ޔުވެންޓަސް ބަލިނުވުމުގެ ރެކޯޑަށް ލާޒިއޯ އިން ނިމުން ގެނެސްފި

Advertisement

ޔުވެންޓަސް ބަލިނުވުމުގެ ރެކޯޑަށް ލާޒިއޯ އިން ނިމުން ގެނެސްފި

ޢަލީ ޝަހީމް

އިޓާލިއަން ލީގުގައި މެޗަކުން ބަލިނުވެ ކުޅެމުން އައި ޔުވެންޓަސް އަތުން ރޭ ލާޒިއޯ މޮޅުވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ލާޒިއޯ އިން ޔުވެންޓަސް ބަލިކުރީ 3-1 އިންނެވެ.

ރޭގެ މެޗުގެ ކުރިން ލީގުގައި ޔުވެންޓަސް ކުޅުނު 14 މެޗުން ވެސް ބަލިވެފައެއްނުވެ އެވެ. އެކަމަކު މެޗުން ބަލިވުމުން ޔުވެންޓަސް މިހާރު އޮތީ އެއް ވަނައިގައި އޮތް އިންޓަ މިލާނަށް ވުރެ ދެ ޕޮއިންޓް ފަހަތުގަ އެވެ. އިންޓަ އަށް 38 ޕޮއިންޓް ލިބިފައިވާއިރު ޔުވެންޓަސް އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ލީގުގައި ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިންޓަ އިން ރޯމާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ރޭގެ މޮޅާއެކު ތިން ވަނަ މަގާމުގައި އޮތް ލާޒިއޯ ވަނީ 33 ޕޮއިންޓް ހޯދައި ޔުވެންޓަސްއާ ދެ ޕޮއިންޓަށް ކައިރިކޮށްފަ އެވެ.

Advertisement

ޔުވެންޓަސް އަށް އުނދަގޫވާނެކަމަށް ބެލެވުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުން މެޗުގެ 25 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގައިފަ އެވެ. ލާޒިއޯއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރާމޯސް މާޗީ ޖެހި ގޯލުންނެވެ. އެއްވަރުވެފައި އޮއްވައި ޔުވެންޓަސް އަށް މައްސަލަތައް ދިމާވީ 69 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ އަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މެޗުގައި ލާޒިއޯއިން ފުރަތަމަ ފަހަރަށް ލީޑު ނެގީ 74 ވަނަ މިނެޓުގައި މިލަންކޮވިޗް-ސަވިޗް ޖަހައިދިން ގޯލުންނެވެ. ލާޒިއޯއިން ލީޑު ފުޅާކުރި ގޯލު އިތުރު ވަގުތުގެ ފަހު މިނެޓުގައި ޖަހައިދިނީ ފެލިޕޭ ސަސޭޑޯ އެވެ.

މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ކުއަޑްރާޑޯއަށް ދެއްކީ ރަނގަޅު ރަތެއް ނޫން ކަމަށާއި، އެކަމަކު ކޮންޓްރޯލް އޮތީ އޭނާގެ އަތުގައި ނޫން ކަމަށެވެ. ކުއަޑްރާޑޯއަށް ރަތް ކާޑު ދެއްކީ ލާޒިއޯގެ މަނުއެލް ލަޒާރީއަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތަކަށް ހުރަސް އެޅުމުންނެވެ.

ރޭގެ މޮޅަކީ 2003 ވަނަ އަހަރުގެ ފަހުން އަމިއްލަ ދަނޑުގައި ޔުވެންޓަސް އަތުން ލާޒިއޯއަށް ލިބުނު ފުރަތަމަ މޮޅެވެ. ރޭގެ މުހިއްމު މޮޅާއެކު އެއް ވަނައިގައި އޮތް އިންޓައާ ލާޒިއޯއާ ދެމެދު އޮތް ފަރަގު ވަނީ ފަސް ޕޮއިންޓަށް ކުޑަވެފަ އެވެ. ލާޒިއޯއަށް އިޓާލިއަން ލީގު އެންމެ ފަހުން ލިބުނީ މީގެ 20 އަހަރު ކުރިންނެވެ. އެކަމަކު ލީގައި ޖެހިޖެހިގެން ހޯދި ހަތް ވަނަ މޮޅާއެކު އެޓީމު މިހާރު އަންނަނީ އިންޓަ އާއި ޔުވެންޓަސްގެ ފަހަތުން ލީގަށް ވާދަކުރަމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *