ސެގާޓް މަގާމުން ވަކިކޮށްފި
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގައި ހުރި ޕީޓަ ސެގާޓާއެކު އެފްއޭއެމުން ހަދާފައިވާ އެއްވަސްވުން އުވާލައި އޭނާ މަގާމުން ވަކިކޮށްފި އެވެ. އެފްއޭއެމުން ދާދި ދެންމެއަކު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމީ ޓީމާ ސެގާޓާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓް ދެފަރާތް އެއްބަސްވާ ގޮތެއްގެ މިއަދުން ފެށިގެން ބާތިލްކުރަން ނިންމާފައިވާކަމަށެވެ.
ސެގާޓް ގައުމީ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ޓީމާއި ހަވާލުވެ ސެގާޓްގެ އިރުޝާދުގެ ދަށުން އެންމެ ފުރަތަމަ ކުޅުނީ އެކުވެރިކަމުގެ މެޗެކެވެ. ސިންގަޕޫރާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން ގައުމީ ޓީމު ބަލިވީ 3-2 އިންނެވެ. ވޭތުވެދިޔަ ދޮޅު އަހަރެހާ ދުވަސްތެރޭ ސެގާޓްގެ އިރުޝާދުގެ ދަށުން ރާއްޖޭން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ މިދިޔަ އަހަރު އޮތް ސާފް ސުޒުކީ ކަޕް ކާމިޔާބުކުރުމެވެ. އެ މުބާރާތުގައި އިންޑިއާގެ މައްޗަށް 2-1 އިން މޮޅުވެ ޗެމްޕިއަންކަން ހޯދި ނަމަވެސް ޖުމްލަގޮތެއްގައި ސެގާޓްގެ ކޯޗުކަމުގައި ޓީމުގެ ފަރާތުން ފެނުނީ ދަށް ނަތީޖާތަކެކެވެ.
Upon discussion with the Head Coach, we have come to an amicable agreement to end the contract between him and @MaldivesFA effective immediate.
Thanking him on behalf of the football family for the success & the development.
– FAM President @bassam_jaleeI – pic.twitter.com/w9ZCyrGpaU
— Football Association of Maldives (@MaldivesFA) December 7, 2019
އެންމެ ފުރަތަމަ ޖަރުމަނުގެ ކްލަބްތަކުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ކެރިއަރު ފެށުމަށް ފަހު ސެގާޓް ވަނީ އިންޑޮނީޝިއާ އާއި ބޮސްނިއާ އަދި އޮސްޓްރިއާގެ ކްލަބްތަކަށް އިރުޝާދުދީފަ އެވެ. އަދި ޖޯޖިއާގެ 21 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމަށް ވެސް ސެގާޓް ވަނީ ކޯޗުކަން ކޮށްދީފަ އެވެ.
ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި ސެގާޓަށް ވަނީ ސަޕޯޓަރުންނާއި ފުޓްބޯޅަ ކޯޗުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ. ސެގާޓަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ދިގު މުއްދަތެއް ވަންދެން އަލީ އަޝްފާގް (ދަގަނޑޭ) ގައުމީ ޓީމުން ބާކީ ކުރުމުންނެވެ. ރާއްޖޭގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ސެގާޓް އެންމެ ފުރަތަމަ ދުވަހު ދިން އިންޓަވިއުގައި ބުނެފައިވަނީ ޖީލެއް ބިނާކުރަން ދަގަނޑޭގެ އެހީތެރިކަން އޭނާއަށް ބޭނުންވާނެކަމަށެވެ. އަދި، ރާއްޖޭގެ ކޮންމެ ކުޅުންތެރިއަކަށް ވެސް ގައުމީ ޓީމުން ފުރުސަތު ލިބޭނެކަމަށް ސެގާޓް ވަނީ ބުނެފަ އެވެ.
“ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނަން. އެކަމަކު ގައުމީ ޓީމުގެ ދޮރު އެއްވެސް ކުޅުންތެރިޔަކަށް އަހަރެން ބަންދެއް ނުކުރާނަން. ކޮލިޓީ ހުރިއްޔާ، އަހަރެމެންގެ ފިލޯސަފީ އަށް އިހުތިރާމްކުރަންޏާ އުމުރަކަށް ނުބަލާނަން” ގައުމީ ޓީމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާ ވާހަކަދައްކަމުން މިދިޔަ އަހަރުގެ މާޗް މަހު ސެގާޓް ބުނެފައިވެ އެވެ.
ސެގާޓްގެ ކޯޗުކަމުގެ ކުރީކޮޅު ދަގަނޑޭ ޓީމުން ބާކީކުރީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް މާލޭގައި ކުޅެން އޮތް މެޗުގެ ޕްރެސް ކޮންފަރެންސަށް ހާޒިރުނުވުމުންނެވެ. ދަގަނޑޭއަށް ދިން އަދަބެއްގެ ގޮތުގައި އެކަން ދޮޅު އަހަރުވަންދެން ދެމިއޮތެވެ. ދަގަނޑޭއަށް ފުރުސަތު ދިނުމަށް ސަޕޯޓަރުންނާއި މުޅި ގައުމު އުފުލަމުންދިޔަ އަޑަށް ބީރު ކަންފަތެއްދީ ދިފާއުގައި ސެގާޓް އެކި ފަހަރު ދެއްކީ އެކި ވާހަކަ އެވެ. ދަގަނޑޭއަށް ސެގާޓް އަލުން ފުރުސަތު ދިނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގަ އެވެ. އޭގެފަހުން ދަގަނޑޭ ގައުމީ ޓީމުގައި ހިމެނޭއިރު ކޮލިފައިންގައި ރަށުން ބޭރުގައި ސީރިއާއާ ދެކޮޅަށް ކުޅުނު މެޗާއި ގަލޮޅު ދަނޑުގައި ގުއާމާ ދެކޮޅަށް ކުޅުނު މެޗުގައި ދަގަނޑޭ ވަނީ ލަނޑު ޖަހައިފަ އެވެ.
ސެގާޓާއެކު ރާއްޖޭން އެންމެ ބޮޑަށް އަމާޒުހިފީ އޭޝިއަން ކަޕަށް ކޮލިފައިވުމަށެވެ. އެކަމަކު އަމިއްލަ ދަނޑުގައި މިދިޔަ މަހު ފިލިޕީންސް އަތުން ބަލިވުމުން މިހާރު ވަނީ ގްރޫޕް ސްޓޭޖުން މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ހަނިވެފަ އެވެ. ވޯލްޑް ކަޕް ކޮލިފައިން ބުރުން އޭޝިއަން ކަޕްގެ ޖާގައެއް ނުލިބުނު ނަމަވެސް ގްރޫޕުގެ ފުލުގައި ނިންމާނުލައިފި ނަމަ އޭޝިއަން ކަޕަށް ކޮލިފައިވުމުގެ އިތުރު ފުރުސަތެއް ރާއްޖެއަށް ލިބޭނެ އެވެ.
ސެގާޓާއެކު ރާއްޖޭގެ ނަތީޖާތަށް ދަށްވި ނަމަވެސް މިއަދާ ހަމައަށް އޭނާގެ އެއްބަސްވުން އުވާލައި މަގާމުން ވަކިކުރުމުގެ އެއްވެސް ވާހަކައެއް ނުދެކެވެ އެވެ. ސެގާޓްގެ އެއްބަސްވުން މިއަދު އުވާލިއިރު އޭނާއާއެކު އެފްއޭއެމުން ހަދާފައިވާ އެއްބަސްވުން އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް އޮތީ ހަމަވާ ގޮތަށެވެ. އެނގިފައިވާ ގޮތުގައި އެފްއޭއެމުން ކުރިން ވެސް ނިންމާފައިވަނީ މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްއަށް ފަހު ސެގާޓް މަގާމުން ވަކިކުރުމަށެވެ.
މިފަހަރުގެ ގޭމްސްއަށް ރަން މެޑަލަށް އަމާޒުހިފައި ސެގާޓާއެކު ނޭޕާލަށް ދިޔައީ ވަރުގަދަ ޓީމެކެވެ. އެކަމަކު މުބާރާތުގެ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ވެސް ރާއްޖެއަށް މޮޅެއް ނުލިބުނެވެ. ފުރަތަމަ މެޗު ސްރީ ލަންކާއާ ދެކޮޅަށް ކުޅެ ގޯލެއް ނުޖެހި އެއްވަރުވިއިރު ދެ ވަނަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އޭގެފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން ބަލިވިއިރު މިއަދު މުބާރާތުން ކެޓީ ނޭޕާލް އަތުން 2-1 އިން ބަލިވުމުންނެވެ.
މިއަދުގެ މެޗަށް ފަހު ރާއްޖޭގެ ކޯޗުކަމުގެ ކުރިމަގާއި ގުޅޭގޮތުން ސެގާޓާ ސުވާލުކުރުމުން އޭނާ ބުނީ ވަކި ގޮތެއް ނިންމާނީ އެފްއޭއެމާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ. ސެގާޓް ކޯޗުކަމުން ވަކިކުރީ އެހެން ބުނިތާ ގަޑިއިރެއް ނުވަނީހެވެ.
މިފަހަރުގެ ގޭމްސްއަށް ވަރުގަދަ ޓީމަކާއެކު ދިއުމުން ދިވެހިން އުއްމީދުކޮށްގެން ތިބީ ރަން މެޑަލަށެވެ. އެކަމަކު މެޗުތަކުން މޮޅުނުވާން ފެށުމުން ސެގާޓްގެ ފަރާތުން ފެނުނީ އެކި ބަހަނާތައް ދެއްކި ތަނެވެ. އެއް ކަމަކަށް މުބާރާތުގެ ޝެޑިއުލަށް ސެގާޓް ވަރަށް ބޮޑަށް ފާޑުކީއިރު މިއަދު މުބާރާތުން ކެޓުމުން ސެގާޓް ބުނީ 23 އަހަރުން ދަށުގެ ފަސް ކުޅުންތެރިއަކަށް މިފަހަރު ނުކުޅެވުނު ކަމަށެވެ. އަދި، މިފަހަރުގެ މުބާރާތުން ކެޓިޔަސް ރާއްޖޭގެ އަމާޒަކީ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށާއި، އެކަމަށް އިޝާރަތްކޮށް ކޮލިފައިންގައި ރާއްޖެއަށް 6 ޕޮއިންޓް ލިބިފައިވާކަން ސެގާޓް ފާހަގަކުރި އެވެ. އެކަމަކު އެއީ ދުނިޔޭގެ ރޭންކިންގައި ވަރަށް ފަހަތުގައި އުޅޭ ގުއާމް އަތުން ރާއްޖެ އަށް ލިބުނު ދެ މޮޅެވެ.
ސެގާޓް މިއަދު މަގާމުން ވަކިކުރިއިރު ފުޓްބޯޅައިގެ ސަޕޯޓަރުން އޭނާގެ އިސްތިއުފާތައް އެދެމުންދާތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ.
Advertisement
Leave a Reply