ސަޕޯޓަރުންނަށް ސެގާޓް ދެއްކި ރަނުގެ ހުވަފެން ބިލާހަކަށް!

ވަރުގަދަ ޓީމަކާއެކު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމު މިއަދު ނޭޕާލް އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ. ނޭޕާލުގެ 30،000 ސަޕޯޓަރުން ކުރިމަތީ ދަސާރާތު ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1 އިންނެވެ.
މިފަހަރުގެ މުބާރާތަށް ފުރުމުގެ ކުރިން ރާއްޖޭގެ ކޯޗު ޕީޓަ ސެގާޓް ބުނީ މިއީ ރަން މެޑަލަށް އަމާޒުކުރާ މުބާރާތެއް ކަމަށެވެ. އެހެން ސެގާޓް ބުނުމުގެ އެންމެ ބޮޑު ސަބަބަކަށްވީ ރާއްޖޭގެ ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޒުވާން ޓީމުގައި ހިމެނުމެވެ. އަދި ސީނިއާ ތިން ކުޅުންތެރިން ހިމަނަން ލިބުނު ފުރުސަތުގައި އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ކޯޗު ފުރުސަތު ދިނެވެ.
ރާއްޖޭން ރަން މެޑަލް ހޯދަން ކުރި އުއްމީދު މަތިވީ މުބާރާތް ފެށެން ދެތިން ދުވަހަށް ވެފައިވަނިކޮށް ސަރަހައްދުގެ ގަދަބާރު އިންޑިއާއިން މުބާރާތުން ވަކިވުމުންނެވެ. އިންޑިއާ މުބާރާތުން ވަކިވުމުން ސަޕޯޓަރުން އުއްމީދުކުރީ ދެން ވާދަކުރި ޓީމުތައް ބަލިކޮށް ރާއްޖެއަށް ޗެމްޕިއަންކަން ހޯދޭނެ ކަމަށެވެ.

މިއަދުގެ މެޗަށް ނުކުތް ރާއްޖޭގެ ޓީމު. އެއްވެސް މެޗަކުން މޮޅެއް ނުލިބި ވަނީ ކަޓާފައި. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު
ފަސް ގައުމުން ވާދަކުރާ މުބާރާތުގެ ލީގު ބުރުގެ ކުޅުން ރާއްޖެއަށް ނިމުނުއިރު ލިބުނީ އެންމެ ދެ ޕޮއިންޓެވެ. ފުރަތަމަ މެޗުގައި ގޯލެއް ނުޖެހި ލަންކާއާ އެއްވަރުވިއިރު ދެ ވަނަ މެޗުގައި ބަންގްލަދޭޝާ ވާދަކޮށް އެއްވަރުވީ 1-1 އިންނެވެ. ތިން ވަނަ މެޗުގައި 2-1 އިން ރާއްޖެ ބަލިވީ ސަރަހައްދުގެ އިތުރުން ދުނިޔޭގެ ރޭންކިންގައި ވެސް ވަރަށް ފަހަތުގައި އުޅޭ ބޫޓާން އަތުންނެވެ. މިއަދު ނޭޕާލާ ދެކޮޅަށް ނުކުތްއިރު ފައިނަލަށް ދިއުމަށް ރާއްޖެއަށް އޮތީ ހަނި ފުރުސަތެކެވެ. އެއީ ބޮޑު ތަފާތަކުން ނޭޕާލް ބަލިކޮށް އެހެން މެޗުތަކުގެ ނަތީޖާއަށް އިންތިޒާރުކުރުމެވެ.
މިއަދުގެ މެޗާއެކު ނޭޕާލުން ވަނީ ހަތް ޕޮއިންޓް ހޯދައި ލީގު ބުރުގެ އެއް ވަނަ އަށް އަރައިފަ އެވެ. ފަހު މެޗުގައި ބަންގްލަދޭޝް އަތުން ބޮޑު ތަފާތަކުން ބަލި ނުވެއްޖެ ނަމަ ނޭޕާލަށް ފައިނަލުގެ ޖާގައެއް ލިބޭނެ އެވެ. ދެ ވަނައިގައި ހަ ޕޮއިންޓާއެކު އޮތް ބޫޓާނުން މިއަދު ހަވީރު ލަންކާއާ ދެކޮޅަށް ނުކުންނާނެ އެވެ. ލީގު ބުރުގެ ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓް ހޯދާފައިވާ ބަންގްލަދޭޝް އެވެ. ހަތަރު ވަނައިގައި އޮތް ލަންކާ އާއި ފުލުގައި އޮތް ރާއްޖެއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މިއަދު ހަވީރު ބޫޓާން އަތުން ލަންކާއިން ޕޮއިންޓެއް ހޯދައިފި ނަމަ މިފަހަރުގެ ގޭމްސް ރާއްޖެ ނިންމާލާނީ ފުލުގައި އޮވެ އެވެ.
ފަހުގެ ތާރީހެއްގައި ސަރަހައްދީ ފިރިހެން ފުޓްބޯޅަ މުބާރާތަކުން އެންމެ ފުލުގައި ރާއްޖެއިން ނިންމާލާފައެއްނުވެ އެވެ. އިންޑިއާގެ ފަހަތުން ސަރަހައްދުގެ އެންމެ މޮޅު ޓީމުގެ ގޮތުގައި ރާއްޖެ ލޭބަލް ވެފައިވާއިރު މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭން ވަނީ ހޯދައިފަ އެވެ.
މޮޅުވާން މަޖުބޫރު މެޗަށް ކޯޗު ޕީޓަ ސެގާޓް މިއަދު ނެރުނު ފުރަތަމަ އެގާރައިގައި ފުރަތަމަ ފަހަރަށް އިސްމާއީލް ޒާން އާމިރު ވަނީ ހިމަނައިފަ އެވެ. 19 އަހަރުގެ ޒާން އަކީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަނުގެ ޔޫޑީ ކެނަލްސް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން ޒާން މިއަދު ވަނީ އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ.
ނޭޕާލުގެ ސަޕޯޓަރުންގެ އަޑުން މުޅި ސްޓޭޑިއަމަށް ފޯރި ގެނައި މެޗު ފަށައިގެން މޮޅަށް ކުޅުނީ އެޓީމުންނެވެ. ނޭޕާލުން މެޗުގައި އުފެއްދި ފުރަތަމަ ހަމާލާގައި އެޓީމުގެ ކެޕްޓަން ސޫޖަލް ޝްރެސްތާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. އޭގެފަހުން ރާއްޖޭން ވަނީ ކުޅުން ރަނގަޅުކޮށް 18 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ގެ ގޯލުން ލީޑު ނަގައިފަ އެވެ. ހުސައިން ސިފާއު ޔޫސުފް (ކުރޯ) އެއްލި ބޯޅައެއް ނޭޕާލުގެ ކުޅުންތެރިއަކު ބޮލުގައި ލައްވާނުލައި ލިބުނީ އޭރިޔާ ތެރޭގައި ހުރި ފޭދޫ އިއްބެ އަށެވެ. ހުސްކޮށް ހުރެ ފޭދޫ އިއްބެ ގޯލު ކާމިޔާބުކުރީ ފަސޭހަކަމާއެކު އެވެ. މުޅި މުބާރާތުގައި ރާއްޖޭގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ފޭދޫ އިއްބެ ވަނީ ބަންގްލަދޭޝްއާ އެއްވަރުކުރި މެޗުގައި ވެސް ރާއްޖޭގެ ހަމައެކަނި ގޯލު ޖަހައިފަ އެވެ.
ރާއްޖޭން ލީޑު ނެގިތާ އިރުކޮޅެއް ފަހުން ނޭޕާލުގެ ރެޖިން ސުބާ ޖެހި ބޯޅަ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ ހުށިޔާރުކަމާއެކު މަތަކޮށް ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ނޭޕާލުގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅައެއް ގޯލު ރޮނގުމަތީގައި ހުރެފައި ޑިފެންޑަރު ހައިޝަމް ހަސަން ވަނީ ބޮލުން ބޯޅަ ބޭރުކޮށްލައިފަ އެވެ.

ފޭދޫ އިއްބެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. މުބާރާތުގައި ފޭދޫ އިއްބެ ވަނީ މޮޅު ކުޅުމެއް ދައްކައިފައި. – ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / ހުސައިން ވަހީދު
ނޭޕާލުގެ ހަމަލާތަކަށް ފަހު ދެން ފެނުނީ ގާތްގާތުގައި ރާއްޖެއަށް ހުސް ތިން ފުރުސަތެއް ލިބި ބޭނުން ނުކުރެވުނު ތަނެވެ. މީގެ ތެރެއިން ދެ ފުރުސަތެއް ފޭދޫ އިއްބެއަށް ލިބުނުއިރު އަނެއް ފުރުސަތު ލިބުނީ ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ. ހަމްޕު ދިން ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަނުމަށް ފަހު ފޭދޫ އިއްބެ ފޮނުވާލި ފުރަތަމަ ހަމަލާ ނޭޕާލުގެ ކީޕަރު ބިކޭޝް ކޫތޫ ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ފޭދޫ އިއްބެއަށް ލިބުނު ދެ ވަނަ ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯލާ އަމާޒެއްނުވި އެވެ. ފޭދޫ އިއްބެއަށް ލިބުނު ދެ ފުރުސަތަށް ފަހު ދެން ފެނުނީ ހަމްޕުއަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔަތަނެވެ. ލީޑު ފުޅާކުރަން ރާއްޖެއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނުއިރު ނޭޕާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފަ އެވެ. ރާއްޖޭގެ ޑިފެންޑަރު ކުރޯ ހޯދަން މަސައްކަތްކުރި ބޯޅަ ނޭޕާލުގެ އަބީޝޭކް ރިޖާލްއަށް ލިބުމުން ކޮންޓްރޯލް ކޮށްފައި ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ. އެ ބޯޅަ މަތަކުރަން މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީޕަރު ހުސައިން މަސައްކަތް ކުރިނަމަވެސް ފޯރާވަރެއް ނުވި އެވެ.
ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ ފުރުސަތު ލިބުނީ ރާއްޖޭގެ ޓީމުގެ ނާއިޒް ހަސަން (ދާދު) އަށެވެ. އަރިމަތިން މުހައްމަދު ސާމިރު ނަގައިދިން ހުރަސް ގޯލަށް ނުޖެހުނީ ދާދު ފައިގައި ލައްވާ ނުލުމުންނެވެ. އޭގެ އިރުކޮޅެއް ފަހުން ނޭޕާލުން ނެގި ކޯނަރެއް ރާއްޖޭގެ ކީޕަރު ހުސައިން ވަނީ ހުއްޓުވައިފަ އެވެ. ނޭޕާލުން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފުގެ ހަ ވަނަ މިނެޓުގަ އެވެ. އެޓީމުން ނެގި ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ކާމިޔާބުކޮށްދިނީ އަނަންތާ ތަމާންގް އެވެ. މި ގޯލު ޖެހިއިރު ރާއްޖޭގެ ޑިފެންޑަރުންނަށް އަނަންތާ ހުރީ ދޫކޮށްލެވިފަ އެވެ. ނޭޕާލުން ލީޑު ނެގިފަހުން ދެ މިނެޓު ނުވަނީސް ފޭދޫ އިއްބެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ފޮނުވާލި ހަމަލާ ތިރިތިރިން ދިޔައީ ބޭރަށެވެ. އެއަށް ފަހު ދެން ފެނުނީ ނޭޕާލުން ނަގައިދިން ކޯނަރެއް ކީޕަރު ހުސައިން އަތުން ދޫވި ނަމަވެސް ދެ ވަނަ ފަހަރަށް އެ ބޯޅަ އަތުލިތަނެވެ. ބޯޅަ ހިފަހައްޓައިގެން ދެ ވަނަ ހާފުގައި ގިނަ ވަގުތު ކުޅުނު ރާއްޖޭގެ ޓީމަށް މެޗުގެ ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. އެކަމަކު ފޭދޫ އިއްބެ ނަގައިދިން ހުރަހެއް ހައިޝަމް ބޮލުން ޖެހުމުން ކީޕަރު މަތަކުރިއިރު އޭގެފަހުން ދާދު އާއި ސާމިރު ނަގައިދިން ދެ ބޯޅަ ވެސް ދިޔައީ ކީޕަރު އަތަށެވެ. މެޗުގެ ފަހުބައިގައި ކޯޗު ސެގާޓް ވަނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ރިހާމް އަބްދުލްގަނީ (ބޮބީ) ކުޅެން އަރުވައިފަ އެވެ.
ލީޑުގައި އޮވެ މެޗު ނިންމާލުމަށް ފަހު ނޭޕާލުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. މިދިޔަ އަހަރުގެ އޮތް ސުޒުކީ ކަޕްގެ ސެމީ ފައިނަލުން ނޭޕާލް ކެޓީ ރާއްޖެއާ ވާދަކުރި މެޗުން ބަލިވުމުންނެވެ. އެހެންވެ އެޓީމުގެ ސަޕޯޓަރުން ދެކޭގޮތުގައި މިއަދުގެ ނަތީޖާއަކީ ހިފި ބަދަލެކެވެ. އެކަމަކު 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުގައި ނޭޕާލުން ވަނީ ރާއްޖެ ބަލިކޮށްފަ އެވެ.
މުޅި މުބާރާތުގައި ވެސް ފެނުނީ ނަތީޖާ ނެރުމުގައި ރާއްޖޭގެ ޓީމަށް އުނދަގޫވި ތަނެވެ. މިފަހަރުގެ ގޭމްސްގެ ފިރިހެން ފުޓްބޯޅަ ޓީމު ކެޓި ނަމަވެސް އަންހެން ފުޓްބޯޅަ ޓީމު ވަނީ މިއަދު ލަންކާ 2-1 އިން ބަލިކޮށް ލޯ މެޑަލް ހޯދައިފަ އެވެ.
Advertisement


Leave a Reply