ދުނިޔޭގެ ފެންވަރުގެ ކެރަމް މުބާރާތަކުން ރާއްޖޭގެ އަންހެން ޓީމް ރިހި މެޑަލް ހޯދައިފި

Advertisement

ދުނިޔޭގެ ފެންވަރުގެ ކެރަމް މުބާރާތަކުން ރާއްޖޭގެ އަންހެން ޓީމް ރިހި މެޑަލް ހޯދައިފި

ޢަބްދުﷲ އަޝްރަފް

ކެރަމްގައި ދުނިތޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ކެރަމް ފެޑެރޭޝަން ކަޕް ގެ މިއަހަރުގެ މުބާރާތުން ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމް ރިހި މެޑަލް ހޯދައިފިއެވެ.

މި މަހުގެ 2 އިން 6 އަށް އިންޑިއާގެ ޕޫނޭ ގައި ކުރިއަށްދިޔަ އައިސީއެފް ކަޕް ކެރަމް މުބާރާތުގެ ފައިނަލްގައި ރާއްޖޭގެ އަންހެން ޓީމް ވާދަކޮށްފައިވަނީ އިންޑިއާ އާވެ. މުބާރާތުގެ ޓީމް އިވެންޓްގެ ކުރިން ކުރިއަށްދިޔަ ސިންގަލްސް އޯޕަން އިވެންޓްގައި ގައި ރާއްޖޭގެ  އަންހެން ކުޅުންތެރިން ދެއްކި ކުޅުމަށް ބަލައި ރާއްޖެ އަންހެން ޓީމް ސީޑްކޮށްފައި އޮތީ ތިން ވަނައިގައެވެ. އެހެންވުމާއެކު ރާއްޖޭގެ އަންހެން ޓީމުން ފުރަތަމަވެސް ވާދަކުރީ ސެމީ ފައިނަލްގައެވެ. މުބާރާތުގެ ފައިނަލުން ރާއްޖޭގެ އަންހެން ޓީމް ޖާގަ ހޯދީ ސެމީ ފައިނަލްގައި ސްރީ ލަންކާގެ ޓީމާއި ވާދަކޮށް މޮޅުވެގެންނެވެ. މިއީ ރާއްޖޭގެ ގައުމީ އަންހެން ކެރަމް ޓީމް މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ބައިނަލް އަގްވާމީ މުބާރާތެއްގެ ފައިނަލުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.

އައިސީއެފް ކަޕަކީ ކެރަމްގެ ވޯލްޑް ކަޕަށް ފަހު އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަނުން ބާއްވާ އެންމެ ބޮޑު ކެރަމް މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 16 ގައުމަކުން ވާދަކުރިއިރު އޭގެ ތެރޭގައި ޔޫރަޕްގެ އަށް ގައުމަކާއި، އުތުރު އެމެރިކާގެ ދެ ގައުމެއްގެ އިތުރުން އޭޝިއާ ސަރަހައްދުގެ ހަތް ގައުމަކުން ވާދަކޮށްފައިވެއެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މި މުބާރާތުގައި ވާދަކޮށްފައިވަނީ ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝް އެވެ.

މުބާރާތުގައި ރާއްޖޭގެ ގައުމީ ފިރިހެން ޓީމްވެސް ވާދަކޮށްފައިވާއިރު އެޓީމުން ފުރަތަމަ ވާދަކުރީ މުބާރާތުގެ ކުއާޓަރ ފައިނަލްގައެވެ. ކްއާޓަރ ފައިނަލްގައި ކެނަޑާ އާ ދެކޮޅަށް ކުޅެ 1-2 އިން މެޗް ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދި ނަމަވެސް ސެމީގައި ސްރީ ލަންކާ އަތުން ރާއްޖޭގެ ފިރިހެން ޓީމް ވަނީ ބަލިވެފައެވެ. އަދި، އޭގެ ފަހުން ތިން ވަނަ ހޮވި މެޗްގައި ބަންގްލަދޭޝް އާ ވާދަކޮށް ބަލިވުމުން މެޑައްޔެއް ނުލިބި ފިރިހެން ޓީމަށް ވަނީ މުބާރާތް ނިންމާލަން ޖެހުނެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު އޮތް އައިސީއެފް ކަޕުން ރާއްޖޭގެ އަންހެން ޓީމަށް ލިބުނީ 3 ވަނަ އެވެ. އެފަހަރުގެ މުބާރާތުގައި ފިރިހެން ޓީމަށް ލިބުނީ 4 ވަނަ އެވެ.

މިފަހަރުގެ ސިންގަލްސް އިވެންޓްގައި ރާއްޖެއިން ވާދަކުރި ކުޅުންތެރިންގެ ތެރެއިން އިސްމާއިލް އަޒްމީން އާއި އާމިނަތު ވިދާދު ވަނީ މުބާރާތުގައި އެޚުޅުންތެރިން ވާދަކުރި ބައިން އެންމެ މޮޅު އަށް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *