މިއެޓް ފުޓްސަލް ފިއެސްޓާ: ޕްލޭ އޮފް މެޗް ކާމިޔާބުކޮށް ހުރާ ސެމީ އަށް

Advertisement

މިއެޓް ފުޓްސަލް ފިއެސްޓާ: ޕްލޭ އޮފް މެޗް ކާމިޔާބުކޮށް ހުރާ ސެމީ އަށް

ޢަލީ ޝަހީމް
ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުރާ ޓީމުގެ ހަމްދާން. - ފޮޓޯ: މިއެޓް ފުޓްސަލް ފިއެސްޓާ

ތުލުސްދޫގައި މިހާރު ކުރިއަށްދާ މިއެޓް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކުރަން ރޭ ކުޅުނު ޕްލޭ އޮފް މެޗް ކާމިޔާބުކޮށް ކ. ހުރާ ފުޓްބޯލް ކްލަބް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. ތުލުސްދޫ ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ޕްލޭ އޮފް މެޗުން ހުރާ މޮޅުވީ އެފްސީ ސްޕެރަންޒާއާ ވާދަކޮށް 3-2 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ހުރާ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލީ ހަމްދާން އާއި ހުސައިން ތޯހިރް އަދި އިބްރާހީމް ނާބިތު އެވެ. ސްޕެރަންޒާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން މާޒިން އާއި ހުސައިން ނޫރިޝް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުރާ ޓީމުގެ ހަމްދާން އެވެ.

Advertisement

މުބާރާތުގެ ޕްލޭ އޮފް މެޗަށް މި ދެޓީމު ވެސް ކޮލިފައިވީ އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ. ސެމީ ފައިނަލުގެ ސީދާ ޖާގައެއް ލިބުނީ ތިން ގްރޫޕުން އެންމެ ކުރި ހޯދި ތިން ޓީމަށެވެ. ގްރޫޕް އޭ އިން އެންމެ ފަހުގެ ޗެމްޕިއަން ކަންމަތި ފުޓްބޯލް ކްލަބް ސެމީގެ ޖާގައެއް ހޯދިއިރު ގްރޫޕް ބީ އިން ސެމީގެ ޖާގަ ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވި ހިންމަފުށި ފުޓްބޯޅަ ޓީމެވެ. ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ހޮވުނީ އެޕޮލަކިޕްސް އެވެ.

ރޭ ކުޅުނު ޕްލޭ އޮފް މެޗަށް ފަހު މުބާރާތުގެ ސެމީ ފައިނަލުގެ ގުރު ނެގުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ފުރަތަމަ ސެމީގައި އެޕޮކަލިޕްސް އާއި އެންމެ ފަހުގެ ރަނަރަޕް ހިންމަފުށި ޓީމު ވާދަކުރާއިރު ދެ ވަނަ ސެމީގައި ހުރާ ނުކުންނާނީ ކަންމަތި އެފްސީއާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ދެ މެޗު ވެސް ކުޅޭނީ މާދަމާ ރެ އެވެ. ފުރަތަމަ ސެމީ ރޭގަނޑު 8:30 ގައި ފަށާއިރު ދެ ވަނަ ސެމީ ފަށާނީ އޭގެ އެއް ގަޑިއިރު ފަހުންނެވެ.

ސެމީ ފައިނަލުގައި ވަރުގަދަ ހަތަރު ޓީމު ވާދަކުރާއިރު މުބާރާތުގެ ފޯރި ވަނީ ގަދަވެފަ އެވެ. ދެ ވަނަ ސެމީގައި ވާދަކުރާ ހުރާ އާއި ކަންމަތި އެފްސީ ވަނީ ގްރޫޕް ސްޓޭޖުގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗު 6-2 އިން ކާމިޔާބުކުރީ ކަންމަތި އެފްސީ އެވެ. ސެމީއާ ހަމައަށް ދަތުރުކުރިއިރު ހުރާ ހަމައެކަނި ބަލިވީ ވެސް ކަންމަތި އެފްސީ އަތުންނެވެ. ޗެމްޕިއަންކަން ދިފާއު ކުރުމަށް ކަންމަތި އެފްސީ މިފަހަރުގެ މުބާރާތަށް ނުކުތީ ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ތިން ކުޅުންތެރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި އިބްރާހީމް އަސްވަދު (ގަބޭ) އަދި އިބްރާހީ ސިނާހު (ސިނާ) ޓީމުގައި ހިމަނައިގެންނެވެ.

ތުލުސްދޫ މިއެޓް ޖަމިއްޔާއިން މި މުބާރާތް ކުރިއަށްގެންދަނީ ދާއިރާގެ ރަށްތަކަށާއި މާލެ އަތޮޅުގެ ބައެއް ރިސޯޓުތަކަށް ހުޅުވާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި ތުލުސްދޫ ދާއިރާގެ ހިންމަފުއްޓާއި ހުރާގެ ޓީމުތައް ވާދަކުރާއިރު ބޮޑު ހިތި ރިސޯޓު ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ވާދަކޮށްފަ އެވެ.

މިފަހަރުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް ލިބޭނީ 10،000 ރުފިޔާ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *