މާފުށި ޔޫތު ކަޕް މިރޭ ފަށަނީ

Advertisement

މާފުށި ޔޫތު ކަޕް މިރޭ ފަށަނީ

ޢަލީ ޝަހީމް
މިދިޔަ ބުރާސްފަތި ދުވަހު މާފުށީ މަލްޓި ޓޭސްޓް ރެސްޓޯރެންޓްގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. - ފޮޓޯ: މާފުށީ ޔޫތު ކަޕް

ކ. މާފުށީ ޒުވާނުން އިސްނަގައިގެން “މާފުށީ ޔޫތު ކަޕް 2019” ގެ ނަމުގައި ބާއްވާ ފުޓްސަލް މުބާރާތް މިރޭ ފަށާނެ އެވެ. އެރަށުގައި މުޅިން އަލަށް ބާއްވާ މި މުބާރާތުގައި 13 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން މިރޭ އަށެއް ޖަހާއިރު ރަސްމިއްޔާތެއް ބާއްވާއިރު މުބާރާތުގެ ފުރަތަމަ މެޗު ފަށާނީ 8:30 ގަ އެވެ. މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔައީ މާފުށީ މަލްޓި ޓޭސްޓް ރެސްޓޯރެންޓްގަ އެވެ. ހަތަރު ގްރޫޕަކަށް ޓީމުތައް ބަހާލާފައިވާއިރު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމު ހޮވޭނީ ކުއާޓާ ފައިނަލަށެވެ.

ގްރޫޕް އޭގައި ހިމެނެނީ ބިރާގަން ސްޕޯޓްސް ކްލަބް، ސްޓްރައިކާސް ފުޓްބޯލް ކްލަބް، ވަން އެންޑް އޮންލީ ދަގަނޑު އަދި އޮޅިމަތި ޓައިގާސް އެވެ. ގްރޫޕް ބީގައި ހިމެނެނީ ބިރާގަން ލައިގާސް އާއި ކޮމްޕޭނިއަން އަދި ޑްރޭގަންސް އެވެ. ގްރޫޕް ސީގައި ހިމެނެނީ އެފްސީ ރައްޓެހިން، އެރީނާ އެފްސީ އަދި ބިއަންކޯ އެވެ. ގްރޫޕް ޑީގައި ހިމެނެނީ ބިރާގަން ޖޫނިއާސް، ކަންމަތި ސްޕޯޓްސް އަދި ބަދަވިން އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގައި ހިމެނޭ ބިރާގަން ސްޕޯޓްސް ކްލަބާއި ސްޓްރައިކާސް އެފްސީ އެވެ. ދެ ވަނަ މެޗުގައި ކުޅޭނީ މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ވަން އެންޑް އޮންލީ ދަގަނޑު އަދި އޮޅިމަތި ޓައިގާސް އެވެ. މުބާރާތުގެ ކުއާޓާ ފައިނަލް ހަތަރު މެޗު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭއިރު ސެމީ ފައިނަލް ދެ މެޗު ކުޅޭނީ ހުކުރު ދުވަހު އެވެ. ތިން ވަނަ ހޮވާ މެޗު އަންނަ ހޮނިހިރު ދުވަހު ކުޅޭއިރު ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު 22 ވާ އާދީއްތަ ދުވަހުގެ ރެ އެވެ.

މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މާފުށީ ޒުވާނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރި އެންމެ ބޮޑު މަސައްކަތަކީ ޓާފް ފުޓްސަލް ދަނޑު ފުރިހަމަ ކުރުމުގެ ގޮތުން ދަނޑުގައި ރަބަރު އެޅުމާއި ވަށައިގެން ސާފުކުރުމުގެ މަސައްކަތެވެ. މުބާރާތް އިންތިޒާމުކުރާ ޒުވާނުންގެ ގްރޫޕުން ބުނީ ގިނަ ބައެއްގެ އެއްބާރުލުމާއެކު އިއްޔެގެ ނިޔަލަށް ދަނޑުގެ ހުރިހާ ތައްޔާރީތަކެއް ނިންމާލާފައިވާކަމަށެވެ.

މުބާރާތުގެ ދަނޑު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން. – ފޮޓޯ” މާފުށީ ޔޫތު ކަޕް

ފުރަތަމަ އަހަރު ވެސް ފޯރިއާއެކު ބާއްވާ މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ތީމް ލަވަ ވެސް އާއްމުކުރަން ވަނީ ނިންމައިފަ އެވެ. މުބާރާތުގެ ތީމް ލަވައިގެން ނަމަކީ “ހިތްވަރު” އެވެ.

ޔޫތު ކަޕްގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 10000 ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފަ އެވެ. އަދި މިއަހަރުގެ މުބާރާތުން ތިން ވަނަ ހޯދާ ޓީމަށް 3500 ރުފިޔާ ދޭނެ އެވެ.

މި މުބާރާތުގެ ކޯ ސްޕޮންސަރަކީ މާފުށީ އެރީނާ ފްރެޝް މާޓް އެވެ. އޮފިޝަލް ޑްރިންކްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެރީނާ ފްރެޝް މާޓުން އެތެރެކުރާ ސަނީ ނެސް އެވެ. ޔޫތު ކަޕްގެ މީޑިއާ ޕާޓްރަނަކީ “ފަހުމިނެޓް” އެވެ.

މުބާރާތް ހިންގުމުގައި އިސްކޮށް އުޅޭ އޮފިޝަލަކު ބުނީ ކާމިޔާބުކަމާއެކު މި މުބާރާތް ގެންދިއުމަށް ކުރާ މަސައްކަތުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާކަމަށެވެ. އެއީ، ރާސްތާ ފިއުލް، ސަމާ ވިލާ، ޕިއްޒާ އެންޑް ޕާސްތާ މަންމަ މިއާ، ސީ ބްލޫ، މާފުށި ޓުއާސް، މަލްޓި ޓޭސްޓް ރެސްޓޯރެންޓް، ޝައިނީ ޝޮޕް، އެޗް.އެފް.ވައި ހާޑްވެއަރ، އައިކޮމް ޓުއާސް، ހަމްޝީ، ޕްރިޒަން ކްލަބް، ބޮބް، މާފުށި ޑައިވް، ސީ ޝޯ، އޮޑެކްސް، ރީލް ލައިން، ސޯލްޓް ވައިބްސް ރެސްޓޯރެންޓް، ސަމާ ޗިކެން، ރަށު ގަނޑުވަރު، ސްޓޫޑިއޯ ޕްރޯ، ޔުނިކް އައިޑިއާ، އެލޯޑާ ސުވެނިއާސް، ބްލެކް ޓިޕް ސްޓޫޑިއޯ އަދި މާފުށީ އަންހެނުންގެ ކޮމިޓީ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *