މެސީގެ ރެކޯޑް ހެޓްރިކާއެކު ބާސެލޯނާ އިން މަޔޯކާ ބަލިކޮށްފި
ލިއޮނަލް މެސީ ރޭ ސްޕެނިޝް ލީގުގައި ރެއާލް މަޔޯކާ ކޮޅަށް ހެދި ހެޓްރިކާއެކު 5-2 އިން ބާސެލޯނާ މޮޅުވެ އެއް ވަނައިގައި އެޓީމުން މަގާމް ދަމަހައްޓައިފި އެވެ. ރޭގެ ހެޓްރިކަކީ ލީގުގެ ތާރީހުގައި މެސީ ހެދި 35 ވަނަ ހެޓްރިކެވެ. މި ހެޓްރިކާއެކު މެސީ ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ހަދާފައިވާ 34 ހެޓްރިކްގެ ރެކޯޑް ފަހަތައް ޖައްސާލައިފަ އެވެ.
ރޭގެ މެޗު ފެށުމުގެ ކުރިން މެސީ ވަނީ އޭނާއަށް މިދިޔަ މަހުގެ ދެ ވަނަ ދުވަހު ލިބުނު ބެލޮންޑިއޯ އެވޯޑް ދައްކާލައިފަ އެވެ. މެސީއާ އެކު އެކަމުގައި އޭނާގެ އާއިލާވެސް ބައިވެރިވި އެވެ. މެސީގެ ފަހަތުން ބެލޮންޑިއޯ ރޭހުގައި އުޅެނީ ފަސް ފަހަރު އެ ޝަރަފް ހޯދި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ރޭގެ މެޗުގެ ހަތް ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ އޮންޓުއަން ގްރީޒްމަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާއަށް ލީޑު ފުޅާކޮށްދިން ދެ ގޯލު ކާމިޔާބުކޮށްދިނީ މެސީ އެވެ. މެސީގެ ފުރަތަމަ ގޯލަށް ފަހު މަޔޯކާއިން ލީޑު ކުޑަކުރި ނަމަވެސް ފުރަތަމަ ހާފު ބާސެލޯނާއިން ނިންމާލީ ލުއިސް ސުއަރާޒްގެ ގޯލުން ލީޑު އިތުރަށް ފުޅާކޮށްގެންނެވެ. ފްރޭންކީ ޑި ޔޮން ޖައްސާލި ބޯޅަ އޭރިޔާ ތެރޭގައި ހުރެފައި މަޔޯކާގެ ކުޅުންތެރިއަކަށް ފުރުސަތެއް ނުދީ ސުއަރޭޒް ގޯލަށް ވައްދާލީ “ބެކް ހީލް” ގޯލެއް ގޮތަށެވެ. މި ގޯލާއެކު ސުއަރޭޒް ވަނީ ލީގުގައި އޭނާ ކުޅުނު 28 ޓީމު ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ. ރޭގެ މެޗަށް ފަހު ސުއަރޭޒް ބުނީ އެއީ ހަޔާތުގައި ޖެހުނު އެންމެ މޮޅު ގޯލު ކަމަށެވެ. 4-1 އިން ބާސެލޯނާ ލީޑުގައި އޮއްވައި 64 ވަނަ މިނެޓުގައި މަޔޯކާއިން ވަނީ އަނެއްކާވެސް ފަރަގު ކުޑަކޮށްފަ އެވެ. އެޓީމަށް މި ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ޖެހި އަންޓޭ ބުޑިމިރް އެވެ. މެޗުގައި މެސީ ހެޓްރިކް ހެދި ގޯލު ކާމިޔާބުކުރީ 83 ވަނަ މިނެޓުގަ އެވެ.
ބާސެލޯނާ ރޭ މޮޅުވިއިރު ވާދަވެރި ރެއާލް މެޑްރިޑް ވަނީ އިއްޔެ ހަވީރު އެސްޕަންޔޯލްއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިން ގޯލު ޖަހައިދިނީ ރަފައެލް ވެރާން އެވެ. މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ރެއާލް ލީޑު ފުޅާކޮށްދިން ގޯލު ކަރީމް ބެންޒެމާ ޖެހިއިރު މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ޑިފެންޑަރު ފާލެންޑް މެންޑީއަށް ރަތް ކާޑު ދެއްކުމުން މެޗުގައި ބާކީ ބައި އެޓީމުން ކުޅުނީ 10 ކުޅުންތެރިންނާއެކު އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން އިއްޔެ ބޭނުންކުރީ އެޓީމުން އާއްމުގޮތެއްގައި ބޭނުންނުކުރާ ފެހި ޖާޒީ އެވެ. އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ފެހި ޖާޒީ ރެއާލުން ބޭނުންކުރީ މެޑްރިޑްގައި ކުރިއަށްދާ މޫސުމާ ބެހޭ ކޮޕް25 ސަމިޓަށް ސަޕޯޓް ކުރުމުގެ ގޮތުންނެވެ.
އިއްޔެގެ މެޗުތަކަށް ފަހު ބާސެލޯނާ އާއި ރެއާލަށް ވެސް 15 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. ބާސެލޯނާއަށް މިވަގުތު ކުރި ލިބެނީ ރެއާލަށް ވުރެ ފައިދާ ދެ ގޯލު އިތުރުވުމުންނެވެ. އެކަމަކު ލީގުގައި މި ދެޓީމު މީގެ 11 ދުވަސް ފަހުން ވާދަކުރާ މެޗަށް ފަހު ލީގުގެ އެއް ވަނަ ކަނޑައަޅާނީ ހެޑް ޓު ހެޑް އުސޫލުންނެވެ.
Advertisement
Leave a Reply