މާފުށީ ޒުވާނުން އިސް ނަގައިގެން ފުޓްސަލް މުބާރާތެއް ބާއްވަނީ
ކ. މާފުށީ ޒުވާނުން އިސްނަގައިގެން “މާފުށީ ޔޫތު ކަޕް 2019” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މުޅިން އަލަށް ބާއްވާ މި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އެރަށުގެ 13 ޓީމަކުން ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ. މުބާރާތް އިންތިޒާމުކުރާ ކޮމިޓީން ބުނީ ގުރު ނެގުމުގެ ރަސްމިއްޔާތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ މާފުށީގައި އޮންނާނެ ކަމަށާއި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސްޓޭޖަށް ބަހާލައިގެން ކަމަށެވެ. އަދި ގުރު ނެގުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ މުޅި ފޯމެޓް އިއުލާން ކުރަން ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގެ ފެށުން އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނައިރު ހުރިހާ މެޗެއް ވެސް ކުޅޭނީ އެރަށުގައި އޮންނަ ޓާފް ފުޓްސަލް ދަނޑުގަ އެވެ. މުބާރާތް އިންތިޒާމުކުރާ ޒުވާނުންގެ ގްރޫޕުން ބުނީ މިއީ ބޮޑު ބަންދާއި ދިމާކޮށް މާފުށީގައި ވާދަވެރި ފުޓްސަލް މުބާރާތެއް ބާއްވައި ޒުވާނުން ކުޅިވަރުގައި ޝާމިލްކޮށް އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.
“މިއީ ހަމަ ޒުވާނުންގެ ގުޅުން ބަދަހިކޮށް ބިޒީ ޝެޑިއުލްގައި އުޅޭ ކުދިންނަށް ވެސް ހިތްހަމަޖެހުމެއް ހޯދައިދޭން ބާއްވާ މުބާރާތެއް. ބޮޑު ބަންދާއި ދިމާކޮށް މިފަހަރު މި ފަށާ މުބާރާތް އިތުރަށް ފުޅާކޮށް ފޯރިގަދަ މުބާރާތަކަށް ހެދުމަކީ ބޮޑު އަމާޒެއް. މި އަހަރު ވެސް ޒުވާނުންގެ ފަރާތުން ލިބުނު ތަރުހީބުން އެނގިއްޖެ މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެކަން” އިންތިޒާމުކުރުމުގައި އުޅޭ އިސް އޮފިޝަލަކު ބުންޏެވެ.
ޔޫތު ކަޕްގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 7000 ރުފިޔާ ދޭގޮތަށް ވަނީ ނިންމައިފަ އެވެ. އަދި މިއަހަރުގެ މުބާރާތުން ތިން ވަނަ ހޯދާ ޓީމަށް 3500 ރުފިޔާ ދޭނެ އެވެ.
މި މުބާރާތުގެ ކޯ ސްޕޮންސަރަކީ މާފުށީ އެރީނާ ފްރެޝް މާޓް އެވެ. އޮފިޝަލް ޑްރިންކްސް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ އެރީނާ ފްރެޝް މާޓުން އެތެރެކުރާ ސަނީ ނެސް އެވެ. ޔޫތު ކަޕްގެ މީޑިއާ ޕާޓްރަނަކީ “ފަހުމިނެޓް” އެވެ.
މާފުއްޓަކީ ގެސްޓް ހައުސްގެ ވިޔަފާރި އެންމެ ފުޅާކޮށް ހިންގަމުން އަންނަ ރަށެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް ފަތުވެރިންނާއި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު އެރަށަށް ދަތުރުކުރެ އެވެ. ގެސްޓް ހައުސް ވިޔަފާރީގެ އިތުރުން އުމްރާނީ ގޮތުން ވެސް މާފުއްޓަކީ އެހެން ރަށްތަކާއި އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ހޯދާފައިވާ ރަށެވެ. މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ ސްޕޮންސަރުންނަށް ފުރުސަތު ހުޅުވާލާފައިވާކަމަށާއި ލިބެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ. ސްޕޮންސަރުންގެ އެހީތެރިކަމަށް ބަލައި މުބާރާތުގެ ވަނަތަކަށް ހޮވޭ ޓީމުތަކަށް ދޭ ފައިސާގެ އިނާމު ބޮޑުކުރަން އިންތިޒާމުކުރާ ފަރާތުން ވަނީ ނިންމައިފަ އެވެ. މާފުށީ ފުޓްސަލް ޓީމު ވަނީ މިއަހަރު އޮތް ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ވެސް ވާދަކޮށްފަ އެވެ.
Advertisement
Leave a Reply