މިއެޓް ފުޓްސަލް ފިއެސްޓާ: ހާއްޕެގެ ހެޓްރިކާއެކު ކަންމަތި އެފްސީ ސެމީ ފައިނަލަށް
ރާއްޖޭގެ ފުޓްސަލް ކިންގުގެ ގޮތުގައި މަޝްހޫރުވެފައިވާ އަލީ ހާފިޒް (ހާއްޕެ) ރޭ ހެދި ހެޓްރިކާއެކު އެންމެ ފަހުގެ ޗެމްޕިއަން ކަންމަތި ފުޓްބޯލް ކްލަބް ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ މިއެޓް (މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ) ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ. ކަންމަތި އެފްސީ ގްރޫޕް އޭ އިން ސެމީގެ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޮޅު ކޮމިއުނިޓީއާ ވާދަކޮށް 6-3 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ރޭގެ މެޗުގައި ހާއްޕެ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު މުބާރާތުގެ ލަނޑު ލިސްޓުގައި ހަތް ގޯލާއެކު އެންމެ ކުރީގައި އުޅެނީ ވެސް އޭނާ އެވެ. ހާއްޕެގެ އިތުރުން މެޗުގައި އިބްރާހިމް އަސްވަދު (ގަބޭ) ދެ ގޯލު ޖެހިއިރު އަނެއް ގޯލު ޖަހައިދިނީ ޑިފެންޑަރު އިބްރާހީމް ސިނާހް (ސިނާ) އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ފުޓްސަލްގައި ރާއްޖޭގެ އެންމެ މަޝްހޫރު ކުޅުންތެރިންނެވެ. ކަންމަތި އެފްސީ ކޮޅަށް ބޮޅު ކޮމިއުނިޓީގެ ގޯލުތައް ޖަހައިދިނީ އިޖުހާދު ޖަލީލް އާއި ލިތޫފް އަހުމަދު އަދި މުހައްމަދު ފަރުހާން އެވެ.
މި ގްރޫޕުގައި ހިމެނޭ ހުރާ ފުޓްބޯލް ކްލަބް ވަނީ މޮޅުވާން މަޖުބޫރު މެޗުގައި ރޭ 4-1 އިން ބޮޑު ހިތި އައިލެންޑް ރިސޯޓް ބަލިކޮށްފަ އެވެ. މެޗުގައި ހުރާގެ ހަތަރު ގޯލުގެ ތެރެއިން އަހުމަދު ނައުޝާދު ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ނައުޝާދުގެ އިތުރުން އެޓީމަށް ގޯލު ޖަހައިދިނީ އަލީ ހަމްދާން އެވެ. މެޗުގައި ބޮޑު ހިތި ރިސޯޓުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޝަހުދާން އާދަމް އެވެ.
މި ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުގެ ސީދާ ޖާގައެއް ކަންމަތި އެފްސީ އިން ކަށަވަރުކުރީ ސައްތައިން ސައްތަ ރެކޯޑަކާއެކު ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕުގެ ދެ ވަނަ ހަ ޕޮއިންޓާއެކު ހުރާ އެފްސީ އަށް ލިބުނީ ސެމީ ފައިނަލަށް ދިއުމުގެ ޕްލޭ އޮފް ފުރުސަތެވެ. ރޭގެ މެޗުން ބަލިވުމުން ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތް ބޮޅު ކޮމިއުނިޓީ އާއި ޕޮއިންޓެއް ނުލިބި ފުލަށް ދިޔަ ބޮޑު ހިތި ރިސޯޓް ވަނީ މުބާރާތުން ކަޓައިފަ އެވެ.
ގްރޫޕް ބީގައި ޕްލޭ އޮފްގެ ޖާގައެއް ހޯދުމުގެ އުއްމީދުގައި ކަންމަތި ނިއު ޖެނެރޭޝަން އާއި އެމްޕަޔާ ރޭ ވަނީ ވާދަކޮށްފަ އެވެ. މި މެޗު 3-2 އިން އެމްޕަޔާ ކާމިޔާބުކުރި ނަމަވެސް އެންމެ ރަނގަޅު ނަތީޖާގައި ދެ ވަނަ ހޯދި ޓީމުތަކުގެ ލިސްޓުން ޖާގަ ނުލިބި ވަނީ ކަޓައިފަ އެވެ. މި ގްރޫޕުގެ އެއް ވަނަ ހަ ޕޮއިންޓާއެކު ކަށަވަރުކޮށް ސެމީގެ ސީދާ ޖާގައެއް ކަށަވަރުކުރީ ރަނަރަޕް ހިންމަފުށި ފުޓްބޯޅަ ޓީމުންނެވެ. އެމްޕަޔާ އަށް ތިން ޕޮއިންޓާއެކު ދެ ވަނަ ލިބުނުއިރު ފުލަށް ދިޔަ ކަންމަތި އެންޖީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.
ރޭގެ މެޗުގައި އެމްޕަޔާ ޓީމުގެ ގޯލުތައް ޖަހައިދިނީ އަލީ ސާއިދު އާއި ހުސައިން ސާހިލް އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ޒިޔާން އެވެ. ކަންމަތި އެންޖީގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އަލީ އާލިމް އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭ ނިމުނުއިރު ކަންމަތި އެފްސީ އާއި ހިންމަފުށީ ޓީމުގެ އިތުރުން ސެމީގެ ސީދާ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސީގެ އެއް ވަނަ ހޯދި އެޕޮކަލިޕްސް އެވެ. ސެމީގެ ފަހު ޖާގައަށް ހުރާއާ އެކު ވާދަކުރާނީ ގްރޫޕް ސީގެ ދެ ވަނަ ހޯދި ސްޕެރަންޒާ އެވެ. ސެމީ ފައިނަލަށް ދިއުމަށް ހުރާ އާއި ސްޕެރަންޒާ ވާދަކުރާ ޕްލޭ އޮފް މެޗު ކުޅޭނީ މިރެ އެވެ. މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު އަންނަ ބުދަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ. މިއެޓް ޖަމިއްޔާއިން ބުނީ ސެމީގައި ވާދަކުރާ ޓީމުތަކުގެ ގުރު ނެގުން އޮންނާނީ މިރޭ ކުޅޭ ޕްލޭ އޮފް މެޗަށް ފަހުގައި ކަމަށެވެ.
މިފަހަރުގެ މުބާރާތުގައި 10 ޓީމަކުން ވާދަކުރާއިރު މިއީ މިއެޓް ޖަމިއްޔާއިން އިންތިޒާމުކޮށްގެން ތުލުސްދޫ ޓާފް ދަނޑުގައި މި މުބާރާތް ކުރިއަށްގެންދާ ދެ ވަނަ އަހަރެވެ. މިދިޔަ އަހަރު ހިންމަފުށި އެފްޓީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކަންމަތި އެފްސީ އެވެ. މި މުބާރާތް މިއެޓް ޖަމިއްޔާއިން ހުޅުވާލަނީ ތުލުސްދޫ ދާއިރާގެ ރަށްތަކަށާއި މާލެ އަތޮޅުގެ ބައެއް ރިސޯޓުތަކަށެވެ. އެހެންވެ ކުޑަ މުއްދަތެއްގެ ތެރޭގައި މި މުބާރާތް ވެގެންގޮސްފައިވަނީ މާލެ ސަރަހައްދުގައި ބާއްވާ އެންމެ ފޯރިގަދަ އެއް މުބާރާތަށެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް މި މުބާރާތުގައި ރާއްޖޭގެ ފުޓްސަލްގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަންނަނީ ވާދަކުރަމުންނެވެ.
Advertisement
Leave a Reply