ފުރުސަތުގެ ބޭނުންހިފައި އަންހެން ކުޅުންތެރިން ތަފާތު ދައްކަނީ!

Advertisement

ފުރުސަތުގެ ބޭނުންހިފައި އަންހެން ކުޅުންތެރިން ތަފާތު ދައްކަނީ!

ޢަބްދުﷲ އަޝްރަފް
ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމް ލޯ މެޑަލް ލިބިގަތުމަށްފަހު – ފޮޓޯ : އެމްއޯސީ / އަބްދުﷲ އަބީދު

ރާއްޖެއިން ބައިވެރިވާ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި މީގެ ގާތްގަނޑަކަށް ދިހަ ވަރަކަށް އަހަރު ކުރިން އަންހެން އެތުލީޓުން ހިމެނެމުން އައީ ނިސްބަތުން ވަރަށް މަދުންނެވެ. އެ ސަބަބާ ހުރެ 2012 ވަނަ އަހަރު ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ސިޔާސަތެއް އެކުލަވާލައި ސައުތު އޭޝިއަން ގޭމްސް ފަދަ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ރާއްޖެއިން ބައިވެރިކުރާ ކޮންޓިންޖެންޓުގެ 33 އިންސައްތަ އެތުލީޓުންނަކީ އަންހެން ކުޅުންތެރިން ކަމަށް ހެދުމަށް އަމާޒުހިފި އެވެ. އޭގެ އެންމެ ހަތް އަހަރު ފަހުން ނަތީޖާ މިއޮތީ ދިމާއަށް ފެންނާށެވެ. މިދިޔަ ހަފްތާގައި ނިމުނު ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވި އަންހެން އެތުލީޓުންގެ ނިސްބަތް 46 އިންސައްތައަށް އަރާއިރު އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިން ކަމަކަށްވީ އަންހެން އެތުލީޓުން ގޭމްސްގައި ހޯދި ކާމިޔާބެވެ.

މިމަހުގެ 1 އިން 10 އަށް ނޭޕާލްގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު އީދުގައި ރާއްޖެއިން 11 ކުޅިވަރެއްގައި ބައިވެރިވިއިރު ކޮންމެ ކުޅިވަރެއްގައި ވެސް އަންހެން އެތުލީޓުން ބައިވެރިވި އެވެ. މީގެ ތެރެއިން 4 ކުޅިވަރަކުން ރާއްޖެއިން މެޑަލް ހޯދިއިރު ތިން ކުޅިވަރަކުން ހޯދި މެޑަލް އަކީ އަންހެން ޓީމުތަކުން ހޯދި މެޑަލް އެވެ. މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމަކުން ހޯދި ފުރަތަމަ މެޑަލް އަކީ ޓޭބަލް ޓެނިސްގައި ރާއްޖެއިން ބައިވެރިވި އަންހެން ޓީމަށް ލިބުނު މެޑަލެވެ. ވަރަށް ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ މިޓީމުން މުބާރާތުގައި ފުރަތަމަ ކުޅުނު މެޗްގައި ވަރުގަދަ އިންޑިއާ އަތުން ބަލިވި ނަމަވެސް ދެވަނަ މެޗްގައި ޕާކިސްތާނު ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދައި ލޯ މެޑަލް ހާސިލްކުރި އެވެ. އޭގެ ފަހުން ދެން ފެނުނީ ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ލޯ މެޑަލް ހޯދި ތަނެވެ. ހަތަރު ގައުމަކުން ވާދަކުރި އަންހެން ފުޓްބޯޅަ އިވެންޓްގައި ރާއްޖެއިން ކުޅުނު ފުރަތަމަ ދެ މެޗުން އެންމެ ބޭނުންވި ނަތީޖާ ޓީމަށް ނުނެރެވުނު ނަމަވެސް ލޯ މެޑަލް ކަށަވަރުކުރަން ކުޅުނު ފަހު މެޗްގައި 1-2 އިން ސްރީ ލަންކާ ބަލިކޮށް އަންހެން ފުޓްބޯޅަ ޓީމުން ތާރީހީ ކާމިޔާބެއް ރާއްޖެއަށް ހޯދައިދިނެވެ. މިއީ ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައި ވެސް އަންހެން ފުޓްބޯޅައިން ރާއްޖެއަށް ލިބުނު ފުރަތަމަ މެޑަލް އެވެ.

ރާއްޖެއިން މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ހޯދި އެންމެ ފަހު މެޑަލް އަކީ މުބާރާތުގައި ބައިވެރިވި އަންހެން ބާސްކެޓްބޯޅަ ޓީމުން ރާއްޖެއަށް ހޯދައިދިން މެޑަލް އެވެ. އަންހެން ބާސްކެޓްބޯޅަ އިވެންޓްގައި ރާއްޖޭގެ ޓީމުން ކުޅުނު ފުރަތަމަ މެޗްގައި އިންޑިއާ އަތުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް ޖެހިގެން އައި މެޗްގައި މޮޅު ކުޅުމަކަށްފަހު ވާދަވެރި ލަންކާ ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދި އެވެ. ސެމީ ފައިނަލްގައި ނޭޕާލާ ވާދަކޮށް ބަލިވި ނަމަވެސް އެ މެޗްގައި އަންހެން ބާސްކެޓްބޯޅަ ޓީމުން ދެއްކި ކުޅުމަށް ތައުރީފް ހައްގެވެ. ރާއްޖެއަށް އަންހެން ބާސްކެޓްބޯޅައިން ލޯ މެޑަލް ލިބުނީ ތިންވަނަ ހޮވާ މެޗްގައި ބޫޓާނާ ވާދަކޮށް ފަސޭހަ ކަމާއެކު މެޗް ކާމިޔާބުކޮށްގެންނެވެ.

ސައުތު އޭޝިއަން ގޭމްސްގެ އިތުރުން މިއަހަރުގެ ތެރޭގައި ރާއްޖެއިން ބައިވެރިވި އެންމެ ބޮޑު ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތަކަށްވީ ޖުލައި މަހު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އެވެ. އެ މުބާރާތުން ރާއްޖެ ހޯދި ކާމިޔާބީގައި ވެސް އެންމެ ބޮޑު ރޯލެއް އެއް އަދާކޮށްފައިވަނީ އަންހެން އެތުލީޓުންނެވެ. އެންމެ ފަހުން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ހޯދި 15 ރަން މެޑަލްގެ ތެރެއިން 8 މެޑަލް ހޯދީ އަންހެން އެތުލީޓުންގެ ހިއްސާއާއެކު އެވެ. އެ މުބާރާތުގައި ރާއްޖެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދީ ޓޭބަލް ޓެނިސް އިވެންޓުންނެވެ. ޓޭބަލް ޓެނިސް އިވެންޓްގެ ޓީމް އިވެންޓުން އަންހެން ޓީމް މޮރިޝަސް އާ ވާދަކޮށް މޮޅު ކުޅުމަކަށްފަހު ރަން މެޑަލް ހޯދިއިރު އޯޕަން ކެޓަގަރީގެ އަންހެން ސިންގަލްސް އިން ރަނާއި ރިހި މެޑަލްވެސް ހޯދީ ރާއްޖޭގެ ކުޅުންތެރިންނެވެ. މީގެ އިތުރުން ރާއްޖޭގެ އަންހެން ޓީޓީގެ ތާރީހުގައިވެސް މިހާތަނަށް އެންމެ ބޮޑު ކާމިޔާބެއް ރާއްޖެއަށް ހޯދައިދިން ދެކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އާއިޝަތު ރަފާ ނާޒިމް ޑަބަލްސް އިވެންޓުން ރަން މެޑަލް ހާސިލްކުރިއިރު މިކްސް ޑަބަލްސް އިވެންޓުން ރާއްޖެ ވަނީ ބްރޯންޒް މެޑަލް ހާސިލްކޮށްފައެވެ.

