ތާރީހީ ރަން މެޑަލްއާ އެކު ސާއިދު މިއަދު މާލެ އަންނަނީ

Advertisement

ތާރީހީ ރަން މެޑަލްއާ އެކު ސާއިދު މިއަދު މާލެ އަންނަނީ

ޢަބްދުﷲ އަޝްރަފް
ސާއިދު މެޑަލްތަކާއކު، ސާއިދު ވަނީ ސައުތު އޭޝިއަން ގޭމްސް އިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައި - ފޮޓޯ : އެމްއޯސީ / ޢަބްދުﷲ އަބީދު

މިހާރު ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާޢްޖެއަށް ބޮޑު ފަހުރެއް ހޯދައިދިން ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ހެނދުނު މާލެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ. ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވި ދިވެހި ކޮންޓިންޖެންޓްގެ ގިނަ އެތުލީޓުންނާއެކު ސާއިދު މިއަދު ހެނދުނު ގާތްގަނޑަކަށް 09:45 ހާއިރު މާލެ އަންނަ ގޮތަށް ހަމަ ޖެހިފައިވާއިރު އޭނާ އަށާއި މެޑަލް ހޯދި އެހެން ޓީމްތަކަށް ހޫނު މަރުހަބާއެއް ކިޔުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ އާ ހަވާލާދީ ވީމީޑިއާ އިން ގެނެސްދީފައިވާ ހަބަރެއްގައިވާ ގޮތުން ސާއިދު އާއި އެހެން އެތުލީޓުންނަށް މަރުހަބާ ކިޔުމަށް މާލޭގެ އެއް ނަންބަރު ފާލަން ސަރަހައްދުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މެޑަލް ހޯދި އެތުލީޓުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައީސް އޮފީހުގައި ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ފައިނަލް 10.49 ސިކުންތުން ނިންމައިގެން ސާއިދު ރަން މެޑަލް ހޯދައިފައިވާއިރު އޭނާ ވަނީ ގޭމްސްގެ 200 މީޓަރު ދުވުމުން ލޯ މެޑަލްވެސް ހޯދައިފައެވެ.

100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިގެން މިއަދު ރާއްޖެ އަންނަ ސާއިދު އަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވެފައިވާއިރު އެ މެޑަލް އެތަށް ގޮތަކުން ހާއްސަ އެވެ. އެންމެ 0.1 ސިކުންތުގެ ތަފާތުން އަވަށްޓެރި ސްރީ ލަންކާގެ ދުވުންތެރިޔާ ފަހަތަށް ޖައްސާލުމަށްފަހު ސާއިދު ހޯދި ރަން މެޑަލް އަކީ މުޅި ސައުތު އޭޝިއަން ގޭމްސްގެ 35 އަހަރުވީ ތާރީހްގައި ރާއްޖޭން ހޯދި ފުރަތަމަ ރަން މެޑަލް އެވެ. އަދި، ގޭމްސްގެ އެންމެ ޝަރަފްވެރި އެއް އިވެންޓުން ރާއްޖެ ރަން މެޑަލް ހާސިލް ކުރުމުން ލިބޭ ފަހުރު އަދި ވަކިން ބޮޑެވބެ. މީގެ އިތުރުން ދެ ބިލިއަނާ ގާތްކުރާ ވަރުގެ އާބާދީއެއް އޮތް ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރު ދުވުންތެރިޔާ އަށް ކުޑަކުޑަ ދިވެހި ރާއްޖޭގެ އެތުލީޓަކު ވުމަކީ ކުޑަ އުފަލެއްވެސް ނޫނެވެ.

ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުން މިދިޔަ އަންގާރަ ދުވަހު ސާއިދު ރަން މެޑަލް ހޯދައިފައިވާއިރު އޭނާ ވަނީ 2015 ވަނަ އަހަރު އޮތް އިންޑިއަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖޭގެ ތާރީހުން ޖާގަ ހޯދައިފައެވެ. ސާއިދުގެ ކުޅިވަރު ކެރިއަރުގެ އެ ބޮޑު ކާމިޔާބާ އެކު އޭނާ ހިމެނުނީ ބައިނަލް އަގްވާމީ ކުޅިވަރު މުބާރާތެއްގެ އިންޑިވިޑުއަލް އިވެންޓަކުން ރަން މެޑަލް ހާސިލް ކުރި ފުރަތަމަ ދިވެހި އެތުޅީޓުގެ ގޮތުގައެވެ. އޭގެ ފަހުން ސާއިދު ވަނީ 2016 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސް ގައި ބައިވެރިވެ ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފައެވެ. މީގެ އިތުރުން 2017 ވަނަ އަހަރު އިންޑިއާގައި އޮތް  އޭޝިއަން އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައި ގާތްގަޑަކަށް 4.5 ބިލިއަން މީހުން ދިރިއުޅޭ އޭޝިއާ ސަރަހައްދުގެ އެންމެ ބާރު އަށް ދުވުންތެރިންގެ ތެރޭގައި ސާއިދު ހިމެނުމަކީ ވެސް ރަން އަކުރުން ދިވެހި ކުޅިވަރުގެ ތާރީހުގައި ފަވާލަން ޖެހޭ ވަރުގެ ކާމިޔާބީ އެކެވެ.

ސައުތު އޭޝިއަން ގޭމްސްގެ ތާރީހަށް ބަލާލާއިރު އެތުލެޓިކްސްގައި ރާއްޖެއަށް އެންމެ ފުރަތަމަ މެޑަލް އަކާ ހަމައަށް ދެވޭ ވަރުވީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގައެވެ. އެފަހަރުގެ ގޭމްސްގެ 100 މީޓަރު ރިލޭ  ގައި ރާއްޖޭގެ ދުވުންތެރިން ލޯ މެޑަލް ހޯދިއިރު މިއަދު އެންމެ ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ އެ ދުވުންތެރިންގެ ތެރޭގައި ސާއިދު ހިމެނުނު ކަމެވެ. އޭރު އެންމެ 18 އަހަރުގެ ސާއިދު އާ މެދު އެތްލެޓިކްސްގެ މާހިރުންނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީއަށް އޮތް އުއްމީދާއި އިތުބާރުގެ ނަތީޖާ އަކަށްވީ އެތުލެޓިކްސްގައި ކުރިއަރާފައި އޮތް އުތުރު އެމެރިކާގެ ގައުމެއް ކަމަށްވާ ޖެމެއިކާ ގައި ދިގު މުއްދަތަކަށް ތަމްރީން ހެދުމުގެ ފުރުސަތު ސާއިދު އަށް ތަނަވަސްވުމެވެ. ރާއްޖެއާ އެތައް ހާސް މޭލެއް ދުރުގައި އޮތް ގައުމެއްގައި ދިގު މުއްދަތަކަށް ހުންނަނމް ޖެހުނު ނަމަވެސް ސާއިދު އެ ފުރުސަތު ގަބޫލު ކުރީ އުފަލާ އެކު އެވެ.

ޒުވާން އުމުރުގައި އާއިލާ  އާއި ރަހްމަތްތެރިން ދޫކޮށް މަދު ދިވެއްސަކު ނޫނީ އަމުދުން ދިރިވެސް ނޫޅޭ ގައުމެއްގައި ގާތްގަނޑަކަށް ހަތަރު އަހަރު ދުވަހު ހުރެ ސާއިދު ގައުމަށްޓަކައި ވީ ބޮޑު ގުރުބާނީގެ ފޮނި ނަތީޖާ އޭނާ އާ ބައްދަލުކުރިލެއް ލަހެއް ވެސް ނުވިއެވެ. ތަމްރީންތަކަށްފަހު އެނބުރި އައިސް ސާއިދު ބައިވެރިވި ބައިނަލް އަގްވާމީ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދުމުގެ އިތުރުން 100 މީޓަރު ދުވުމުން ރަން މެޑަލް ސާޢިދު ހޯދުމާއެކު ދިވެހިންގެ އެތައް ބައެއްގެ ސަމާލުކަން އޭނާ އަށް ހުއްޓުނެވެ. އޭގެ ފަހުން އެމީހުން އައީ ސާއިއދު ބައިވެރިވާ ބައިނަލް އަގްވާމީ ބޮޑު ކޮންމެ މުބާރާތެއްގައި ސާއއިދު ގެ ފަރާތުން ބޮޑު ކާމިޔާބަކަށް އިންތިޒާރުކުރަމުންނެވެ. އެ އިންތިޒާރުގައި ސާއިދު ރީތި ކުލަތަކެއް ޖައްސައިދެމުން އައިސް މިއަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި އުއްމީދު ކުރިވަރުގެ ކާމިޔާބެއް ނުލިބުމާއެކު ސާއިދުގެ ތަރި އޮއްސެން އުޅެނީ ކަމަށް ބައެއް މީހެނުންނަށް ގަބޫލުވެސް ކުރެވުނެވެ. އެކަމަކު އެއީ ހަގީގަތް ނޫންކަން އިއްޔެ ސާއިދު ހޯދި ރަން މެޑަލާއެކު މިވަނީ ކަށަވަރުވެފައެވެ.

މިފަހަރުގެ ސައުތު އޭޝިއަން ގޭމްސް މިއަދު ނިމޭއިރު ސާއިދު ހޯދި ދެ މެޑަލްގެ އިތުރުން އިންޑިވިޖުއަލް އިވެންޓަކުން ރާއްޖޭގެ އެހެން އެތުލީޓަކަށް މެޑަލް އެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ޓޭބަލް ޓެނިސްގެ އަންހެން ޓީމް އިވެންޓުންނާއި، ފުޓްބޯޅައިގެ އަންހެން ޓީމް އިވެންޓުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދައިފައެވެ. އަދި، މިއަދު ހެދުނު ކުޅެން ހަމަޖެހިފައިވާ ބާސްކެޓްބޯޅައިގެ އަންހެން ޓީމް އިވެންޓުގެ ތިންވަނަ ހޮވާ މެޗްގައި ބޫޓާންގެ މައްޗަށް ކުރި ހޯދިއްޖެ ނަމަ ރާއްޖެއަށް އިތުރު ލޯ މެޑަލް އެއް ލިބޭނެ އެވެ. މިފަހަރުގެ ގޭމްސްގައި ރާއްޖެއިން 11 ކުޅިވަރެއްގައި ވާދަކޮށްފައިވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *