ސައުތު އޭޝިއަން ގޭމްސް / ބާސްކެޓްބޯޅަ: ސެމީ ފައިނަލްގެ ޖާގައާއެކު އަންހެން ކުޅުންތެރިންގެ ލޮލުން ހިލުނީ ކަރުނަ

Advertisement

ސައުތު އޭޝިއަން ގޭމްސް / ބާސްކެޓްބޯޅަ: ސެމީ ފައިނަލްގެ ޖާގައާއެކު އަންހެން ކުޅުންތެރިންގެ ލޮލުން ހިލުނީ ކަރުނަ

ޢަބްދުﷲ އަޝްރަފް
ލަންކާ އަތުން މޮޅުވި މެޗަށްފަހު އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ : މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު

ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓްގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމް މިއަދު ސްރީލަންކާ އާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މިއަދު މެންދުރު ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ތްރީޕްރޭޝްވޯރު ހޯލްގައި ކުޅުނު މި މެޗްގައި 64-69 އިން ލަންކާގެ މައްޗަށް ރާއްޖޭގެ އަންހެން ޓީމް ކުރި ހޯދިއިރު މިއީ ސައުތު އޭޝިއަން ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓުގެ ސެމީ ފައިނަލުން ރާއްޖޭގެ އަންހެން ޓީމަށް ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާއެކު މެޗް ނިމުމުން ދިވެހި ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާ ފާޅުކުރިތަން ފެނުނެވެ. އެއާއެކު ވަރަށް ގިނަ ކުޅުންތެރިންގެ ލޮލުން ކަރުނަ އޮހޮނުތަންވެސް ފެނިފައިވެއެވެ.

ވާދަވެރި ކުޅުމެއް ފެނުނު މިއަދުގެ މެޗްގެ ފުރަތަމަ ކުއާޓަރ ނިމުނީ 09-18 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ. ދެވަނަ ކުއާޓަރ ފަށައިގެންވެސް ރާއްޖެއިން ދިޔައީ ލީޑް ހިފަހައްޓައިގެން ކުޅެމުންނެވެ. ނަތީޖާ އަކަށް ވީ ލަންކާ އަށް ދޫނުކޮށް 25-38 ގައި އޮވެ ދެވަނަ ކުއާޓަރ ނިންމާލުމެވެ. އެކަމަކު ތިން ވަނަ ކުއާޓަރ ދިޔައީ ރާއްޖޭގެ ޓީމުން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. ފުރަތަމަ ދެ ކުއާޓަރ އާއި ތަފާތުކޮށް ތިން ވަނަ ކުއާޓަރ ގައި ލަންކާގެ ޓީމުން މޮޅު ކުޅުމެއް ދައްކައި ދިވެހި ޓީމް ޕްރެޝަރަށް ވައްޓާލިއެވެ. އެ ޓީމަށް ނުކުރެވުނު ހަމައެކަނި ކަމަކީ ލީޑްގައި އޮވެ ކުއާޓަރ ނިންމާލުމެވެ. ލަންކާއިން ދެއްކި ގަދަ ހިތްވަރާ އެކުވެސް ތިން ވަނަ ކުއާޓަރ ނިމުނީ 44-50 އިން ދިވެހި ޓީމް ކުރީގައި އޮވެގެންނެވެ. ތިންވަނަ ސެޓްގައި ލަންކާގެ ޓީމުން ބޮޑު ކުރިއެރުމެއް ހޯދުމާއެކު ފަހު ކުއާޓަރ ގައި އެޓީމުން ލީޑް ނަގައިފާނެ ކަމުގެ ބިރުވެސް އޮތެވެ.   އެކަމަކު ދިވެހި ޓީމުގައި ތިބި ތަޖްރިބާކާރު ކުޅުންތެރިންގެ ވިސްނުން ބޭނުންކޮށްގެން  ކުޅުމުގެ ނަތީޖާ އަކަށްވީ ފަހު ކުއާޓަރ ނިމެންދެންވެސް ލީޑް ދަމަހައްޓައި ރާއްޖޭގެ ޓީމުން މެޗް ކާމިޔާބުކުރުމެވެ.

މިއަދުގެ މެޗްގައި ރާއްޖޭގެ ޓީމުން އެންމެ މޮޅަށް ކުޅެފައިވަނީ 21 ޕޮއިންޓް ހޯދައިދިން ފާތިމަތު ރިޝްމާ އާއި 18 ޕޮއިންޓް ހޯދައިދިން ކެޕްޓަން އާމިނަތު ޝިއުރާއެވެ. މިފަހަރުގެ ގޭމްސްގެ ބާސްކެޓްބޯޅަ އިވެންޓްގެ ފުރަތަމަ މެޗްގައި އިންޑިއާ އަތުން ބޮޑު ތަފާތަކުން ރާއްޖޭގެ އަންހެން ޓީމް ބަލިވި ނަމަވެސް މިއަދު ކުޅުނު މެޗުން ހޯދި ފުރިހަމަ ކާމިޔާބާއެކު ޓީމާ ދޭތެރޭ ސަޕޯޓަރުން ކުރާ އުއްމީދު މިހާރު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. ސެމީ ފައިނަލްގައި ރާއްޖެ ވާދަކުރާނީ ނޭޕާލް ނުވަތަ ބޫޓާނާ އެވެ. މި މެޗް ކުޅެން ހަމަޖެހިފައިވަނީ މާދަމާއެވެ.

ސައުތު އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމުން ވަނީ ވަރަށް ރަގަޅަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މުބާރާތުގެ ކުރިން އަންހެން ބާސްކެޓްބޯޅަ ޓީމް ވަނީ ތައިލެންޑްގެ އިތުރުން ޗައިނާގައިވެސް ކޭމްޕްކޮށް ތަމްރީނު ހަދފައިފައެވެ.

ރާއްޖޭގެ ފިރިހެން ބާސްކެޓްބޯޅަ ޓީމް މިފަހަރުގެ ގޭމްސްގައި ކުޅުނު ދެމެޗުންވެސް ބަލިވެ  މުބާރަތުން ވަނީ ކަޓައިފައެވެ. ފުރަތަމަ މެޗްގައި ބަންގްލަދޭޝް އަތުން ބަލިވެފައިވާއިރު މިއަދު ކުޅުނު ދެ ވަނަ މެޗްގައި ނޭޕާލް އާ ވާދަކޮށް ފިރިހެން ޓީމް ބަލިވީ 79-62 އިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *