މިއެޓް ފުޓްސަލް ފިއެސްޓާ: ހުރާ އަށް ރޭ މުހިއްމު މޮޅެއް

Advertisement

މިއެޓް ފުޓްސަލް ފިއެސްޓާ: ހުރާ އަށް ރޭ މުހިއްމު މޮޅެއް

ޢަލީ ޝަހީމް
މުބާރާތުގައި ވާދަކުރާ ހުރާ ޓީމް. ރޭ އެޓީމުން ހޯދީ މުހިއްމު މޮޅެއް. - ފޮޓޯ: މިއެޓް ޖަމިއްޔާ

މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) އިން ތުލުސްދޫގައި މިހާރު ކުރިއަށްގެންދާ މިއެޓް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލަށް ދިއުމަށް ކުރާ އުއްމީދުގައި ހުރާ ފުޓްބޯލް ކްލަބުން ރޭ މުހިއްމު މޮޅެއް ހޯދައިފި އެވެ. މުބާރާތުގެ ގްރޫޕް އޭގައި ރޭ ބޮޅު ކޮމިއުނިޓީއާ ދެކޮޅަށް ކުޅުނު މެޗުން ހުރާ މޮޅުވީ 3-2 އިންނެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ޓީމު ހުރާ މުބާރާތުގައި ވާދަކުރަނީ ތުލުސްދޫ ދާއިރާއަށް ނިސްބަތްވާ ރަށަކަށް ވާތީ އެވެ. ތުލުސްދޫ ދާއިރާގައި ހިމެނޭ ހިންމަފުށި ވެސް މުބާރާތުގައި ވާދަކުރާއިރު ދާއިރާގެ ރަށްތަކުގެ އިތުރުން މާލެ އަތޮޅުގެ ބައެއް ރިސޯޓުތަކަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި އެވެ.

10 ޓީމަކުން ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ތިން ޓީމަށް ސެމީ ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު ބާކީ ޖާގަ ލިބޭނީ އެންމެ ރަނގަޅު ނަތީޖާގައި ދެ ވަނަ ހޯދާ ދެ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭ އޮފް މެޗަކަށް ފަހު އެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުން ސެމީ ފައިނަލުގެ ދެ ޖާގަ ވަނީ ކަށަވަރުވެފަ އެވެ. ފުރަތަމަ ޖާގަ މިދިޔަ އަހަރުގެ ރަނަރަޕް ހިންމަފުށި ފުޓްބޯޅަ ޓީމް ހޯދިއިރު ގްރޫޕް ސީގައި ހިމެނޭ އެޕޮކަލިޕްސް އިން ރޭ ވަނީ ސެމީގެ އަނެއް ޖާގަ ކަށަވަރުކޮށްފަ އެވެ.

މުބާރާތުގެ ގްރޫޕް އޭގައި ރޭ ހުރާ އިން ބޮޅު ކޮމިއުނިޓީ ބަލިކުރުމުން ގްރޫޕްގެ ފަހު މެޗުގައި ބޮޑު ހިތި އައިލެންޑް ރިސޯޓް ބަލިކޮށްގެން އެޓީމަށް ސެމީއަށް ދިއުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު އެ ގްރޫޕްގެ އަނެއް މެޗުގައި ކަންމަތި އެފްސީ އިން އިން ބޮޅު ކޮމިއުނިޓީ ބަލިކޮށްފި ނަމަ ހުރާ ޖެހޭނީ ސެމީގެ ޖާގައެއް ހޯދަން ޕްލޭ އޮފް މެޗުގައި ކުޅޭށެވެ.

ކުރީގެ މަޝްހޫރު މިޑްފީލްޑަރު އަބްދުﷲ އިބްރާހީމް (އަބުޅޯ) ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ހުރާގެ ތިން ގޯލު ރޭ ކާމިޔާބުކޮށްދިނީ އަހުމަދު އަޝްފާގް އާއި މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ހަމްދާން އެވެ. ހަމްދާން އަކީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުރާ ގައި ހުރި އުއްމީދީ ކުޅުންތެރިއެކެވެ. ހުރާގެ ކޯޗު އަބުޅޯ އަކީ އެރަށުން ފުރަތަމަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކިއިރު ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. މެޗުގައި ބޮޅު ކޮމިއުނިޓީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒް (އާއްކޮ) އާއި ލިތޫފް އަހުމަދު އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ހުރާގެ ހަމްދާން ކަންމަތި އެފްސީގެ ގަބޭ ކައިރިން ބޯޅަ ހޯދަނީ. – ފޮޓޯ: މިއެޓް ޖަމިއްޔާ