ޓީޓީ އަށް ފަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން އެންމެ ބޮޑު ކާމިޔާބެއް ހޯދީ ބެޑްމިންޓަނުންނެވެ. ބެޑްމިންޓަންގެ ޓީމް އިވެންޓުން ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލް ލިބުނު ނަމަވެސް އޯޕަން ކެޓަގަރީގެ އަންހެން ސިންގަލްސް އިވެންޓުން ރާއްޖޭގެ އާމިނަތު ނަބީހާ އަބްދުއްރައްޒާގް ރަން މެޑަލް ހޯދިއެވެ. މީގެ އިތުރުން ބެޑްމިންޓަން އިވެންޓްގެ އޯޕަން ކެޓަގަރީގެ އަންހެން ޑަބަލްސްގައި ރާއްޖޭގެ ބެޑްމިންޓަންގެ ތާރީހްގައި ވެސް މިހާތަނަށް ފެނުނު އެންމެ ކާމިޔާބު ޕެއާ ކަމަށްވާ ނަބީހާ އާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ވާދަކޮށް ރާއްޖެއަށް ރިހި މެޑަލް ހޯދައިދިނެވެ.

މިއަހަރު ރާއްޖެ ބައިވެރިވި ބައިނަލްއަގްވާމީ ބޮޑު ދެކުޅިވަރު މުބާރާތުގެ އިތުރުން ވަކިވަކި ކުޅިވަރުތަކުން ބައިނަލްއަގްވާމީ ފެންވަރުގައި މިއަހަރު ބޭއްވި ބައެއް މުބާރާތްތަކުންވެސް ރާއްޖޭގެ އަންހެން ޓީމްތައް ހޯދި ކާމިޔާބަކީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތަކީ މި ޑިސެމްބަރު މަހުގެ 2 އިން 6 އަށް އިންޑިއާގެ ޕޫނޭ ގައި ބޭއްވި އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން ކަޕުން ރާއްޖޭގެ އަންހެން ކެރަމް ޓީމް ހޯދި ކާމިޔާބެވެ. އެ މުބާރާތުން ރާއްޖޭގެ ޓީމް ރިހި މެޑަލް ހޯދިއިރު އެއީ ކެރަމް ވޯލްޑް ކަޕަށް ފަހު ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ކެރަމް މުބާރާތެވެ.

ފުޓްބޯޅަ ނެގުމަށްފަހު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކުޅޭ އެއް ކުޅިވަރު ކަމަށްވާ ވޮލީބޯޅައިގައި ރާއްޖޭގެ އަންހެން ޓީމަށް ސައުތު އޭޝިއަން ގޭމްސްގައި މެޑަލް އެއް ނުލިބުނު ނަމަވެސް އެ ޓީމުން ވަނީ ގޭމްސް ގެ ކުރިން އޮތް ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް ބޮޑު ކާމިޔާބެއް ހޯދައިދީފަ އެވެ. އެގޮތުން މިދިޔަ މަހު ބަންގްލަދޭޝްގައި އޮތް އޭވީސީ ވިމެންސް ސެންޓްރަލް ޒޯން ވޮލީ މުބާރާތުން ރިހި މެޑަލް ރާއްޖޭގެ އަންހެން ޓީމުން ހޯދިއިރު އެއީ އަންހެން ވޮލީގައި މިހާތަނަށް ރާއްޖެއިން ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ކޮންމެއަކަސް ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖޭގެ އަންހެން ކުޅުންތެރިންނަށް ހޯދައިދިން ފުރުސަތާއެކު އެ ކުޅުންތެރިން ވަނީ ނަތީޖާ ދައްކައިފައެވެ. ރޭވުންތެރިކަމާއެކު އިތުރު ތަމްރީނާއި ތަޖްރިބާގެ ފުރުސަތު އެކުޅުންތެރިންނަށް ހޯދައިދީފިނަމަ މިއަހަރު ހޯދި ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު އޮތްކަން އަންހެން ކުޅުންތެރިން މިވަނީ ކިތަންމެ ރަގަޅަކަށްވެސް ސާބިތުކޮށްދީފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *