ދޮންފަނު އިންވިޓޭޝަން ކަޕް: ފައިނަލުގައި އޭދަފުއްޓާއި ދޮންފަނު
ބ. އަތޮޅުގެ 23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން އެ އަތޮޅު ދޮންފަނު ޒުވާނުންގެ ރޫހުން ކޮންމެ އަހަރަކު ވެސް އިންތިޒާމްކުރާ ދޮންފަނު އިންވިޓޭޝަން ކަޕްގެ ފައިނަލަށް އޭދަފުއްޓާއި ދޮންފަނު ދަތުރުކޮށްފި އެވެ. މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު ދޮންފަނުން 1-0 އިން ގޮއިދޫ ބަލިކުރިއިރު ސެމީގެ ދެ ވަނަ މެޗުގައި އޭދަފުށި އިއްޔެ ވަނީ ކިހާދޫއާ ވާދަކޮށް 3-1 އިން ކުރި ހޯދާފަ އެވެ.
ސެމީގެ ފުރަތަމަ މެޗުގައި ވަރުގަދަ ގޮއިދޫ ބަލިކޮށް މުބާރާތް ބާއްވާ ދޮންފަނުން މެޗު ކާމިޔާބުކުރީ މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް އަހުމަދު އިފްހާމް ޖެހި ގޯލުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އިފްހާމް އެވެ. ދެ ވަނަ ސެމީގައި އޭދަފުށިން ވަނީ މެޗުގެ ކުރީކޮޅު އަލީ ނަސީމްގެ ގޯލުން ލީޑު ނަގައިފަ އެވެ. މި ގޯލު އޭނާ ޖެހީ ހާފް މެދުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. އޭދަފުށިން ލީޑު ނަގާފައިވަނިކޮށް ކިހާދޫން ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަފްޒަލް އެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އޭދަފުށީގެ ދެ ވަނަ ގޯލު ޖެހީ ހުސައިން ޝަރީފް އެވެ. އެޓީމަށް ދެ ވަނަ ހާފުގައި ލީޑު ފުޅާކޮށްދިން ގޯލު ޖެހީ އިބްރާހީމް ޝަރީފް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ވަނަ ގޯލު ޖެހީ ހުސައިން ޝަރީފް އެވެ. އޭދަފުށިން ވާދަކުރާ ޓީމަކީ އެރަށު ވެލާ ސްޕޯޓްސް ކްލަބުން އެކުލަވާލާފައިވާ ޓީމެކެވެ.
މިފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްގެންދިޔައީ ބައިވެރިވި ހަތް ރަށް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދޮންފަނާއި އޭދަފުށި ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ބީ އިން އެންމެ ކުރި ހޯދައިގެންނެވެ. އޭދަފުށި ހަތް ޕޮއިންޓާއެކު އެއް ވަނަ ހޯދިއިރު ދެ ވަނަ ދޮންފަނު ހޯދީ ހަތަރު ޕޮއިންޓާއެކު އެވެ. ފައިނަލަށް ދަތުރުކުރި ދޮންފަނާއި އޭދަފުށި ގްރޫޕް ސްޓޭޖުގައި ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި ގްރޫޕުން ސެމީ ފައިނަލުގެ ފުރުސަތު ނުލިބުނީ ތިން ޕޮއިންޓް ލިބުނު ދަރަވަންދޫ އާއި ކެންދޫއަށެވެ. ގްރޫޕް އޭގައި ވާދަކުރި ތިން ރަށުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް ވަނަ ހޯދީ ގޮއިދޫ އެވެ. ކިހާދޫއަށް ތިން ޕޮއިންޓާއެކު ދެ ވަނަ ލިބުނުއިރު ފުލަށް ދިޔަ މާޅޮސް ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. ދޮންފަނު އިންވިޓޭޝަން ކަޕަކީ ޒުވާން ކުޅުންތެރިންނަށް ހުޅުވާލައިގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. ފުރަތަމަ މުބާރާތުގައި ހަތަރު ރަށަކުން ވާދަކުރިއިރު ފައިނަލުގައި ދަރަވަންދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކިހާދޫ އެވެ. 2017 ވަނަ އަހަރުގެ މުބާރާތުގައި ފަސް ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެފަހަރުގެ ފައިނަލް މެޗު 3-3 އިން އެއްވަރުވެ ޕެނަލްޓީގައި 12-13 އިން އޭދަފުށީގެ މައްޗަށް ކުރި ހޯދީ ގޮއިދޫ އެވެ. އަށް ރަށަކުން ވާދަކުރި މިދިޔަ އަހަރުގެ ފައިނަލުގައި 2-0 އިން އޭދަފުށި ވަނީ ކިހާދޫ ބަލިކޮށްފަ އެވެ.
ދޮންފަނު އިންވިޓޭޝަން ކަޕަކީ ޒުވާން ކުޅުންތެރިންގެ ހުނަރު ފެންނަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަށް ރަށްތަކުން ދޭ ސަމާލުކަން ބޮޑުއިރު ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން މެޗުތައް ބެލުމަށް އެރަށް ޒިޔާރަތްކުރެއެވެ.
Advertisement
Leave a Reply