ޔުނައިޓެޑް އަތުން ބަލިވެ ސިޓީ އާއި ލިވަޕޫލްގެ ފަރަގު 14 ޕޮއިންޓަށް

Advertisement

ޔުނައިޓެޑް އަތުން ބަލިވެ ސިޓީ އާއި ލިވަޕޫލްގެ ފަރަގު 14 ޕޮއިންޓަށް

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިދިޔަ ދެ ސީޒަނުގައި ހޯދި މެންޗެސްޓަރ ސިޓީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު 14 ޕޮއިންޓަށް ބޮޑުވެއްޖެ އެވެ. ސިޓީ ރޭ ބަލިވިއިރު ލިވަޕޫލުން ރޭ ވަނީ ރަށުން ބޭރުގައި 3-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ.

ރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުތްއިރު ލީގަށް ވާދަކުރަން ސިޓީއަށް މެޗު ކާމިޔާބުކުރުން އޮތީ މުހިއްމުވެފަ އެވެ. އަނެއްކޮޅުން ލީގުގައި އަލުން ފޯމު ގެނެސް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ޔުނައިޓެޑަށް ވެސް ރޭގެ މެޗުން މޮޅުވުން މުހިއްމެވެ.

Advertisement

ރޭގެ މެޗުތަކަށް ފަހު ލިވަޕޫލުން އެއް ވަނައިގައި އޮތީ 46 ޕޮއިންޓާއެކު އެވެ. އެއް މެޗު މަދުން ކުޅެފައިވާ ލެސްޓަ ސިޓީ 35 ޕޮއިންޓުގައި އޮތްއިރު ރޭގެ މެޗުން ބަލިވުމުން ސިޓީއަށް ލިބެނީ 16 މެޗުން 32 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތީ އިއްޔެ އެވަޓަން އަތުން ބަލިވި ޗެލްސީ އެވެ. ޗެލްސީއަށް 29 ޕޮއިންޓް ލިބިފައިވާއިރު މުހިއްމު މޮޅާއެކު ޔުނައިޓެޑް ވަނީ 24 ޕޮއިންޓް ހޯދައި ފަސް ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. ލީގުގައި މިރޭ ލެސްޓަ އިން އެސްޓަން ވިލާ ބަލިކޮށްފި ނަމަ އެޓީމާ ލިވަޕޫލާ ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް ކުޑަވާނެ އެވެ. އަދި ވުލްވްސް މިރޭ ބްރައިޓަން ބަލިކޮށްފި ނަމަ ޔުނައިޓެޑް ފަހަތަށް ޖައްސާލައި އެޓީމަށް ފަސް ވަނަ ލިބޭނެ އެވެ.

ރޭ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. މެޗުގައި ޔުނައިޓެޑުން ލީޑު ނެގީ މާކަސް ރަޝްފާޑް ވައްދާލި ޕެނަލްޓީންނެވެ. މިއީ ބެނާޑޯ ސިލްވާ ރަޝްފާޑަށް ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށް ފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. ރަޝްފާޑްގެ ގޯލަށް މާ ގިނައިރުތަކެއް ނުވަނީސް ޑެން ޖޭމްސް ދިން ބޯޅައަކުން ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިނީ އެންތަނީ މާޝިއާލް އެވެ. ޔުނައިޓެޑުން ދެ ގޯލުގެ ލީޑެއް ނެގުމުގެ ކުރިން އަދި އޭގެ ފަހުން ވެސް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ސިޓީގެ ގޯލްކީޕަރު އެޑަސަން ވަނީ މަތަކޮށްފަ އެވެ.

ސިޓީން ދެ ވަނަ ހާފުގައި ވަނީ މުޅި ޓީމު ކުރިއަށްޖެހި ޔުނައިޓެޑަށް ނުރައްކާކޮށްފަ އެވެ. އެކަމަކު އެޓީމުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ރޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ހާފުގައި ޔުނައިޓެޑުން ކައުންޓަ އެޓޭކުގައި މަދު ހަމަލާތަކެއް ވަނީ އުފައްދައިފަ އެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ސިޓީގެ ހަމައެކަނި ގޯލު ރިޔާދް މާރޭޒް ނަގައިދިން ކޯނަރަކުން ބޮލުން ޖެހީ ނިކޮލަސް އޮޓަމެންޑީ އެވެ. މި ގޯލަށް ފަހު މެޗުގެ ބާކީ ފަސް މިނެޓާއި އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގައި ވެސް އިތުރު ގޯލެއް ޖަހަން ސިޓީން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ.

ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ސިޓީ އަތުން ލިބުނު މޮޅު ހަނދާނުގައި ހުންނާނެ ކަމަށާއި، މެޗުގައި ޔުނައިޓެޑަށް ލިބުނު ބޯޅަތަކުގައި ކުރިއަށް ޖެހިގެން ކުޅެ ހަމަލާތައް އުފެއްދީ ދުނިޔޭގެ އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް ކަމަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސިޓީން މެޗުގައި ދެއްކި ކުޅުން ފާހަގަކުރާ ކަމަށާއި ޔުނައިޓެޑްގެ ފަރާތުން ފެނުނު އަވަސް ކުޅުން ހުއްޓުވަން އުނދަގޫވި ކަމަށެވެ. ގާޑިއޯލާގެ ވާހަކަތަކުގައި ފާހަގަކުރީ ލީގުގެ ތައްޓަށް ކުރަން ޖެހޭ މަސައްކަތް އަދިވެސް އޮތް ކަމަށެވެ.

“އަހަރެމެން ޖެހޭނެ އަދިވެސް މަސައްކަތް ކުރަން. އަދި ބައިވަރު މެޗުތައް އެބަހުރި ކުޅެން. އެކަމަކު ތަށި ހޯދުމަކީ އުނދަގޫ ކަމަކަށް ވާނީ އަހަރެމެންނާ ވާދަވެރި ޓީމު ކުޅުނު 16 މެޗުގެ ތެރެއިން 15 މެޗުން މޮޅުވީމަ” ލިވަޕޫލުން ނަގާފައިވާ ބޮޑު ލީޑަށް އިޝާރާތް ކުރަމުން ގާޑިއޯލާ ބުންޏެވެ.

ރޭގެ މެޗުން ސިޓީ ބަލިވިއިރު ލިވަޕޫލާ ދެމެދު އޮތް 14 ޕޮއިންޓުގެ ފަރަގު އެޓީމަށް އަތުލެވޭނެ ކަމަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެވެ އެވެ. އެހެންވެ މި ސީޒަނުގައި ލިވަޕޫލާ ކިރިޔާ ވެސް ވާދަކުރެވޭނެ ޓީމަކަށް މިވަގުތު އޮތީ ލިވަޕޫލާ 11 ޕޮއިންޓުގެ ފަހަތުން އޮތް ލެސްޓަ ސިޓީ އެވެ. ލިވަޕޫލުން މިހާރު ދައްކާ ކުޅުމަށް ބަލާއިރު މިއީ އެޓީމުން ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރާނެ ސީޒަން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ލީގުގައި އިއްޔެ ހަވީރު ޗެލްސީ ރަށުން ބޭރުގައި އެވަޓަންއާ ވާދަކޮށް ބަލިވީ 3-1 އިންނެވެ. މި މެޗަށް އެވަޓަން އިން ނުކުތީ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު ކަމުގައި ހުރި މާކޯ ސިލްވާ މަގާމުން ވަކިކޮށް ކުރިން އެ ކްލަބަށް ކުޅުނު ޑަންކަން ފާގަސަންއާ ވަގުތީގޮތުން ކޯޗުކަން ހަވާލުކޮށްގެންނެވެ. މެޗުގައި އެވަޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު ފުރަތަމަ ހާފުގައި ރިޗާލިސަންގެ ގޯލުން އެޓީމު އޮތީ 1-0 އިން ކުރީގަ އެވެ. ދެ ވަނަ ހާފުގައި އެޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ކެލްވާޓް ލެވިން އެވެ. ދެ ވަނަ ހާފުގައި ޗެލްސީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މަޓެއޮ ކޮވަސިޗް އެވެ.

ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސް ރޭ ވަނީ އަމިއްލަ ދަނޑުގައި 5-0 އިން ބާންލީ ބަލިކޮށްފަ އެވެ. މެޗުގައި ޓޮޓެންހަމްގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ހެރީ ކޭން ޖެހިއިރު އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ލޫކަސް މޯރާ އާއި ސޮން ހެއުން މިން އެވެ. މެޗުގައި ސޮން ގޯލު ޖެހީ އަމިއްލަ ހާފުން ލިބުނު ބޯޅަ ހިފައިގެން ގޮސް އެވަގުތު ބޯޅަ ހޯދަން ގާތްވި ހުރިހާ ކުޅުންތެރިން ކަޓުވާލުމަށް ފަހު ގޮހެވެ. މިއީ ފަހަކަށް އައިސް ލީގުގައި ފެނުނު އިންޑިވިޖުއަލް އެންމެ މޮޅު ގޯލެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *