަރ ޕްލޭ ކުޅުންތެރިޔާގެ މަގާމް ހޯދީ ސެމީ ފައިނަލުން ބަލިވެ މުބާރާތުން ކެޓި ކިހާދޫ ޓީމުގެ ކެޕްޓަން ހުސައިން އީމާން އަށެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ދޮންފަނު ޓީމުގެ ކެޕްޓަން އިފްހާމްއަށެވެ.
ދޮންފަނު ޒުވާނުންގެ ރޫހުން އިންތިޒާމުކޮށްގެން 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2016 ވަނަ އަހަރު އެވެ. އެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ކިހާދޫ ހޯދިއިރު 2017 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ގޮއިދޫ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން އޭދަފުށި ހޯދީ ފައިނަލުގައި ކިހާދޫ ބަލިކޮށްގެންނެވެ.
Advertisement
Leave a Reply