ގްރޫޕް އޭގައި ރޭ ޗެމްޕިއަން ކަންމަތި އެފްސީ ވަނީ ބޮޑު ހިތި ރިސޯޓުގެ މައްޗަށް 4-0 އިން ކުރި ހޯދައިފަ އެވެ. މެޗުގައި ކަންމަތި އެފްސީގެ ހަތަރު ގޯލުގެ ތެރެއިން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ހާފިޒް (ހާއްޕެ) ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް އަސްވަދު (ގަބޭ) އާއި މުއީޒް ދާއޫދު އެވެ. މި މޮޅާއެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދިއުމުގެ ފުރުސަތު ކަންމަތި ޓީމަށް ވަނީ ބޮޑުވެފަ އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާއި ފައިދާ އަށް ގޯލާއެކު ކަންމަތި އޮތްއިރު ދެ ވަނައިގައި އޮތް ބޮޅު ކޮމިއުނިޓީ އާއި ތިން ވަނައިގައި އޮތް ހުރާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ބޮޅު ކޮމިއުނިޓީއަށް ފައިދާ އަދި ގެއްލުން ގޯލެއް ނެތްއިރު ހުރާ އޮތީ ގެއްލުން ތިން ގޯލުގަ އެވެ. ގްރޫޕުގެ ފުލުގައި އޮތް ބޮޑު ހިތި ރިސޯޓަށް ވަނީ ކުޅުނު ދެ މެޗުން ބަލިވެ ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވެފަ އެވެ.

ގްރޫޕް ސީގައި ރޭ އެޕޮކަލިޕްސް އިން ސްޕެރަންޒާ ބަލިކުރީ 7-3 އިންނެވެ. މި މޮޅާއެކު މި ގްރޫޕުން ސެމީ ފައިނަލުގެ ޖާގައެއް އެޓީމުން ކަށަވަރުކުރީ 6 ޕޮއިންޓް ހޯދައި އެއް ވަނަ މަގާމްގަ އެވެ. ގްރޫޕްގެ މެޗުތައް ނިމުނުއިރު ސްޕެރަންޒާ އަށް 3 ޕޮއިންޓް ލިބުނުއިރު ދެ މެޗުން ބަލިވެ ބްލެކް އީގަލް ވަނީ މުބާރާތުން ކަޓައިފަ އެވެ.

ރޭގެ މެޗުގައި އެޕޮކަލިޕްސްގެ ހަތް ގޯލުގެ ތެރެއިން އަލީ ޝިޔާހް ވަނީ ހަތަރު ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ޝިޔާހް އަކީ މަޝްހޫރު ފުޓްސަލް ތަރި އަބްދުﷲ ޝައްފާން (ޝާކާ) ގެ ކޮއްކޮ އެވެ. ޝިޔާހްގެ އިތުރުން އެޕޮކަލިޕްސްގެ މުހައްމަދު މިދުހަތު ދެ ގޯލު ޖެހިއިރު އަނެއް ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް މުބީން (މުއްކި) އެވެ. މެޗުގައި ސްޕެރަންޒާގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ހުސައިން ނޫރިޝް ޖެހިއިރު އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހަސަން މާޒިން އެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި އަށެއް ޖަހާއިރު ހުރާ ޓީމާއި ބޮޑު ހިތި ވާދަކުރާއިރު ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ ގްރޫޕް ބީގެ ދެ ޓީމު ކަމަށްވާ އެމްޕަޔާ އާއި ކަންމަތި ނިއު ޖެނެރޭޝަން އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ 10 ޖަހާއިރު ކަންމަތި އެފްސީ ނުކުންނާނީ ބޮޅު ކޮމިއުނިޓީއާ ދެކޮޅަށެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް މިރޭ ނިމޭއިރު ސެމީ ފައިނަލުގެ ފުރަތަމަ ތިން ޖާގަ ކަށަވަރުވާނެ އެވެ. ސެމީ ފައިނަލް ޕްލޭ އޮފް މެޗު މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު ސެމީގެ ދެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރެ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ މުބާރާތް ކުރިއަށްދާ ތުލުސްދޫ ޓާފް ފުޓްސަލް ދަނޑުގަ އެވެ.

މިއެޓް ފުޓްސަލް ފިއެސްޓާގެ ހުރިހާ މެޗެއްގެ ތަފްސީލީ މައުލޫމާތު “ފަހުމިނެޓް” އިން ގެނެސްދޭނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *